“ޢީދު ސްމައިލް”މިއަދު ހަވީރު އޮންނާނެ އިންޝާ ﷲ

މޫސުން ގޯސްވުމުގެ ސަބަބުން ލަސްކުރި “ޢީދު ސްމައިލް” އިވެންޓް މިއަދު ހަވީރު އޮންނާނެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއިވެންޓް އިންތިޒާމްކުރާ އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ މޫސުން ރަނގަޅުނަމަ މިއަދު ހަވީރު ޢީދު ސްމައިލް އިވެންޓް ކުރިއަށްދާނެ ކަމަށެވެ.

“މޫސުން ރަނގަޅު ނަމަ އިންޝާ ﷲ މިއަދު ހަވީރު އިވެންޓް އޮންނާނެ. މިހާރުވެސް ތައްޔާރީތައް ވަމުން މިދަނީ ހަވީރަށް: ހާމިދު ވިދާޅުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4 ން 6 ކަށް، ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް އެކުލެވޭގޮތަށް ކުރިއަށްދާ މިހަރަކާތުގައި ގިނަ އިނާމްތަކެއްވެސް ލިބިގެންދާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މިހަރަކާތުގެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިން، ފަސްއޮށް ކުޅުން، އޮށްވަޅު ގޮނޑި ކުޅުން، ސްކޭޓް ކުރަން ދަސްކޮށްދިނުން، އަތްދޮވުން، ފޮޓޯ ފްރޭމް، ރިމޯޓް ކާރު ދުއްވުން، ޑަސްބިނަށް ދަޅު އުކުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް ހަރަކާތްތަކުގެ ގޮތުގައި މަދަހަ ކިޔުން، ވާހަކަ ކިޔައިދިނުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަމްޕަރއާއި ޓްރެމްޕޮލިންގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ހާމިދު ފާހަގަކުރި ގޮތުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައެވެ. އެގޮތުން ހޯސްޓިންގ ޕާޓްނަރ އެޗްޑީސީއާއި އިވެންޓުގެ މެއިން ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން، ކޯސްޕޮންސަރ އެންޒީއާއި އެލިއާގެ އިތުރުން އެހެންވެސް ގިނަ ފަރާތްތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެފަރާތްތަކަށްވަނީ ޝުކުރު އަދާކޮށްފައެވެ.

އަލް ހިޖްރަގެ ފަރާތުން ޢީދު ސްމައިލް ނަމުގައި މިހަރަކާތް ކުރިއަށްގެންދާ މިއީ ދެވަނަ ފަހަރެވެ. މިފަހަރުގެ އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ދިއިސްލާމްއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!