ފޭސްބުކް ޕޭޖަށް ލައިކް ލިބުނީމަ ރޮހިންޖާއަށް އެހީދޭ އުޞޫލު ހަމަ ރަނގަޅު

 

ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިއެއް ކަމަށްވާ ލިޓަސް އޮޓޯމޮބައިލްސްގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ނަމުގައި ފެށީ އަދި މުޅިން ތަފާތު ކެމްޕެއިނެކެވެ. ދިވެހި ވިޔަފާރީގެ ބާޒާރުގައި ވިޔަފާރިއަކުން ހިލޭސާބަހަށް ފެށި އެންމެ ތަފާތު އެއް ޙަރަކާތޭވެސް ބުނެވިދާނެއެވެ. ލިޓަސްގެ ފޭސްބުކްޕޭޖަށް ލިބިފައިހުރި ކޮންމެ “ލައިކް”އަކަށް 50 ލާރި ރޮހިންޖާ މުސްލިމުންނަށްޓަކާ ހަދިޔާކުރާނެ ވާހަކައެވެ. “ލައިކް” ލިބޭ ވަރަކަށް ހަދިޔާކުރާނެ ޢަދަދު ބޮޑުވާނެ ވާހަކައެވެ. އެކަމަށްޓަކާ، ރައްޓެހިންނަށް ޕޭޖް ހިއްސާކުރަން އެދޭ ވާހަކައެވެ. ކެމްޕޭން ފެށިއިރުވެސް ލިޓަސްގެ ޕޭޖަކީ ދިވެހިންގެ ތެރޭގައި މަޤްބޫލުކަމެއް ހޯދާފައިވާ ޕޭޖެކެވެ. އެހާތަނަށް ޕޭޖަށް ލިބިފައިވާ 82،000 ލައިކް ދެއްވި މީހުންނަށް އެވަނީ ކެމްޕޭން ފެށިއިރުވެސް 42،000 ރުފިޔާ ހޯދާދެވިފައިވާ ވާހަކައެވެ. މިކެމްޕޭން ފެށުމާއެކު ގިނަ ބަޔެއްގެ ޚިޔާލުތައް ދެކޮޅަށް ބެހުނެވެ.  އެއްބަޔަކަށް މިއީ ރަނގަޅު ކެމްޕޭނަކަށް ވީއިރު، އަނެއް ބަޔަކަށް މި ކެމްޕޭން ކަމަކުނުދިޔައެވެ.

 

ލައިކަކަށް 50 ލާރި: ކިހިނެއް މިވަނީ؟

މާރކެޓިންގ ނަޒަރަކުން ބަލައިފިނަމަ، މިކެމްޕޭނަކީ ވަރަށް އުއްމީދީ ކެމްޕޭނެކެވެ. ދުނިޔޭގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ބޮޑެތި ޖަމާޢަތްތަކުންވެސް މިފަދަ ތަފާތު ކެމްޕެއިންތައް ރާވާ ހިންގަމުންދެއެވެ. ހިލޭ އެހީދޭ ބޮޑެތި ޖަމާޢަތްތަކުގެ ވެބްސައިޓަށް ވަންނަތަނުން “1 ޝެއަރ = 100$” އޭ ޖަހާފައި ހުންނަތަން ފެންނަނީ މަދެއްކޮށް ނޫނެވެ. ނަމަވެސް، ރާއްޖެއަށް މިކަން މިވީ އާ ކަމަކަށެވެ. އައު ކަމަކަށްވުމާއެކު އެންމެ ފާޑުކިޔުން ކުރިމަތިވުމަކީ ހަމަ ޢާއްމުކަމެކެވެ. އެހެންކަމުން މިކެމްޕޭންގައި މިވަނީ ކިހިނެއްކަން އެބަ އެނގެންޖެހެއެވެ.

ވިޔަފާރިއެއްގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އެހީވާއިރު، އެވިޔަފާރީގެ ކަސްޓަމަރުންނާއި، ފޭނުންނަށް އެކެމްޕޭނުގައި ބައިވެރިވާން ފުރުޞަތެއް އެބަ ހުޅުވާލަދެއެވެ. ވިޔަފާރިއެއްގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ކަސްޓަމަރުން/މުސްތަޤްބަލުގެ ކަސްޓަމަރުން ވީހާވެސް ގިނައިން އެންގޭޖް” ކުރެވިފައި ބޭތިއްބުމެވެ. އެހެންކަމުން، ވިޔަފާރިއެއްގެ ފަރާތުން ރާވާ “ފީސަބީލިﷲ” ޙަރަކާތްތަކުގައިވެސް ކަސްޓަމަރުން/ފޭނުން ބައިވެރިކުރެވޭނެ ގޮތަކަށް ރާވާލެވިއްޖެނަމަ އެއީ ވިޔަފާރީގެ ނަޒަރުން ބަލައިފިނަމަ ދެމެހެއްޓެނިވި، ކާމިޔާބު ޙަރަކާތެކެވެ.

އެގޮތުން ކަސްޓަމަރުން/ފޭނުން މާބޮޑު ޚަރަދެއް ނުކޮށް، އަދި މާބޮޑު ބުރައެއް ނުއުފުލާ މިކެމްޕޭނުގައި ބައިވެރިވެވެއެވެ. ހަމަ އެކަނި ދޭން ޖެހެނީ ލައިކެކެވެ. ޕޭޖަށް ލައިކެއް ދޭއިރަށް އެމީހެއްގެ މާބޮޑު މަސައްކަތަކާ ނުލާ، އެމީހެއްގެ ސަބަބުން ރޮހިންޖާ މުސްލިމުންނަށް ކޮންމެވެސް ވަރެއް ދެވުނީއެވެ. ހިތްވަރެއް ހުރިއްޔާ ރައްޓެހިންނަށް ޕޭޖް ޝެއަރކޮށްގެން ވީހާ ގިނަ ރަޙްމަތްތެރިންގެ ފަރާތުން ލައިކް ހޯދުވާ ރޮހިންޖާ މުސްލިމުންނަށް ލިޓަސްއިން ދޭން ވަޢުދުވާ ޢަދަދު އިތުރުކުރުމުގައި އިސްރޯލެއް ކުޅެންވީއެވެ. އެކަމުގެ ސަބަބަކަށްވާ މީހާއަށް، އެއެންމެންގެ ސަވާބުވެސް ލިބުނީއެވެ. އަދި އެމީހެއްގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އަމިއްލަ ޖީބުން ޚަރަދުނުގޮސް، ފޭސްބުކުގައި ހޭދަކުރާ ވަގުތުގެ ތެރެއިން ދެތިން “ކުލިކަކުން” ޞަދަޤާތްދެވުނީއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ) رواه مسلم

މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފިމީހާ، އެކަމަށް ތަވާބީ މީހާއަށް ލިބޭމިންވަރަށް އެމީހަކަށް ސަވާބު ލިބޭހުއްޓެވެ.”

ތިބާގެ ސަބަބުން ޕޭޖަށް ލިބޭ ކޮންމެ ލައިކެއްގެ ސަބަބުން ރޮހިންޖާ މުސްލިމުންނަށް ހަދިޔާ ކުރެވޭ ކޮންމެ ލާރި ފޮއްޗެއްގެ ސަވާބު ތިބާގެ ހެޔޮކަމުގެ ފަތަށް އެބަ އެއްކުރެވެއެވެ. ކުޑަކުޑަ ޢަމަލެއްކޮށްގެން ނިމުމެއް ނެތް ޘަވާބު ހޯދުމުގެ ކޮންފަދަ ފުރުޞަތެއްތޯއެވެ؟

 

މިފަދަ ކެމްޕޭނެއްގެ އެހެން ފައިދާއެއްވެސް ވެއެވެ. އިޖުތިމާޢީ ވިޔުގަތަކުގައި ކުރެވޭ މިފަދަ ކެމްޕޭނަކުން ނުކުންނަ ނަތީޖާއަކީ ހަމައެކަނި ލާރިކޮޅެއް އެއްކުރެވުމެއް ނޫނެވެ. އޭގެ އިތުރުން، އެމައްސަލައާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުވެސް އެބަ ކޮށްދެއެވެ. ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ދުނިޔެ އެތައް ޒަމާނެއް ވަންދެން ޣާފިލްވެފައިވާ މައްސަލައެކެވެ. ފޭސްބުކްގައި އެމީހުންގެ ޙާލަތާމެދު ކުރެވޭ ކެމްޕޭނެއް ފަތުރައިގެން އެމީހުންނާމެދު ބަޔަކު ހޭލުންތެރިކުރުވުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކަށް ނުހަނު ފަސޭހައިން ކޮށްލެވޭނެކަމެކެވެ. ބޭކާރު ކަންކަމުގައި އިޖްތިމާޢީ ވިއުގަތައް ބޭނުންކުރުމުގައި ވަގުތު އިސްރާފްނުކޮށް، އެކަމުން އިންސާނިއްޔަތަށް މިކުރެވެނީ ކިހާ ބޮޑު ޚިދުމަތެއްތޯއެވެ؟

 

ކެމްޕޭނާމެދު ހުރި ކަންބޮޑުވުންތައް

މައިގަނޑު ގޮތެއްގައި، މި ކެމްޕޭނާމެދު އުފެދިފައިހުރި ކަންބޮޑުވުންތަކަކީ، މަޢުލޫމާތު ރަނގަޅަށް ސާފުނުވުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތަކެއްކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން އެފަދަ ކަންބޮޑުވުންތަކާމެދު އެދާއިރާއެއްގެ މާހިރުން ދެކިލައްވާގޮތް ބައްލަވާލަމާތޯއެވެ؟

  1. ލިޓަސް ބޭނުންވަނީ ލައިކްސް؟

އެއްބަޔަކު ސުވާލުއުފައްދާ ގޮތުގައި ލިޓަސް އިން މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ކެމްޕޭނެއް ކުރުމުން ދޭހަވަނީ އެމީހުންގެ އަމިއްލަ ވިޔަފާރިކުރިއަރުވަން ޙާލަތުގެ ނާޖާއިޒު ފައިދާ ނަގާކަމެވެ. މިއީ، ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްވުރެ ބޮޑަށް، އަމިއްލަ ވިޔަފާރީގެ ޕޭޖަށް ލައިކު ގިނަކުރަން ހިންގާ ކެމްޕޭނެކެވެ.

ނަމަވެސް، މިކެމްޕޭނަށް ބޭނުންކޮށްފައިވާ ޕްރޮމޯޝަނަލް ޕޯސްޓަރުން އެކަނިވެސް މީގެ ކުށްކަން އެބަ ދޭހަވެއެވެ. ކެމްޕޭން ފަށާފައިވާއިރު، ލިޓަސް އޮޓޮމޮބައިލްސް ފޭސްބުކް ޕޭޖަށް 85،425 ލައިކްސް ލިބިފައިވެއެވެ. މާނައަކީ، ކެމްޕޭން ފަށާފައިވެސް ވަނީއެ 85 ހާސް މީހުންނަށްވުރެ ގިނަ މީހުންގެ ނަމުގައި 42،712.5 ރުފިޔާ ރޮހިންޖާ މުސްލިމުންނަށް ހަދިޔާކުރަން ކަނޑައަޅައިގެންނެވެ. “ހިލޭ” ކުރިން ލިބި ނިމިފައިވާ “ލައިކްސް” އަށް 42،000 ޚަރަދުކުރަން އަމިއްލައަށް ނިންމާނީ ނާޖާއިޒު ގޮތުގައި ޕޭޖަށް “ލައިކްސް” އިތުރުކުރަން ކަމުގައި ބުނެވިދާނެބާވައެވެ؟ އެއަށްވުރެ މާ ކުޑަ ޚަރަދެއް ކޮށްގެން ޕޭޖް ބޫސްޓްކޮށް އެއަށްވުރެ ގިނަ ލައިކްސް ލިބޭނެ މަގު ފޭސްބުކް އެޑްސް ބޭނުންކޮށްގެން ކުރެވެން އެބަ އޮތެވެ. ލައިކްސް ބޭނުންނަމަ، މާރކް ޒަކަބާރގަށް 5 ޑޮލަރު ދީގެން އެއަށްވުރެ ގިނަ ލައިކްސް ހޯދޭކަން ލިޓަސްއަށް ނޭނގެނީބާވައެވެ؟ އެހެންކަމުން، މިއީ އަމިއްލަ ޕޭޖަށް ލައިކްސް ހޯދަން ކުރާކަމެއްކަމަށް ބުނެވުމަކީ މަޢުލޫމާތު ރަނގަޅަށް ނޭނގުމުގެ ސަބަބުން ބުނެވޭ ބަހެއްކަމުގައި ނިންމިދާނެއެވެ.

 

މާރކެޓިންގ އަދި ބިޒްނަސްގެ ރޮނގުން ފަސްޓްޑިގްރީ ޙާޞިލްކުރައްވާ، އެމްބީއޭވެސް ފުރިހަމަ ކުރައްވާފައިވާ އަލްފާޟިލް ޢަބްދުލްޢަލީމް ޙަސަން މިކަމާމެދު ދެކެވަޑައިގަންނަވަނީ “އަޅުގަނޑަށް ފެންނަ ގޮތުގައި ތިޔައީ އެމީހުން ލައިކްސް ހޯދަން ކުރާކަމެއް ނޫން. ކެމްޕޭން ފަށަމުންމެން، އެއްވެސް މީހަކު އިތުރަށް އެންމެ ލައިކެއް ނުދިނަސް އެމީހުން އެބަ 42،000 އަށްވުރެ ގިނަ ރުފިޔާ އެބަ ކޮންޓްރިބިއުޓް ކުރޭ. ލައިކް ހޯދާކަށް އެމީހުން ތިކަމަށް ބޭނުމެއް ނުޖެހޭ.”

“އަނެއްކާ ރާއްޖޭގެ އޮޓޯމޮބައިލްސް މާރކެޓްގައި އެންމެ މަޤްބޫލު މީހުން ތިއީ. މާރކެޓިންގައި އެންމެ ބަރާބަރު ޓީމު އޮތް ތަން. އެންމެ ގާތުން ވާދަކުރާ ޝީޝާވެސް އުޅޭނީ 30 ހަކަށް ހާސް ލައިކްސް، އެމީހުން އެއުޅެނީ 84،000 ހުން މަތީގަ. އެހެންވީމަ، ލައިކްސް ހޯދާކަށް ތިކަމެއް ނުކުރާނެ.”

“ޗެރިޓީ ރަންތަކާ އެއްޗެހި އެ ހިނގަނީ ހަމަ ތި ކޮންސެޕްޓަށް. ތިޔައީ ލައިކް ހޯދާ ކެމްޕޭނެއް ނޫން. ތިޔައީ އެމީހުން ބޮޑު ޚަރަދެއް ކޮށްގެން ބަޔަކަށް އެހީވާން ހިންގާ ސޯޝަލް އެކްޓިވިޓީއެއް.” މާރކެޓިންގެ ދާއިރާގެ ތަޖްރިބާތައް ޙިއްސާކުރައްވަމުން ޢަލީމް ވިދާޅުވިއެވެ.

“މިއީ އަންއެތިކަލް ކަމަކަށްވެސް ނުވާނެ. ސަބަބަކީ އެއްވެސް ބަޔަކަށް މީގެ ސަބަބުން ގެއްލުމެއް ނުވޭ. އެންމެންނަށްވެސް ވަނީ ފައިދާ.”

“އަޅުގަނޑު ބުނާނީ ކާމިޔާބު ބިޒްނަސްތަކުން މިފަދަ ކެމްޕޭންތައް ހިންގަން ހިތްވަރު ދޭށޭ. އަހަންނަށް މިދެވޭ ލައިކަކީ ހަމައެކަނި ލައިކެއް ނޫން. ހެޔޮ ކަމަކަށް ދެވޭ ކޮންޓްރިބިއުޝަނެއްވެސްމެ. މިކަހަލަ އޮގަނައިޒޭޝަންތައް ވާނެ އެޕްރިޝިއޭޓްކުރަން، އެމީހުން އެފަދަ ރަނގަޅު ކޯޒްތަކުގައި އެންގޭޖްވާއިރު.” ޢަބްދުލް ޢަލީމް ވިދާޅުވިއެވެ.

މަރކެޓިންގ އަދި ބިޒްނަސްގެ ދާއިރާއިން ބަލައިފިނަމަ، މިފެންނަނީ މިކެމްޕޭނަކީ، ބިޒްނަސްގެ އެތިކްސްއާ ޚިލާފް ނޫން، އަމިއްލަ ފައިދާއަށްވުރެ ބޮޑަށް އިޖްތިމާޢީ އެހީތެރިކަމަށް ކުރެވޭ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ގެ ޙަރަކާތެއްގެ ގޮތުގައެވެ. ދާއިރާގެ މާހިރުންގެ ބަހަކީ އެއީއެވެ.

  1. ލިޓަސް ދެއްކުންތެރި ނުވެ، ރޮހިންޖާއަށް ދޭ އެއްޗެއް ސިއްރުން ދެންޏާ ދޭންވީނު؟

އަނެއް ބަޔަކު ބުނަނީ، ލިޓަސް އިޚްލާޞްތެރިއްޔާ މީހުންގާތު އިސްތިހާރު ނުކޮށް ރޮހިންޖާ މުސްލިމުންނަށް ހެޔޮ އެދިގެން ޞަދަޤާތްކޮށްލާށެވެ. ކޮންމެހެން ފޭސްބުކުގައި ޕޯސްޓް ހަދައި، އެންމެންނަށް އަންގައިގެން ނަމެއްގައި ރޮހިންޖާއަށް އެހީވާނެކަމެއް ނެތޭ ބުނެއެވެ.

ނަމަވެސް، ލިޓަސް ކަހަލަ ގިނަ ބަޔަކު ދަންނަ ވިޔަފާރިތަކުންނާއި، މަޝްހޫރު މީހުން ސިއްރުގައި ހޭދަކުރުމުގެ އިތުރަށް ގިނަ ބަޔަކަށް މިފަދަ ހެޔޮކަމަށް ހިތްވަރުދީ، އެފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާޅުގައި އެންމެންނަށް އެނގޭގޮތަށް ހޭދަކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫނެވެ. އަދި ކިއެއް، ތަރުޙީބުވެސް ދެވޭކަމެކެވެ.

މައްކަތުލް މުކައްރަމާގެ އުއްމުލްޤުރާ ޔުނިވަރސިޓީގައި ޕީއެޗްޑީ ޙާޞިލްކުރައްވަމުންގެންދަވާ އައްޝައިޚް ޝަފީޢު ޢަބްދުﷲ މިމައްސަލާގައި ވިދާޅުވަނީ، “ފާޅުގައި ހޭދަކުރުމުގެ ސަބަބުން އިތުރު ބަޔަކަށް ހޭދަކުރަން ހިތްވަރު ލިބޭނެކަމުގެ އުއްމީދު އޮތް ނަމަ ފާޅުގައި (ހޭދަ)ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް.”

އަދިވެސް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވިއެވެ. “އެހެންކަމުން ރޮހިންޖާގެ ފަންޑަށް ވީހާވެސް ގިނަ މީހުން ފާޅުގައި ހޭދަކުރުމަކީ، ޚާއްޞަކޮށް މަޝްހޫރު ވިޔަފާރިވެރިންނާއި އެކި އެކި ފަންނުތަކުގެ ޢާއްމުން ދަންނަ މީހުން އެކަން ފާޅުގައި މި ފަދަ ޙާލަތެއްގައި ކުރުމަކީ ރަނގަޅުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ” ޝައިޚް ޝަފީޢު އިތުރަށް ވިދާޅުވަނީ، “ނަމަވެސް ﷲއަށް އިޚްލާޞްތެރިވާ ޙާލުގައި އެކަން ކުރަން ޖެހޭނީ.” ކަމަށެވެ.

ލިޓަސްގެ ޕްރޮމޯޝަންއާ މެދު ޝައިޚް ޢަބްދުއްރަޙީމް މުޙައްމަދަށް ސުވާލު ދެންނެވުމުން ވިދާޅުވީ، “އެމީހުން (ލިޓަސް އޮޓޯމޮބައިލްސް) އެކުރާކަމަކީ ދީނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. ޝަރުޢީ ގޮތުން މަނާ އެއްވެސް ކަމެއް އެޔަކު ނެތް. އެމީހުންގެ ޕޭޖަށް ލައިކު ދިނީމާ، އެ ދޭމީހުންގެ ނަމުގައި އެމީހުން ޑޮނޭޓްކުރަނީ. އެޔަކު އެއްވެސް މައްސަލައެއް ނެތް… ދެން އެމީހުންގެ ނިޔަތާމެދު އަހަރެމެން ސުވާލު އުފައްދައިގެން ނުވާނެ. އެއީ އެމީހަކާ ﷲއާ ދެމެދު އޮންނަ ކަމެއް.”

2014 ވަނަ އަހަރު، ޣައްޒާގެ މުސްލިމުންނަށް އެހީވާން ފަންޑުތައް އެއްކުރެވުނު އިރުވެސް މިއާ އެއްފަދަ ސުވާލުތަކެއް ފެންމަތިވިއެވެ. އޭގެ ޖަވާބުގައި އައްޝައިޚް އާދަމް ޝަމީމް 2014 އޮގަސްޓް 9 ވަނަ ދުވަހު ލިޔުއްވި ފޭސްބުކް ސްޓޭޓަސް އެއްގައި ލިޔުއްވާފައިވަނީ، “އެއީ ދެއްކުންތެރިކަމެއް ނޫން. ސިއްރާއި ފާޅުގައި ﷲގެ މަގުގައި ހޭދަކުރުމަކީ ވަރަށް ބޮޑު ހެޔޮ ކަމެއް. އެއީ މުދަލުން ކުރެވޭ ޖިހާދު!”

އެހެންކަމުން، ލިޓަސް އިން ފޭސްބުކުގައި އިސްތިހާރުކޮށް، ޢާއްމުންނަށް ބައިވެރިވާން ދަޢުވަތުދީގެން މިކުރިއަށް ގެންދާ ކެމްޕޭނަކީ ދީނީ ގޮތުން ގިނަ ބަޔަކު ބަލައިނުގަންނަ ކެމްޕޭނެއްކަމަށް ބުނެވިދާނެތޯއެވެ. އަޅުގަނޑު ގޮވާލަނީ ދިވެހި އެހެން ވިޔަފާރިތަކާއި، މަޝްހޫރު ފަންނާނުންވެސް މިފަދައިން ޢާއްމުންނަށް މިފަދަ ހެޔޮ ކަމެއްގައި ބައިވެރިވެވޭނެ ފަދަ ކެމްޕޭންތައް ގިނަގިނައިން ފެށުމަށެވެ.

 

  1. ލިޓަސް އިން ކިހާވަރެއް ދީގެންތޯ މި ލިޔުން މިލިޔުނީ؟

ޖަވާބަކީ ސުމެކެވެ. ނަމަވެސް މިލިޔުން ޕަބްލިޝްވީމާ ލިޓަސް އިން 5000 ރުފިޔާއަށްވުރެ މަދު ނޫން ޢަދަދެއް ރޮހިންޖާ މުސްލިމުންނަށް އިތުރަށް އަނެއްކާވެސް ހޭދަކުރާނެއެވެ. މިލިޔުމަކީ އެގޮތަށް ކުރެވޭ ޞަދަޤާތެކެވެ.

ލިޓަސްގެ ކެމްޕޭނާމެދު، ދިވެހި މީޑިޔާއެއްގައި ޝައްކުގެ ނަޒަރަކުން ލިޔެފައިވާ ލިޔުމަކަށް ރައްދުދީ އަޅުގަނޑު ފޭސްބުކުގައި ޕޯސްޓެއް ޖެހީމެވެ. އަދި އެރައްދު ލިޔުމަކަށް ޕަބްލިޝްކޮށް މީޑިޔާއެއްގައި ޝާއިޢުވެސް ކުރެވިދާނެކަމަށް ބުނީމެވެ. ނަމަވެސް އެއީ ލިޓަސް އިން އިތުރަށް 1000 ރުފިޔާ ރޮހިންޖާ މުސްލިމުންނަށް ހޭދަކުރަން ތައްޔާރަށް ތިބިކަމަށްވާނަމައެވެ. ލިޓަސް އިންވަނީ މަދުވެގެން 5000 ރޮހިންޖާ މުސްލިމުންނަށް ދޭން ނިންމާފައެވެ. މިއީ އެގޮތަށް އެކަން އޮތްގޮތް ބަޔާންކުރުމަށް ލިޔާ ލިޔުމެކެވެ. މި އާރޓިކްލް ލިޔެގެން މި “ރެއިޒް” ކުރެވުނީވެސް ފަންޑެވެ.

ޒަމާނީ ފަންޑް ރެއިޒިންގ އަދި ފިލަންތްރޮޕިކް ޙަރަކާތްތައް ދަނީ މިފަދަ ގޮތަކަށެވެ. 2014 ވަނަ އަހަރު ސޫރިޔާގެ ހަނގުރާމާގައި ހާލުގައި ޖެހުނު ރެފިޔުޖީންނަށް އެހީވުމަށް “ޝޭވް އަ މަސްޓެޗް، ކީޕް އަ ސީރިއަން ވޯރމް” (މަތިމަހެއް ބާލައިގެން ސޫރިޔާ ރައްޔިތަކު ފިނިން ސަލާމަތްކުރޭ) ކިޔާ ކާމިޔާބު ކެމްޕޭނެއް ކުރިއަށްދިޔައެވެ. އުތުރު އެމެރިކާގެ 15 ޓީމެއްގެ މެދުގައި ވާދަވެރިކޮށް ދިޔަ މި ޙަރަކާތުގެ ބައިވެރިންގެ މަތިމަސްތައް ބޭލުމަށް ޢާއްމުން ފައިސާ ހަދިޔާކުރަމުން ދިޔައީއެވެ. ޓީމުތަކުން އެއްޓީމަށްވުރެ އަނެއް ޓީމެއްގެ ޑޮނޭޝަން ގިނަ ކުރަން ކުރެވުނު މަސައްކަތެއް ކުރަނީއެވެ. އެލިބޭ ހުރިހާ ފައިސާއެއް ސޫރިޔާއަށް އެހީވުމަށް ހޭދަކުރާ ގޮތަށެވެ. މިކެމްޕޭނުގައި 1 ލައްކަ 52 ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު ސޫރިޔާއަށް ހަދިޔާކޮށްފައިވެއެވެ.

ޒަމާނީ ފަންޑް ރެއިޒިންގ ޙަރަކާތްތަކަކަކީ މިފަދަ އުފެއްދުންތެރި ގޮތްތަކަށް ކުރިއަށްގެންދާ ޙަރަކާތްތަކެވެ. އަޅުގަނޑުމެން ސަމާލުވާންވީ، ދީނުގައި މަނާ ނޫން، އުފެއްދުންތެރި، ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް މިފަދަ ޙަރަކާތްތައް ގެންދާށެވެ. ކުރުނބާ އަޅައިގެން ވިއްކަންވީއެވެ. ކަޕްކޭކްސް ހަދައިގެން ވިއްކަންވީއެވެ. ބޯވަ ނަގައިގެން ވިއްކަންވީއެވެ. ޓީޝާޓް ވިއްކައިގެން ލާރި ހޯދަންވީއެވެ. މިހުރީ ހައްތަހާވެސް އުފެއްދުންތެރި ގޮތުގައި ބަޔަކު ގާތު “ސަލާން” ނުޖަހާ މިފަދަ ފަންޑު ރައިޒިންގ ޙަރަކާތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކެވެ. އަޅުގަނޑުމެން ބަލަންވީ އެފަދަ ކަމަކަށް އަތް ގާތްކޮށްލަދީ އެހީތެރިވެދޭތޯއެވެ. ފާޑުކިޔަން ދުރުގައި ނުތިއްބަވާށެވެ.
ނިންމާ ބަސް

ހެޔޮ ކަމަކަށް ހޭދަކުރަން ފުރުޞަތެއް ލިބުމުން ޢުޛުރުތައް ދައްކަން ޝައިތާނާ ވަރަށް މަސައްކަތްކުރާނެއެވެ. އަޅުގަނޑުމެން ބަލަންވީ، މިފަދަ ނާޒުކު ޙާލަތެއްގައި ކޮންމެ ބަޔަކަސް އެ ހެޔޮކަމުގައި އެބަޔަކަށް އެހީތެރިވެދޭށެވެ. ސަރުކާރު ފަންޑަށްވެސް އެހީތެރިވެދެއްވަވާށެވެ. އިދިކޮޅު މީޑިޔާއަކަސް އެހީތެރިވެދެއްވަވާށެވެ. ހިލޭއެހީދޭ ރަތް ޖަމިއްޔާއަކަސް، ފެހި ޖަމިއްޔާއަކަސް، އެބަޔަކަށްވެސް ހެޔޮކަމުގައި އެހީތެރިވެދެއްވަވާށެވެ.

“އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.” (މާއިދާ ސޫރަތުގެ 2 ވަނަ އާޔަތް)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!