އެހީގެ ތަކެތި ބެހުމާއި ރޮހިންގިޔާ މުސްލިމުންނާއި ބައްދަލުކުރެއްވުމަށް ފަސްޓް ލޭޑީ ބަންގްލަދޭޝްއަށް

ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންގިޔާ މުސްލިމުންނާއި ބައްދަލުކޮށް ހާލު ބަލާލަން ތުރުކީގެ ފަސްޓް ލޭޑީ މެޑަމް އެމިނެ އުރުދުޣާން ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ފަސްޓް ލޭޑީ ބަންގްލަދޭޝަށް ވަޑައިގަނެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފަސްޓް ލޭޑިގެ މިދަތުރުފުޅުގައި ރޮހިންގިޔާ މުސްލިމުންނަށް ތުރުކީއިން ފޮނުވި އެހީގެ ތަކެތި ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށް ހާމަކޮށްފައިވެއެވެ.

ތުރުކީގެ ރައީސް އުރުދުޣާންވެފައިވަނީ ރޮހިންގިޔާ މުސްލިމުންގެ ހައްޤުގައި އަޑުއުފުއްލަވާއި ރޮހިންގިޔާ މުސްލިމުންނަށް އެހީތެރިވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވާ ރައީސަށެވެ.

މުސްލިމު ޤައުމުތަކުގެ ވެރިންނާއި ރޮހިންގިޔާ މުސްލިމުންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މަޝްވަރާތައް ކުރުމުގެ އިތުރުން މިޔަންމާގެ ލީޑަރު ސޫކީއާވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރޮހިންގިޔާ މުސްލިމުންނަށް ތުރުކީއިން ފޮނުވި 1000 ޓަނުގެ އެހީގެ ތަކެތި އިއްޔެ ބަހަން ފަށާފައިވާއިރު އިތުރު 10،000 ޓަނުގެ އެހީގެ ތަކެތި ތުރުކީއިން ފޮނުވާނެކަމަށް އުރުދުޣާންވަނީ ވިދާޅުވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!