ރޮހިންޔާގެ މުސްލިމުންނަށް އެހީވެދެއްވާ. މިއީ ރަނުގެ ފުރުސަތެއް

މިއަދުގެ އިސްލާމީ އުންމަތް ވަނީ ދުނިޔޭގެ ތާރީޚް ދުވަހަކުވެސް ނުދެކޭހާ ބަލިކަށިވެފައެވެ. މުސްލިމުންނޭ ބުނެފިނަމަ އެއީ އެއްވެސް އާރެއް ބާރެއް ނެތް ބައިގަނޑެއްކަމަށް ޣައިރުމުސްލިމުން ސިފަކުރެއެވެ. ޓެރަރިސްޓުންގެ ޓެގް އަޅުވާ ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އެތައް މުސްލިމު އާއިލާތަކެއް ދަނީ ފަނާކޮށްލަމުންނެވެ. ނުވިތާކަށް ދުނިޔޭގެ އެތައް ހިސާބެއްގައި މުސްލިމުން އެބައިމީހުންގެ އަމިއްލަ ވަޒަނުން ނެރެ ޒަމާނުއްސުރެ އެމީހުން ދިރިއުޅެމުން އައި ފަސްގަނޑުން ބޭރުކުރަމުން ދަނީ އެއްވެސް ރަޙުމެއް ޙަމްދަރުދީއެއް ނެތި އެވެ. އިޒްރޭލުގެ ޒަޔަނިސްޓް ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެޤައުމުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް އަޅުގަނޑުމެންގެ ހިތްތައް ރޮއްވަމުންދާއިރު މިޔަންމާއިން ވަނީ މިއަނިޔާގެ ލިސްޓަށް ބޮޅެއް އިތުރުކޮށްދީފައެވެ.

މިޔަންމާގެ ހުޅަނގުދެކުނު އައްސޭރީގައި އޮންނަ ސަރަހައްދެއްކަމަށް ވާ “އަރާކާނު” ގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމު އާބާދީ އަށް މިޔަންމާގެ ލާއިންސާނީ ސަރުކާރާއި ރަޙުމުކުޑަ ބުޑިސްޓުންގެ އަނިޔާތައް ވަނީ އޮއްސާލާފައެވެ. މުސްލިމުން މަރައި “ކަތިލަމުން” އެގެންދަނީ ރޯމާ ދުވާލު އެއްވެސް ރަޙުމެއް ޙަމްދަރުދީ އެއް ނެތިއެވެ. މިއަނިޔާތައް ހުއްޓުވަން މިޔަންމާ ސަރުކާރުން އެއްވެސްކަމެއް ނުކުރާތާނގައި އަސްކަރިއްޔާއިން ދަނީ އަނިޔާ ކުރުމުގައި ބުޑިސްޓުންނާ ބައިވެރިވަމުންނެވެ. ޞަޙާބީންގެ ޒަމާނުއްސުރެ އަރާކާނުގައި މުސްލިމުން ދިރިއުޅެމުންދާކަން އެއީ ތާރީޚީ ފަތްފުތް ތަކުން އެނގެން އޮތް ޙަޤީޤަތެކެވެ. ނަމަވެސް މިއަދު އެބައިމީހުން އެވަނީ އެމީހުންގެ އަމިއްލަ ވަޠަނުގައި ވަޒަނެއް ނެތް ބައެއް ކަމުގައި ލޭބަލް ކުރެވިފައެވެ.

ނަތީޖާއެއްގެ ގޮތުން އަނިޔާއިން ސަލާމަތްވުމަށްޓަކައި ރޮހިންޔާ ދަރިކޮޅުގެ އެތައްބައިވަރު މުސްލިމުންނެއް ދަނީ އަރާކާނު ދޫކޮށް ބަންގްލަދޭޝް އާއި އެހެނިހެންވެސް ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ޙިޖުރަ ކުރަމުންނެވެ. ބަންޤްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންގެ ޢަދަދު 3 ލައްކައާ އަރާ ހަމަކުރަމުން ދާއިރު، ކާނެއެއްޗެއް ބޯނެފެނެއް ނެތި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން މިދެންނެވުނު ރެފިއުޖީ ކޭމްޕުތަކުގައި ދަނީ މަރާ ހަނގުރާމަކުރަމުންނެވެ. އަޅުގަނޑުގެ ދަރިފުޅު ބަކުންކައިގެން ނެޕީޖަހައިގެން އޭސީ ކޮޓަރިއެއްގެ މަދިރިގޭގައި އަރާމުކޮށް ނިދާފައި އޮތް އިރު އެރެފިއުޖީ ކޭމްޕުގައި ތިބި ޅަދަރިން ތިބީ ނިދިން މަޙުރޫމުވެފައެވެ. ރެއާދުވާލު މަދިރިއާއި އެހެނިހެންވެސް ސޫފާސޫފީގެ އުނދަގޫތައް ޖެހޭއިރު، ކާނެއެއްޗެއް ބޯނެ ފެންފޮދެއް ނެތެވެ.

އެބައިމީހުންގެ އަތްތައް އެދި އާދޭސް ކުރަމުންދަނީ އަޅުގަނޑުމެންގެ ދީލަތި އެހީއަށެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވެ، ﷲ ސުބުޙާނަހޫ ވަޠަޢާލާ ތިމާ އަށް ދެއްވާފައިވާ މުދަލުން ހޭދަކުރުމަކީ ތިމާގެ ނަފުސު ޠާހިރުކޮށްދޭ ވަރަށް އަގުހުރި ޢަމަލެކެވެ. މުދަލުން ހޭދަކުރުމަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގެ އެތައްތަނެއްގައި އެއިލާހުގެ އަޅުތަކުންނަށް އަންގަވާފައެވެ. އެއިލާހު ވަހީކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ۗ وَالْكَافِرُونَ هُمُ الظَّالِمُونَ  ﴿ سورة البقرة 254 ﴾

މާނަ: “އޭ إيمان ވެއްޖެ ތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: فدية ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާޔެއް ކޮށްދެނިވި) رحمة ތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ إذن ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ.”

އަދި ﷲ ސުބުޙާނަހޫ ވަޠަޢާލާގެ މަގުގައި މުދާހޭދަކުރާމީހާ އާމެދު އެއިލާހުވަނީ ޤިޔާމަތާ ހަމައަށް ދެމިއޮންނާނޭ ވަރަށް މަތިވެރި މިޘާލަކުން މިޘާލު ޖައްސަވާފައެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤާރާގެ 261 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿ سورة البقرة 261 ﴾

މާނަ: “اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ޞަދަޤާތްދީ މުދަލުން ހޭދަކުރުމަކީ އެއްވެސް ޙާލެއްގައި ޢަޅުގަނޑުމެންގެ އަތުން އެއްޗެއް މަދުވުން ކަމުގައި ނުދެކޭށެވެ. ތިބާއެހޭދަކުރާ އެއްޗެއް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. އަދި ދުނިޔެއާއި އާޚިރަތުގައިވެސް އެޢަމަލުގެސަބަބުން ތިބާއަށް ހެޔޮ ޖަޒާ ދެއްވާނީ ވެސް ހަމަ ﷲއެވެ.

އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ‏”‏‏ (صحيح البخاري 5073 / صحيح المسلم 993)

މާނަ: “އޭ އާދަމުދެގެ ދަރިޔާއެވެ. ތިބާ މުދަލުން ހޭދަކުރާށެވެ. އޭރުން ތިމަންއިލާހު ތިބާއަށް ހޭދަކުރައްވާހުށީމެވެ”

 

އަޅުގަނޑުމެން ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން ޖެހެއެވެ. ﷲ ތިބާއަށް ދެއްވި ދުޅަހެޔޮ ޞިއްޙަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އެދުވަސްވަރު ޖާނާއި މާލުން އެއިލާހުގެ ދީނަށް ޚިދުމަތް ކުރައްވާށެވެ. މާދަމާ ބަލިޙާލަތަށް ދިޔައިމާ، ޞަދަޤާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭނޭ ފައިސާއެއް މުދަލެއް އަތަކު ނުހުންނާނެއެވެ. ހަމަ އެހެންމެ މުދަލުން ހޭދަކުރުމަކީ ބަޚީލުކަން ނުވަތަ ދަހިކަމުން ނަފުސު ރައްކާތެރި ކޮށްދޭ ކަމެކެވެ. މިކަންކަމަށް ޢިޝާރާތް ކުރައްވައި އެންމެ ހެޔޮ ޞަދަޤާތަކީ ކޮބައިކަން ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَجُلٌ يَا رَسُولَ اللَّهِ أَىُّ الصَّدَقَةِ أَفْضَلُ قَالَ ‏ “‏ أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ تَأْمُلُ الْعَيْشَ وَتَخْشَى الْفَقْرَ ‏” (سنن النسائي 2542)

މާނަ: އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. މީހަކު ރަސޫލުﷲ ޞައަލައްﷲ ޢަލައިހި ވަސައްލަމް އާ ސުވާލުކުރެއްވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮވެގެންވާ ޞަދަޤާތަކީ ކޮބައިތޯއެވެ؟ އެހިނދު ރަސޫލުﷲ ޞައަލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާ ރަނގަޅު ޞިއްޙަތެއްގައިވީ ހިނދު ކުރާ ޞަދަޤާތާއި، ތިބާއަކީ ދަހި މީހެއް ކަމަށް އިހުސާސްވާ ހިނދު ކުރާ ޞަދަޤާތާއި، ރަނގަޅު ދިރިއުޅުމަކަށް އުންމީދުކޮށް އަދި ފަޤީރުކަމަށް ބިރުގަންނަހިދު ކުރާ ސަދަޤާތެވެ.”

މިއަދު އަޅުގަނޑުމެންނަށް މިވަނީ ޞަދަޤާތް ކުރުމަށް ރަނުގެ ފުރުޞަތެއް ލިބިފައެވެ. ރާއްޖޭގެ ބައެއް ހީވާގި ޖަމްޢިއްޔާތަކުން ދަނީ ރޮހިންޔާއަށް އެހީފޮނުވުމަށްޓަކާ ފަންޑުތައް ހުޅުވަމުންނެވެ. އެފަދަ ޖަމްޢިއްޔާ ތަކުން ހުޅުވާލާ ފަންޑު ފޮށިތަކަށް އެހިވެދެއްވާށެވެ. ކިތަންމެ ކުޑަކުޑަ ހެޔޮ ކަމަކުންވެސް ވަރަށް ފުރިހަމަ ނަތީޖާއެއް ނުކުމެދާނެއެވެ. އަދުގެ ޓެކްނޮލޮޖީ ތަރައްޤީވެފަ އޮތް މިންވަރުން އެހީވުން މިވަނީ ވަރަށް ބޮޑަށް ފަސޭހަ ވެފަ އެވެ. ގޭގެ ސޯފާގައި “ޖައްސާލައިގެން” އޮވެވެސް އެކި އެކި އެޕްލިކޭޝަންތަކާއި އޮންލައިން ބޭންކިންގެ ޒަރީޢާއިންވެސް އެހީވެދެވިދާނެއެވެ. ބޭނުންވަނީ ހިތްވަރެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައެއްކަމުގައިވާ ޙާލުގައިޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށްޓަކާ ވާ ލޯތްބެވެ. ބަދަލުގައި ﷲގެ ޙަޟްރަތުން އޮތީ ޘަވާބާއި ދަރުމައެވެ. މި ފުރުޞަތު ނަގާނުލައްވާށެވެ. ތިމާއަށް އެހީވެވެން އޮތީ ކޮން ގޮތް ގޮތަކުންތޯ ބަލައި ހޯދުމަށް ތިބާގެ އަގުހުރި ވަޤުތުތައް ހޭދަކުރަށްވާށެވެ. ﷲ ތިބާގެ މަސައްކަތާއި ޖުހުދުގައި ބަރަކާތް ލައްވާށިއެވެ. އާމީން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!