• ދުނިޔޭގެ އެންމެ ފުރަތަމަ ޔުނިވާސިޓީ- ޖާމިޢަތުލް ޤަރަވިއްޔީން، މޮރޮކޯ

އިސްލާމީ ތާރީޚުގެ ތެރެއިން ތަޢުލީމު

އެންމެ ކުރީއްސުރެ ފެށިގެންވެސް، ކިޔެވުމާ އުނގެނުމަކީ މުސްލިމުންގެ ނަޒަރުގައި ވަރަށް އިސްކަމެއް ދެވިގެންވީ ކަމެކެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ބާވައިލެއްވުނު އެންމެ ފުރަތަމަ ވަޙީއަކީ “اقْرَأْ” ނުވަތަ “ކިޔަވާށޭ” ކަމަށްވުމެވެ. އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)، ކިޔެވުމަކީ ނުވަތަ އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއް ކަމުގައި ޙަދީޘްކުރެއްވުމެވެ. އެހެންކަމުން، މިފަދަ ޢަމުރުފުޅެއްގެ ނަތީޖާއަކަށްވީ އެކި ތަންތަނުން ޢިލްމު ޙާޞިލުކޮށް، ޢިލްމު އުނގެނުމަށް ޚާއްޞަ އަހައްމިއްޔަތެއް މުސްލިމުން ދިނުމެވެ.

އިސްލާމީ ތާރީޚަށް ބަލައިފިނަމަ ޢިލްމު އުނގެނުމަކީ އެކަމެއްގައި މުސްލިމުން ނުހަނު ޤާބިލު އަދި އެކަމަކަށް މުސްލިމުން ފަޚުރުވެރިވީ ކަމެއްކަމުގައި ވީތީ ފެންނާނެއެވެ. ޢިރާޤުގެ ބަޣުދާދުގައްޔާއި، މިޞްރުގެ ޤާހިރާގައްޔާއި، އަންދަލުސްގެ ޤުރުޠުބާގައި މުސްލިމުން ބޮޑެތި ކުތުބުޚާނާތައް ބިނާކުރިއެވެ. ފަށާ ތަޢުލީމުދޭ މަދަރުސާތަކާއި، މަތީ ތަޢުލީމު ފުރިހަމަކުރަން ޔުނިވަރސިޓީތައް ވެސް އެންމެ ފުރަތަމަ ބިނާ ކުރީ މުސްލިމުންނެވެ. އަދި އޭގެ ސަބަބުން އެކިއެކި މާއްދާތަކާއި، ސައިންސުތައް ކުރިއަރައި، މިއަދު ފެންނަން ހުރި ތަޢުލީމުގެ ބާނީންނަކީ މުސްލިމުން ކަމީ ތާރީޚު ހެކިދޭ ކަމެކެވެ.

 

އުނގެނުމާމެދު މުސްލިމުންގެ ވިސްނުން

މިޒަމާނުގައި ތަޢުލީމުދޭއިރު އިސްކަން ދެނީ ހަމައެކަނި ދަސްކުރަންވީ މަޢުލޫމާތުތަކަށް ނޫނެވެ. އޭގެއިތުރުން އިޖުތިމާޢީ، ނަފްސާނީ، މާއްދީ، އަދި މައުނަވީ ގޮތްގޮތުން ދަރިވަރުންނަށް މަންފާ ކުރާނޭ ގޮތްތަކަށް ކިޔަވައިދިނުން ބައްޓަންކުރެވޭތޯ ބަލައެވެ. އިސްލާމީ ތާރީޚަށް ބަލައިފިނަމަ މިފަދައިން މުސްލިމުން ކަންކޮށްފައި ވާކަން އެނގެއެވެ. 12 ވަނަ ޤަރުނުގައި އުޅުއްވި މުސްލިމް ޙާކިމެއް ކަމަށްވާ އައްޝައިޒާރީ ވަނީ ދަރިވަރުންނާ މުޢާމަލާތް ކުރަންވީ ގޮތާމެދު ލިޔުއްވާފައެވެ. އެގޮތުން ދަރިވަރުންނާ މެދު އިހާނެތިކޮށް ކަންތައް ނުކުރުމަށާއި، ބުރަވާ ވަރަށް މަސައްކަތް ނުޖެއްސުމަށް އިރުޝާދު ދެއްވާފައިވެއެވެ. މުސްލިމު މުފައްކިރު އަދި ޢިލްމުވެރިޔާ އަލް އިމާމު ޣަޒާލީވެސް މި މަޢުޟޫޢުގައި ވިދާޅުވެފައިވެއެވެ: “ދަރިވަރުން ކުޅޭނެ ފުރުސަތެއް ނުދީ އަބަދު ކިޔަވަން ޖެއްސުމަކީ އެކުދިންގެ ހިތް މަރުވާ ކަމެކެވެ. އަދި ތޫނުފިލިކަން ނައްތާލާ، ކިޔަވަން އޮތް ހިތްވަރު އެލިދޭ ކަމަކެވެ.” އެހެނެއްކަމަކު ކިޔެވުމަކީ މަޖާ ކުޅިވަރުތަކާއި، ކުޅޭ ބުދުތަކާއި، ތިއޭޓަރުތަކުގެ ވަގުތާ ލައި މަސްހުނިކޮށްގެން ކުރަންވީ ކަމެއްކަމުގައި އަލްޣަޒާލީ ދެކިލެއްވިއެވެ.

 

އެންމެ ފުރަތަމަ މަދަރުސާތައް

އިބްނު ޚަލްދޫން އެކަލޭގެފާނުގެ މަޝްހޫރު “އަލް މުޤައްދިމާ” އޭ ކިއުނު ފޮތުގައި ލިޔުއްވިއެވެ. “ދަންނައެވެ. ކީރިތި ޤުރުއާނާ އެއްގޮތަށް ދަރިންނަށް އިރުޝާދު ދިނުމަކީ ދީނުގެ މަތިވެރި ޝިޢާރެކެވެ. މުސްލިމުންގެ ހުރިހާ ރަށްތަކެއްގައި މިފަދައިން މުސްލިމުން ކަންތައް ކުރިއެވެ. އަދި ކުރަމުންދެއެވެ. އޭގެ ސަބަބުން ހިތްތަކުގައި އީމާންކަން އާރޯކުރުވައި، ދީނުގެ ރުކުންތައް ތާޒާކުރުވައެވެ. މިއީ ޤުރުއާނާއި ސުންނަތުން މުސްލިމުން ލިބިގަންނަ އިރުޝާދުތަކެވެ.”

އިސްލާމީ ދުނިޔޭގެ އެންމެ ފުރަތަމަ މަދަރުސާތަކަކީ ނުރަސްމީ ތަންތަނެވެ. ޢިލްމުވެރިންނާ އެކު ބައްދަލުކޮށް ފޮތް ކިޔަވައި، ދަރުސް އަޑުއަހައި، އުނގެނެމުން ދިޔައީ މިސްކިތްތަކުގައެވެ. މުސްލިމުންގެ އެންމެ ބޮޑެތި ޢިލްމުވެރިން ޢިލްމު ޙާޞިލުކުރެއްވީ މިބީދައިންނެވެ. ސުންނަތް ޖަމާޢަތުގެ 4 އިމާމުން ކަމަށްވާ އިމާމު އަބޫ ޙަނީފާ، ޝާފިޢީ، މާލިކު އަދި ޙަންބަލް (ރަޙިމަހުމުﷲ) އިސްލާމީ ޝަރީޢަތުގެ ޢިލްމު އުނގެނިވަޑައިގަތީ މިދެންނެވި ފަދައިންނެވެ.

އަދި އަދަށްދާންދެން ވެސް މިސްކިތުން ޢިލްމު ޙާޞިލުކުރުމަކީ އިސްލާމީ ދުނިޔޭގައި ދިރިއޮތް ސަޤާފަތެކެވެ. މުޤައްދަސް 3 ޙަރަމް – މައްކާގެ މަސްޖިދުލް ޙަރާމާއި، މަދީނާގެ މަސްޖިދުއް ނަބަވީއާއި، ބައިތުލް މަޤްދިސްގައިވާ މަސްޖިދުލް އަޤްސާ – ގައި މިއަދުވެސް ޢިލްމުވެރިން ދަރުސް ދެއްވަމުން ގެންދަވައެވެ. އަދި މިފަދަ ދަރުސްތަކަކީ ބޭނުންވާ ކޮންމެ މީހަކު ވެސް އެއިން މަންފާ ހޯދަން، ހުޅުވިފައިވާ ދަރުސްތަކެކެވެ. ނަމަވެސް ޒަމާނާއި، ވަގުތާއި، ޙާލަތާ އެކު މުސްލިމުންގެ އުނގެނުމުގެ ވައްޓަފާޅީގައި ރަސްމީ ކުލަޖެހި، އުނގެނުމަށް ޚާއްޞަ މަރުކަޒުތައް ބިނާކުރެވެން ފެށުނެވެ.

 

ފަށާ ތަޢުލީމުން މަތީ ޘާނަވީއަށް

މީލާދީ ސަނަތުން 900 ވަނަ އަހަރުއްސުރެ މުސްލިމު ދަރިވަރުން ވަނީ ފަށާ ތަޢުލީމުދޭ މަރުކަޒުތައްކަމަށްވާ “މަކްތަބު” ތަކުން ތަޢުލީމު ޙާޞިލުކޮށްފައެވެ. ޢާއްމުގޮތެއްގައި މަކްތަބު ތަކަކީ މިސްކިތްތަކާ ގުޅިގެން ބިނާ ކުރެވިފައި ހުންނަ ތަންތަނެވެ. މަކްތަބުތަކުގައި އަވަށު އިމާމުންނާއި، ޢިލްމުވެރިން ދަރިވަރުންނަށް ކިޔަވައިދެއްވިއެވެ. މި ކިލާސްތަކުގައި ޢަރަބި ލިޔެކިއުމާއި، ހިސާބާއި، ޝަރީޢާ ފަދަ މާއްދާތައް ކިޔަވައިދިނެވެ. އެ އަވަށެއްގެ ގިނަ ބަޔަކު އެޒަމާނުގައި ކިޔަވަނީ މިފަދަ މަކްތަބުތަކުންނެވެ. އަދި މަކުތަބުން ދަސްވެނިވުމަށްފަހު “މަދްރަސާ” ތަކަށް މަތީ ތަޢުލީމު ޙާޞިލުކުރަން މީހުން ދިޔައެވެ.

މި ދެންނެވި މަދްރަސާ ތަކަކީ ބޮޑެތި މިސްކިތްތަކާ ގުޅިފައިވާ މަރުކަޒުތަކެކެވެ. މީގެ ބައެއް މިސާލުތަކީ މިޞްރުގެ ޤާހިރާގައިވާ (970މ. ގައި އުފެދުނު) ޖާމިޢަތުލް އަޒްހަރާއި، މޮރޮކޯގައި (859މ. ގައި އުފެދުނު) ޖާމިޢަތުލް ޤަރަވިއްޔީން އެވެ. އެއަށްފަހު އިސްލާމީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ މަދަރުސާތައް އުފެދިގެންއައެވެ. މިފަދަ މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވައިދެނީ ދީނީ ޢިލްމުތަކާއި، ޢަރަބި ބަހުގެ ޢިލްމުތަކާއި، ދުނިޔަވީ ޢިލްމުގެ ތެރެއިން ބޭސްވެރިކަމާއި، ހިސާބާއި، ނުޖޫމީ ޢިލްމާއި، ތާރީޚާއި، ޖޫރާފީ ޢިލްމުފަދަ މާއްދާތަކެވެ. މީލާދީ ގޮތުން 1100 ވަނަ އަހަރުގައި މިޞްރުގެ ޤާހިރާގައި 75 މަދަރުސާ، ސޫރިޔާގެ ދިމިޝްޤުގައި 51 އަދި (މިހާރު ޢަލަވީން ސުންނާފަތި ކޮށްފައިވާ) ޙަލަބުގައި 44 މަދަރުސާ ހުއްޓެވެ! އަދި މީގެ އެތައް ގުނަ އިތުރު މަދަރުސާތައް އިސްލާމީ އަންދަލުސްގައި ހުއްޓެވެ.

މިފަދަ މަދަރުސާތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ ޔުނިވަރސިޓީތައް ކަމުގައި ކަނޑައެޅިދާނެއެވެ. އެހެނީ އެ މަދަރުސާތަކުގައި، މިހާރުގެ ޔުނިވަރސިޓީ ތަކުގައި ހުންނަ ފަދައިން، ވަކިވަކި މާއްދާތަކަށް ފެކަލްޓީތަކާއި، ޚާއްޞަ ޢިލްމުވެރިން (ލެކްޗަރާއިން) ތިއްބެވެ. އަދި ދަރިވަރުންވެސް ބޭނުންވާ ދާއިރާއެއް އިޚުތިޔާރުކޮށް ޢިލްމުވެރިންނާ އެކު ގިނަ އަހަރުތަކެއް ވަންދެން ކިޔަވަން ހޭދަކުރިއެވެ. އިބްނު ޚަލްދޫންގެ ޙަޔާތުގައި މޮރޮކޯގައި 16 އަހަރަށް ދެމިގެންދާ ކަރިކިއުލަމެއް އޮތް ވާހަކަ އޭނާ ލިޔުއްވިއެވެ. އަދި އެ މުއްދަތަކީ ސައިންސުގެ އާދަކާދަތަކާއި ޢިލްމު އުނގެނުމަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމުގައި އޭނާ ބަހުސްކުރެއްވިއެވެ.

ކޯސްތައް ފުރިހަމަކުރުމުން ދަރިވަރުންނަށް “ޢިޖާޒާ” އެއް ދެވެއެވެ. އެއީ ކޯސް ފުރިހަމަކުރުމުގެ ނިޝާނެކެވެ. އަދި އެ މާއްދާއެއް ކިޔަވައިދިނުމުގެ ލައިސަންސެވެ. ޢިޖާޒާ ދެއްވާނީ މުދައްރިސެވެ. ނުވަތަ މަދަރުސާއަކުންނެވެ. މިޒަމާނުގެ މިންގަނޑުން ނަމަ އެއީ ޑިޕްލޮމާ އެއް ކަމުގައި ބެލިދާނެއެވެ.

 

ތަޢުލީމާއި އަންހެން ކަނބަލުން

އިސްލާމީ ތަނަވަސް ތާރީޚުގައި އަންހެނުންނަށް ޢިލްމު އުނގަންނައިދިނުމަކީ ވަރަށް އިސްކަމެއް ދެވުނު ކަމެކެވެ. އަންހެނުންނަކީ އުނގެނުމުގެ ޤާބިލުކަން ނެތް ބައެއްގެ ގޮތުގައި ނުވަތަ ޢިލްމު ފޯރުނުކޮށްނުދެވޭނެ ބައެއްގެ ގޮތުގައި މުސްލިމުން ދެކެފައި ނުވެއެވެ. އަދި އޭގެ ނަމޫނާ ދެއްކެވީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އެވެ. އެހެނީ އެކަމަނާ އަކީ އެދުވަސްވަރުގެ އެންމެ ބޮޑު އެއް ޢިލްމުވެރިޔާއެވެ. އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދުނިޔެ ދޫކުރެއްވުމަށް ފަހު މަދީނާގެ އެތައް ބަޔަކަށް ޢިލްމު ފޯރުކޮށްދެއްވީ ވެސް އެކަމަނާއެވެ.

އިސްލާމީ ތާރީޚުގައި އަންހެނުންނަކީ އިޖުތިމާޢީ ނުފޫޒުވެސް އޮތް ބައެކެވެ. އިސްލާމީ ދުނިޔޭގެ އެކި ހިސާބުތަކުގައި މުސްލިމު އަންހެނުންނަށް މިސްކިތު ދަރުސްތަކަށާއި، މަދަރުސާތަކަށް ދިއުމުގެ ހުއްދަ އޮތުމުގެ އިތުރުން ކިޔަވައިދިނުމުގެ ފުރުސަތުވެސް ތަނަވަހެވެ. މީގެ މިސާލަކީ 12 ވަނަ ޤަރުނުގެ ޢިލްމުވެރިޔާ އިބްނު އަލް އަސާކިރެވެ. އެކިއެކި ހިސާބުތަކަށް ކިޔެވުމަށް ދަތުރުކުރެއްވުމުގެ އިތުރުން ތަފާތު 80 އަންހެން ޢިލްމުވެރިންގެ އަރިހުން އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ކަމަށްވެއެވެ.

މީގެ އިތުރުން ޢިލްމު ދިރުވުމަށް އެތައް މަސައްކަތްތަކެއް މުސްލިމު އަންހެނުން ކުރިއެވެ. އޭގެ ތެރޭގައި:

  • ދުނިޔޭގެ ތާރީޚުގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރސިޓީ، ޖާމިޢަތުލް ޤަރަވިއްޔޫން (859މ.) އަދި ކުތުބުޚާނާ އުފެއްދެވީ ފާޠިމަތުލް ފިހްރީ ނަމަކަށް ކިއުނު ވިޔަފާރިވެރި ބޭކަނބަލެކެވެ. އަދި ފާޠިމާގެ ދައްތަ މަރިޔަމް ވަނީ މޮރޮކޯގެ މިސްކިތެއް ކަމަށްވާ އަލް އަންދަލުސް މިސްކިތް ބިނާކުރުމަށް މާލީގޮތުން އެހީވެދެއްވާފައެވެ.
  • ޢައްބާސީ ޚަލީފާ ހާރޫނުއްރަޝީދުގެ އަނބިކަނބަލުން، ޒުބައިދާ، އެކަމަނާގެ އަމިއްލަ މުދަލުން ޢަރަބިކަރައިގެ މިސްކިތްތަކާއި، މަގުތަކާއި، ވަޅުތައް ބިނާ ކުރުމަށް ހޭދަކުރެއްވިއެވެ. އޭގެ ސަބަބުން އުނގެނުމަށް އެ ސަރަޙައްދަށް ދަތުރުކުރާ ދަރިވަރުންނަށް ނުހަނު މަންފާ ކުރިއެވެ.
  • ޢުޘްމާނީ ޚަލީފާ ސުލްޠާން ސުލައިމާން ގެ އަނބިކަނބަލުން، ޚައްރިމް ސުލްޠާން، ގިނަގުނަ ހޮސްޕިޓަލްތަކާއި، ބަންޑާރަ ގިފިލިތަކާއި، ބަދިގެ ތަކުގެ އިތުރުން، މަދަރުސާ ތަކަށް އެހީ ވެދެއްވިއެވެ.
  • ދިމިޝްޤުގެ އައްޔޫބީ ވެރިކަމުގައި (1174-1260މ.) ދީނީ ޚިދުމަތްދޭ 26 ޢިމާރާތެއް (މަދަރުސާތަކާއި، މިސްކިތްތައް) ބިނާ ކުރީ މުސްލިމު އަންހެނުންނެވެ.

 

ހުޅަނގުގެ ޤައުމުތަކާ ޚިލާފަށް (1800 އާއި 1900މ. ގެ އަހަރުތަކާ ހަމައަށްވެސް) އިސްލާމީ ޢިލްމު ފޯރުކޮށްދިނުމުގައި މުސްލިމު އަންހެނުން ވަނީ 1400 އަހަރު ވަންދެން ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި މުސްލިމު އަންހެނުން ވަނީ އިޖުތިމާޢީ ކަންކަމުގައި، ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި އަގުނުކުރެވޭ ވަރުގެ ޚިދުމަތް ކޮށްދީފައެވެ.

 

މިޒަމާން

މަދްރަސާ ތަކާއި، އިހުގެ އެހެނިހެން އިސްލާމީ ތަޢުލީމީ ގޮތްތަކާއި ވައްޓަފާޅި މިއަދާ ހަމައަށް ބޭނުންކުރެވެމުން ދެއެވެ. ނަމަވެސް އެއީ ކުރިއާ ޚިލާފަށް ވަރަށް ހަނި ގޮތަކަށެވެ. މީގެ މައި އެއް ސަބަބަކީ ވިލާތުގެ ޤައުމުތަކުން މުސްލިމު ބިންތަކަށް 1800 ން ފެށިގެން ވެރިވެ ހަންފެތުރުމެވެ. މިސާލަކަށް ޢުޘްމާނީ ޚިލާފަތުގައި ސުލްޠާނަށް ލަފާ އެރުވި ސެކިއުލަރ ފަރަންޖީން ލަފާ ދިނީ ތަޢުލީމީ ނިޒާމު މުޅިން ބަދަލުކޮށްލާށެވެ. ދީނީ ޢިލްމުތައް ކަރިކިއުލަމުން އުނިކޮށް ހަމައެކަނި ސެކިއުލަރ ނުވަތަ ދުނިޔަވީ ޢިލްމުތައް ކިޔަވައިދިނުމަށެވެ. ނަތީޖާއަކަށްވީ ވިލާތުގެ ނިޒާމާ އެއްހަމައަކުން، ވިލާތުގެ ފޮތްތަކުން މުސްލިމު ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވައިދޭން ފެށުމެވެ. ސައްތަ އަހަރު ވަންދެން އުނގަންނައިދިން ފޮތްތަކާއި، ގޮތްތައް ބޮލާލައި ޖެހުމަށްފަހުގައެވެ. އިސްލާމީ މަދަރުސާތައް މަދުން ނަމަވެސް ސަލާމަތްވި ކަމުގައިވިޔަސް، ސަރުކާރުގެ މަދަދާ ނުލައި އެތަންތަނުގެ އާރޯކަން ކެނޑި، ޒަމާނީ އިސްލާމީ އުއްމަތުގައި އެފަދަ ގިނަ ތަންތަނުގެ މުނާސަބުކަން ގެއްލި ދިޔައެވެ.

މިއަދު ވެސް ކުރީގެ ޢުޘްމާނީ ޚިލާފަތުގެ ބިންތަކުގައި، އަދި ޢާއްމުކޮށް މުޅި އިސްލާމީ އުއްމަތުގެ ތަޢުލީމީ ނިޒާމު ހިނގަނީ އޭރު ތަޢާރަފުކުރި ވިލާތުގެ ސަޤާފަތާ އެއްގޮތަށެވެ. އެންމެ މަތީ މާކުސް ލިބޭ ދަރިވަރުން ކިޔަވަނީ ޑަކުޓަރީކަމެވެ. ނުވަތަ އިންޖިނޭރުކަމެވެ. އެންމެ ދަށުން މާކުސް ލިބޭ ދަރިވަރުންނަށް، ގިނަފަހަރު ކިޔަވަން ފުރުސަތު އޮންނަނީ ދީނީ ޢިލްމުތަކެވެ. މިއީ އަދު ކަން އޮތް ގޮތެވެ. އެހެންނޫންތޯއެވެ؟

ކަން މިހެން އޮތް ނަމަވެސް، އިހުގެ، މުސްލިމުންގެ ރަންޒަމާނުގެ ތާސީރު އެކުލެވިފައިވާ ތަޢުލީމީ ނިޒާމު މަދުމަދުން ނަމަވެސް އިސްލާމީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ނޭވާލައެވެ. އިސްލާމީ ޢިލްމާއި، ދުނިޔަވީ ޢިލްމު އެއްކޮށް ކިޔަވައިދޭ މަރުކަޒުތައް އަދިވެސް އެބަހުއްޓެވެ. ހިތާމައަކީ އިސްލާމީ އުއްމަތުގެ ބޮޑު ބައެއްގައި ކަން ހިނގަނީ އަދިވެސް އެއާ ޚިލާފަށް ކަމެވެ. އެހެންކަމުން، މުސްލިމުން ފައްކާކުރި، އަދި އެ ނިޒާމަކުން ގިނަގުނަ އަގުހުރި ޢިލްމުވެރިން  އުފަންކުރުވި، ރަންޒަމާނުގެ ތަޢުލީމީ ނިޒާމު މުސްލިމުންގެ ތެރެއަށް އަނބުރާ ގެނައުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

 

މަސްދަރު: Lost Islamic History

 

 

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Varah kiyaahithun kiyaalevunu,varah mauloomaathu mussandhi vejje

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!