ރޮހިންޖާ މުސްލިމުންނަށް އެހީވުމަކީ ވާޖިބެއް، މިޔަންމާ ބޮއިކޮޓްކުރުމަށް ގޮވާލަން: ޢިލްމުވެރިންގެ އިއްތިހާދު

މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ އަނިޔާވެރިކަން ތަހައްމަލް ކުރަންޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަކީ މުސްލިމުންގެ މައްޗަށް އެމީހަކަށް ކުޅަދާނަވީވަރަކުން ވާޖިބެއްކަމުގައި އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް ނުވަތަ ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުން ބުނެފިއެވެ.

އެއިއްތިހާދުން މިފަދައިން ބުނެފައިވަނީ ރޮހިންޖާ މުސްލިމުންނާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި އެއިއްތިހާދުންވަނީ ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ ސަރުކާރުން ހިންގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން އެޤައުމު ބޮއިކޮޓް ކުރުމަށް ހުރިހާ މުސްލިމް ޤައުމުތަކަށް ގޮވާލާފައެވެ. އަދި ޤައުމުތަކުގެ ލީޑަރުން ސިޔާސީ ގޮތުން ރޮހިންޖާ މުސްލިމުންނަށް ދެވެން އޮތް ރައްކާތެރިކަމެއް ދިނުމަށާއި އެހީދޭ ޖަމިއްޔާތަކުން ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށްވެސް މިބަޔާނުގައި ގޮވާލާފަވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ސުންނީ ޢިލްމުވެރިން އެކުލެވޭ މިއިއްތިހާދުން ނެރެނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ހުކުރު ދުވަހުގެ ހުކުރު ޚުތުބާ ތަކުގައި ރޮހިންޖާ މުސްލިމުންގެ ހާލަތު ބަޔާންކޮށް އެމުސްލިމުންނަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައިވެއެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުން ރޮހިންޖާ މުސްލިމުން ދިރިތިއްބާ ކަތިލާ އަންދަމުންދާއިރު، އ.ދ ގެ ހިސާބުތައް ދައްކާގޮތުން މިޔަންމާގެ ސަރުކާރުގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް 164،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުންވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި އެތެރެވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!