މޫސާގެފާނު މަރުގެ މަލާއިކަތާގެ ލޯފުޅު އުފުރާލެއްވެވި ޙާދިޘާ

އަބޫހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. ” މަރުގެ މަލާއިކަތާ މޫސާގެފާނުގެ އަރިހަށް(އިންސާނެއްގެ ސިފައިގައި) ވަޑައިގެން ދެންނެވިއެވެ. ” ކަލޭގެ ފާނުގެ ވެރިއިލާހަށް އިޖާބަ ދެއްވާށެވެ!” ދެން މޫސާގެފާނު އެމަލާއިކަތާގެ ލޯފުޅުމަތީގައި ޖެއްސެވި ޖެއްސެވީނުން އެމަލާއިކަތާގެ އެއްލޯފުޅު އުފުރާލެއްވިއެވެ. ދެން އެމަލާއިކަތާ އެނބުރި މާތްﷲ ގެ ޙަޟްރަތަށް ވަޑައިގެން ދެންނެވިއެވެ. “ހަމަކަށަވަރުން އިބައިލާހު މިއަޅާ ތިޔަ ފޮނުއްވެވީ މަރުވުމަށް ބޭނުންފުޅުނުވާ އަޅެއްގެ ގާތަށެވެ. އަދި އެއަޅާ މިއަޅާގެ ލޯފުޅު އުފުރާލައްވައިފިއެވެ.” ދެން ﷲ، އެމަލާއިކަތާގެ ލޯފުޅު ރައްދުކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. “ތިމަން އިލާހުގެ އަޅާގެ ގާތައް އެނބުރި ވަޑައިގެން ދަންނަވާށެވެ. ދިރިހުންނެވުމަށް ބޭނުންފުޅުތޯއެވެ؟ ދިރިހުންނެވުމަށް ބޭނުންފުޅުކަމުގައިވާނަމަ ފިރިހެން ގެރިއެއްގެ ބުރަކަށި މަތީގައި އަތްޕުޅު ބީއްސަވާށެވެ. އޭރުން އަތްޕުޅު ބީއްސެވުނު ކޮންމެ ކެހެރިއަކަށް އަހަރަކު ދުނިޔޭގައި ދިރިހުންނެވޭނެއެވެ.  ދެން މޫސާގެފާނު އެއްސެވިއެވެ. “ދެން ކޮންކަމެއްތޯއެވެ؟” މަލާއިކަތާ ވިދާޅުވިއެވެ. “ދެން ކަލޭގެފާނު އަވަހާރަވުމެވެ.” މޫސާގެފާނު ވިދާޅުވިއެވެ.   “މިހާރު (އަވަހާރަވުން) މާރަނގަޅެވެ.(ދެން މޫސާގެފާނު ދުޢާކުރެއްވިއެވެ.) މާތްވެގެންވާ ބިމާއި ގާތުން ތިމަންކަލޭގެފާނުގެ މަރުގަންނަވާދޭވެ!”

(މިއީ ޞަޙީޙުލް ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެކެވެ.މަތީގައި އެވަނީ މުސްލިމުގެ ރިވާޔަތުގެ ތަރުޖަމާއެވެ.)

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! ތިބާއާއި އަޅުގަނޑުގެ ގާތަށްވެސް މަރުގެ މަލާއިތާ ވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ ފުރާނަ ހިއްޕެވުމަށްޓަކައެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ އެދުވަހަށް ތައްޔާރުވުމެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!