ޘަޥްބާން ރަޟިޔަﷲ ޢަންހުގެ ވާހަކަ

ޘަޥްބާން ރަޟިޔަﷲ ޢަންހަކީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މަތިވެރި ޞަހާބީންގެ ތެރެއިންވާ ބޭކަލެކެވެ. އެ ޞަޙާބީއެއްގެ ސަބަބުން ޤުރުއާނުގެ އާޔަތެއް ބާވައިލެއްވުނު އަހަރެމެންނަށްވާ ނަމޫނާ ބޭކަލެކެވެ. ޘަޥްބާން (ރ.ޢ) އަކީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް މިނިވަންކުރެއްވި އަޅުންގެ ތެރެއިންވާ އެކަލޭގެފާނު  ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެކެ ނިހާޔަތަށް ލޯބިވާ ޞަޙާބީއެކެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަވަހާރަ ވުމާއެކު ﷲގެ މަގުގައި ޖިހާދުކުރުމަށް އެކި ޤައުމުތަކަށް ދަތުރުކުރެއްވެވިއެވެ. މުސްލިމުން މިސްރު ފަތަޙަ ކުރި ލަޝްކަރުގަވެސް ޘަޥްބާން ރަޟިޔައްﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 51 އަހަރުގައެވެ.

 

ދެން މި މަތިވެރި ޞަޙާބީގެ ވާހަކައިގެން ކުރިއަށްދަމާތޯއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙާޟިރުގައި  އަބަދުވެސް ވުމަށް ޘަޥްބާން (ރ.ޢ) ލޯބިކުރައްވަވައެވެ. ރަސޫލުﷲ  ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ގަނޑުވަރުކޮޅުގައި އެކަލޭގެފާނުގެ ޚިދުމަތުގައި ވަޤުތު ހޭދަކުރައްވަވައެވެ. އޭގެއިތުރުންވެސް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދަތުރުފުޅެއްގައި ތަނަކަށް ވަޑައިގަންނަވާނަމަ، އެކަލޭގެފާނާ އެކު ޘަޥްބާން (ރ.ޢ) ވަޑައިގަންނަވައެވެ.

 

އެއްދުވަހަކު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހެނދުނު ބޭރަށް ނުކުމެވަޑައިގެންނެވިއެވެ. ޘަޥްބާން (ރ.ޢ) ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ގަނޑުވަރަށް ވަޑައިގެންނެވިއިރު އެކަލޭގެފާނު ނުއުޅުއްވައެވެ. އެކަލޭގެފާނު ހޯދުމަށްޓަކާ ޘަޥްބާން (ރ.ޢ) ވަރަށް މަސައްކަތް ކުރެއްވިއެވެ. އިރުއޮއްސި އުޑުމަތި އަނދިރިވީއިރުވެސް ޘަޥްބާން(ރ.ޢ) އަކަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ފެންނަގޮތެއް ނުވިއެވެ.

 

އެކަލޭގެފާނު  ޞައްލައްﷲ ޢަލައިހި ވަސައްލަމް އެނބުރިވަޑައިގަތީ ރޭގަނޑުވީފަހުންނެވެ. އެހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަށް ފެނިވަޑައިގަތީ ޘަޥްބާން (ރ.ޢ) ކީރިތިކުރައްވަން ހުންނެވިތަނެވެ. އެކަލޭގެފާނު ޘަޥްބާން (ރ.ޢ) އާ ސުވާލުކުރެއްވިއެވެ.

“ما يبكيك يا ثوبان؟” “އޭ ޘަޥްބާންއެވެ. ތިބާ ތިޔަ ރޮނީ ކޮން ކަމަކާތޯއެވެ.”

 

އެހިނދު ޘަޥްބާން (ރ.ޢ) ވިދާޅުވިއެވެ. “އޭ  ރަސޫލުﷲ އެވެ. ކަލޭގެފާނު ތިމަން ދޫކުރައްވާ ރެއާއި ދުވާލު ހޭދަކުރެއްވީއެވެ. މުޅިދުވަހު ކަލޭގެފާނު ނުފެނި އުޅެންޖެހުމުން އަޅުގަނޑު މިވަނީ ވަރަށް ދެރަވެފައެވެ. ދެން އަޅުގަނޑުގެ ހިތަށް އަރަންފެށީ، ކަލޭގެފާނު ވާހުށީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައިކަމެވެ. އަދި އަޅުގަނޑަށް ސުވަރުގެއަށް ދެވުނު ކަމުގައި ވީނަމަވެސް ކަލޭގެފާނާ އެއް ދަރަޖައަކަށް ވާޞިލުވުމަކީ އަޅުގަނޑަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އެހިނދު ސުވަރުގޭގައި ކަލޭގެފާނާ ދުރުގަ ހުންނަން ޖެހިދާނެ ކަމަށް ހިތަށް އަރާފައި ދެރަވެ ރޮވުނީއެވެ.

 

އެހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: “يا ثوبان أما علمت أن المرء يحشر مع من أحب” މާނަ: ” އޭ ޘަޥްބާނެއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ. މީހާ މަޙްޝަރުކުރެވޭހުށީ އޭނާ އެންމެ ލޯބިވާ މީހަކާ އެކީގައެވެ.”

އެހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޘަޥްބާން (ރ.ޢ) ގެ ހިތުގައިވާ ލޯބީގެ އަގު ވަޒަން ކުރަށްވާ ޤިޔާމަތާހަމައަށް ދެމިގެންވާ އަގުހުރި ހަދިޔާއެއް 7 އުޑުމަތިން ﷲ ޞުބުޙާނަހޫ ވަޠަޢާލާ ބާވައިލެއްވިއެވެ. އެކަލާނގެ ވަޙީ ކުރައްވަނީ: وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿ سورة النساء 69 ﴾

މާނަ:” اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. “

 

މި އާޔަތް ބާވާލެއްވުމާއެކު ޘަޥްބާން (ރ.ޢ) ގެ މޫނު އަލިވެ އުޖާލާ ވެގެން ދިޔައެވެ. އަދި ސުވަރުގޭގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމާ އެކު ވާނެކަމުގެ ޔަޤީންކަން އެކަލޭގެފާނަށް ލިބުނެވެ.

 

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭ ވިސްނާލައްވާށެވެ. (ޞަޙާބީން ރަޟިޔައްﷲ ޢަންހުމް ޖަމީޢަން)، އެބޭކަލުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްދެކެ ލޯބިވީ މިންވަރުގެ ޛައްރެއްގެ މިންވަރަށް ވެސް އަޅުގަނޑުމެންނަށް އެކަލޭގެފާނު ދެކެ ލޯބި ވެވޭތޯ؟ އެކަލޭގެފާނުގެ ސުންނަތެއް ފެނިއްޖެނަމަ އެ ސުންނަތަކަށް ޢަމަލުކުރަން އަވަސްވެގަނެވޭތޯ؟ ނުވަތަ އެކަމަކާ ހިތް ހަމަ ނުޖެހި ނުރުހުންތެރިވެވެނީތޯ؟ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަން ވަޤުތުކޮޅެއް ހުސްކޮށްލެވޭތޯ؟ ބޮޑެތި ޤުރުބާނީ ތަކާއެކު އެކަލޭގެފާނާއި މަތިވެރި ޞަޙާބީން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ މި ފުރިހަމަ އިސްލާމް ދީނަށް އަޅުގަނޑުމުންނަށް އުޅެވޭތޯ؟ މިއީ ހައްތަހާވެސް އަޅުގަނޑުމެން އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ސުވާލުތަކެވެ. އަޅުގަނޑުމެން އެކަލޭގެފާނުދެކެ ޙަޤީޤީ ލޯބި ވާނަމަ އެދަޢުވާ ޘާބިތު ކުރުމަށްޓަކާ ނަމަވެސް އެކަލޭގެފާނަށް ފުރިހަމައަށް ކިޔަމަންވާންޖެހެއެވެ. އިމާމް ޝާފިޢީ އެކަލޭގެފާނު ހެއްދެވި ޅެމެއްގައި ވިދާޅުވެފައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވަނީ: “لو كان حبك صادقاً لأطعته***إن المحب لمن يحب مطيـــــع”

މާނަ: “ތިބާ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެކެވާ ލޯތްބަކީ ތެދު ލޯތްބެއްކަމަށް ވާނަމަ، ތިބާ އެކަލޭގެފާނަށް ފުރިހަމައަށް ކިޔަމަންވާނެއެވެ. *** ހަމަކަށަވަރުންވެސް މީހަކުދެކެ ލޯބިވާ މީހާ އޭނާ އެލޯބިވާ މީހަކަށް ކިޔަމަންވާނެއެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!