ރާއްޖެއިން ސޫރިޔާގެ ރައްޔިތުންނަށް ފޮނުވި އެހީގެ ތަކެތި ބަހަން ފަށައިފި

ސުންނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖެއިން ފޮނުވި އެހީގެ ތަކެތި ބަހަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިހަރަކާތް ކުރިއަށް ގެންދިޔަ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) ގެ ފަރާތުން މައުލޫމާތު ދެއްވި އާދަމް ނާއިފް ވިދާޅުވީ “ހެލްޕް ސޫރިޔާ މޯލްޑިވްސް” ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުން ލިބުނު އެހީގެ ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ބަހަން ފަށާފައިވާ ކަމަށެވެ.

ސޫރިޔާގެ ރައްޔިތުންނަށް ރާއްޖެއިން ފޮނުވި އެހީގެ ތަކެތި ބެހުމުގައި ހަރަކާތްތެރިވަނީ ތުރުކީގެ ސަރުކާރާއި ގުޅިފައިވާ އެންމެ ބޮޑު އެން.ޖީ.އޯ ކަމުގައިވާ، އީހާހާ އެވެ.

މިއަހަރުގެ ޖެނުއަރީމަހު ފެށި މިހަރަކާތުގައި އެއްމަސްދުވަހުގެ މުއްދަތަށް އެހީގެ ތަކެތި އައި.އޭ.ސީގެ ފަރާތުން ބަލައިގަންނަމުން ދިޔައެވެ. އެހީގެ ގޮތުގައި ބަލައިގަނެފައިވަނީ އަންނައުނު، ފައިވާން، ރަޖާ، ގޮދަޑި، މަސްދަޅު، ނެޕީ، ހިކިކިރު، ކުޑަކުދިންގެ ކާނާ ފަދަ ބާވަތްތަކެވެ.

މިހަރަކާތުގައި މާލެއިން 8 ޖަމިއްޔާއަކާއި ރާއްޖޭގެ ރަށްރަށުން 28 ޖަމިއްޔާއެއްގެ އިތުރުން 14 ރަށު ކައުންސިލަކުން ބައިވެރިވެ އެހީގެ ތަކެތި ފޯރުކޮށްދީފައިވެއެވެ.

އެހީގެ ގޮތުގައި ލިބުނު ތަކެތި ބައިކޮށް ހަލާކުވެފައިހުރި ތަކެތި ވަކިކޮށް ޕެކްކޮށް ފޮނުވުމުގެ މަސައްކަތުގައި 50 ވޮލަންޓިއަރުން ހަރަކާތްތެރިވެފައިވެއެވެ.

އެހީގެ ގޮތުގައި ލިބުނު އަންނައުނާއި، ފައިވާން އަދި ރަޖާއިން 40 އިންސައްތަވަނީ ހަލާކުވެ ނުވަތަ ބައުވެފައި ހުރުމުގެ ސަބަބުން އުކާލަންޖެހިފައެވެ.

ހަތްމަހުގެ މަސަައްކަތަށްފަހު އެހީގެ ގޮތުގައި ލިބުނު ތަކެތި 3094 ފޮށިގަނޑުގައި ބަންދުކޮށް 4 ކޮންޓެއިނަރެއްގައިވަނީ ތުރުކީއަށް ފޮނުވާފައެވެ.

އެހީގެ ތަކެތި ޝިޕްކުރުމުގައި ހިނގި ޚަރަދާއި އެހީގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ވޮލަންޓިއަރުންގެ ކެއުމުގެ ޚަރަދުތައް ފަދަ ކަންކަން ކޮށްފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތީ އެހީތެރިކަމާއެކު ކަން އައި.އޭ.ސީއިން ފާހަގަ ކުރެއެވެ.

ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހިންގުނު މިކާމިޔާބު ހަރަކާތަށްފަހު އައި.އޭ.ސީއިން އަންނަނީ ރޮހިންގިޔާ މުސްލިމުންނަށް އެހީ ތެރިވުމުގެ ހަރަކާތަކަށް ތައްޔާރުވަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!