ރޮހިންގިޔާ މުސްލިމުންނަށް ތުރުކީއިންފޮނުވި އެހީގެ ތަކެތި ބަންގްލަދޭޝްއަށް ފޯރައިފި

ހާލުގައި ޖެހިފައިވާ ރޮހިންގިޔާ މުސްލިމުންނަށް ތުރުކީއިންފޮނުވި އެހީގެ ތަކެތި ބަންގްލަދޭޝްއަށް ފޯރައިފިއެވެ.

މިކަމާއި ގުޅޭގޮތުން ތުރުކީގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ތުރުކީއިން އެހީގެ ގޮތުގައި ފޮނުވި 1000 ޓަނުގެ އެހީގެ ތަކެތި ބުދަ ދުވަހު ބަންގްލަދޭޝްއަށް ފޯރާފައިވާ ކަމަށާއި އެހީގެ ތަކެތި ފޮނުވާފައިވަނީ ބަންގްލަދޭޝްގެ ކޯޒް ބާޒާރާއި އެހިސާބުގައި ދިރިއުޅެމުންދާ ރޮހިންގިޔާ މުސްލިމުންނަށެވެ.

މިއާއެކު ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ އިތުރު 10،000 ޓަނުގެ އެހީގެ ތަކެތި ތުރުކީއިން ރޮހިންގިޔާ މުސްލިމުންނަށް ފޮނުވާނެ ކަމަށެވެ.

ތުރުކީއިން ރޮހިންގިޔާ މުސްލިމުންނަށް އެހީގެ ތަކެތި ފޮނުވާފައިމިވަނީ ރޮހިންގިޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހައްދުފަހަނައެޅި ބުޑިސްޓުން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓާލުމާއި ގުޅޭގޮތުން ތުރުކީގެ ރައީސް އުރުދުޣާން މިޔަންމާގެ ލީޑަރު ސޫކީއާއި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

އ.ދ ގެ ހިސާބުތައް ދައްކާގޮތުން ރެފިއުޖީންގެ ގޮތުގައި 146،000 ރޮހިންގިޔާ މުސްލިމުންވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް އެތެރެވެފައެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!