ރޮހިންގިޔާ: ކީއްވެ؟

ބަރުމާ އަކީ އިންޑިއާ އާއި ޗައިނާގެ ކައިރީގައިވާ ޤައުމެކެވެ. ބަރުމާ އަށް ‘މިޔަންމާ’ ވެސް ކިޔައެވެ. އެ ޤައުމުގައި ރޮހިނގްޔާގެ ނަމުން ނަންދެވިފައިވާ މުސްލިމު ޖަމާޢަތެއް ވެއެވެ. މިޔަންމާގައި ވެރިކަން ކުރަނީ ބުދިސްޓު އަސްކަރިޔާއިންއެވެ. އެޤައުމުގައި މުސްލިމުން ހިއްސާކުރަނީ އެންމެ 10% އެވެ. އެ ޤައުމުގައި މުސްލިމުން ދަނީ މަރާ ހުސްކުރަމުންނެވެ. އަދި އެބައިމީހުންވަނީ ގެދޮރުން ބޭރުކޮށްލެވިފައެވެ.

މިއީ އައު ވާހަކައެއް ނޫނެވެ. މި ޖަރީމާ ވަނީ ވަރަށް ކުރީއްސުރެ ފެށިގެން އައިސްފައެވެ. 1784ގައި ބޮޑަވަޕަޔާނަމަކަށް ކިޔުނު ބުދިސްޓު ރަސްކަލަކަށް، މިޔަންމާގައި އިސްލާމްދީން ފެތުރިދާނެކަމުގެ ބިރު ހީވެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގަންފެށިއެވެ. ބުދިސްޓުންވަނީ މުސްލިމުންނާ ދެކޮޅަށް އެންމެ ނުބައިވެގެންވާ ޖަރީމާތައް ހިންގާފައެވެ. އެގޮތުން ކުޑަކުދިން ދިރިތިއްބާ އަންދާލުމާއި، އެކުދިން މެރުމާއި، އަނިޔާކުރުމާއި، އަދި އެހެންވެސް ލާއިންސާނީ ޢަމަލުތައް ހިންގާފައިވެއެވެ. މުސްލިމުންގެ ހަމައެކަނި ކުށަކަށް ވަނީ އެބައިމީހުން މުސްލިމުންގެ ގޮތުގައި ތިބުމެވެ. އެނޫން އެއްވެސް ކުށެއް ނޫނެވެ.

ބަރުމާގެ މުސްލިމުން އެކަމުން ސަލާމަތްވުމަށްޓަކައި އެހެން ޤައުތަކަށް ހިޖުރަކުރުމަށް މަސައްކަތް ކުރިނަމަވެސް އެހެން މުސްލިމު ޤައުމުތަކުން ވަނީ އެބައިމީހުން ބަލައިނުގެންފައެވެ. އެބައިމީހުންނަށް އޮތް ހަމައެކަނި ގޮތަކީ ކަނޑުމަތީގައި މަރުވުމެވެ. ނުވަތަ ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ތެރޭ ނިމިދިއުމެވެ.

އަޅުގަނޑު މި ހިތްދަތި ވާހަކަ ތިޔަބޭފުޅުންނާ މި ޙިއްސާކުރަނީ ކީއްވެގެންތޯއެވެ؟ އެއީ މުސްލިމު އުއްމަތާމެދު ލާއިންސާނީ ޢަމަލުތައް ކުރެވެމުންދާހިނދު އުއްމަތަށް ނަޞްރު ނުދިނީތީ އެކަމާމެދު އަޅުގަނޑުމެންނާ ސުވާލުކުރެވޭނެތީއެވެ.

މިކަމާ މެދު ކުރެވެން އޮތްކަމަކާ މެދު ސުވާލު ކުރެވިއްޖެނަމަ އަޅުގަނޑުގެ ޖަވާބަކީ، އެއީ ވަރަށް ފަސޭހަކަމެކެވެ. މި ލާއިންސާނީ އަނިޔާތައް ލިބެމުންދާ އަޚުންނާމެދު އަޅުގަނޑުމެންނަށް އެނގޭ މާބޮޑު އެއްޗެއް ނެތެވެ. އެބައިމީހުން ތަޙައްމަލު ކުރަމުންދާ ވޭންތަކާއި ކެކުޅުންތަކުގެ ވާހަކައެއް މީޑިއާތަކުން ނުދައްކައެވެ.

ތިބާއަށް ކުރެވޭނެ އެންމެ ފަސޭހަކަމަކީ އެބައިމީހުންގެ ޙާލަތުގެ ވާހަކައިން އެހެންމީހުންނަށް ޚަބަރުދިނުމެވެ. އެބައިމީހުން ތަޙައްމަލު ކުރަމުންދާ ވޭނާއި ކެކުޅުމަކީ އަޅުގަނޑުމެންނަށް ތަޞައްވުރުކުރެވޭ ވަރަށްވުރެ ބޮޑު މުޞީބާތެކެވެ.

އިސްލާމީ ދުނިޔެއާއި މުޅި އިންސާނިއްޔަތު މިވަނީ އެބައިމީހުންނާމެދު ޣާފިލުވެފައެވެ. އެބައިމީހުންގެ މިޘާލަކީ (ސޫރަތުލް ބުރޫޖުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ) އަލް އުޚްދޫދުގެ(ވަޅުގަނޑުތަކުގެ އަހުލުވެރިންގެ) މިޘާލެވެ.

އެބައިމީހުންގެ ޚަބަރު ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުވައިދޭށެވެ. އަދި އެބައިމީހުންނަށް ވަމުންދާގޮތާމެދު ތިޔަބައިމީހުން ހޭލާތިބޭށެވެ. މިއީ މުޅި މުސްލިމު އުއްމަތުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެބައިމީހުން މި މުޞީބާތުން މިންޖުކުރައްވާތޯއާއި ލާއިންސާނީ ދުއްތުރާތައް ކުރަމުންދާ ޖައްބާރު ވެރިންނަށް ކޯފާ ލައްވާތޯ ގިނަގިނައިން ދުޢާކުރާށެވެ. އަދި މިކަމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރެވެ.

ރަސޫލާ (اللهم صل على نبينا مُحمد) ޙަދީޘްކުރެއްވިއެވެ. “މުއުމިނުންގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލެވެ. އެހަށިގަނޑުގެ އެއްވެސް ތަނެއްގައި ވޭން އަޅާނަމަ މުޅި ރޭގަނޑު ހުންއައުމުގައި ހޭލާހުރެއެވެ.”

އޭ އަނިޔާ ލިބިފައިވާ ބަރުމާގެ މުސްލިމު އަޚުންނާއި އުޚުތުންނެވެ! އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުންނެވެ! ﷲ އަޅަމެންނަށާއި ތިޔަބައިމީހުންނަށް ފުދިގެން ވެއެވެ. އަދި އެކަލާނގެއީ އެންމެ ފުރިހަމަ ވަކީލެވެ.

އޭ ﷲއެވެ! އަޅަމެންގެ އަޚުންނާއި އުޚުންގެ ކަންކަން އަޅަމެން ވަކީލުކުރަނީ ތިޔައިލާހަށެވެ!

(މިއީ ޑރ މުޙައްމަދު އަލް ޢަރީފީ ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓްއެއްގެ ތަރުޖަމާއެކެވެ.)

ރޮހިންގްޔާގައި އަނިޔާ ލިބެމުންދަނީ ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑުމެންގެ ފެންވަރުގައި އެބައިމީހުންނަށް އެހީތެރިވެވޭނެ ގޮތްތައް ހޯދާ ބަލަންޖެހެވެ.

މިގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ އެބައިމީހުންނަށް އަދި މުޅި އިސްލާމީ އުއްމަތަށް ހެޔޮ ދުޢާ ކޮށްދިނުމެވެ.

“ހުރިހާ ކަމެއް ނުވަތަ ބައިވަރު ކަންތައް އެންމެނަށް ނުވެދާނެ، އެކަމަކު އަހަރެމެން ކޮންމެ މީހަކަށްވެސް މާތް ﷲ އެބައޮތް ދެއްވާފަ ހިތަކާއި، ދުލަކާއި، ދެ އަތް، ދައި އަންގަވާފަ އެބައޮތް ‘ادعوني أستجب لكم’ (ތިޔަބައިމީހުން ތިމަން އިލާހަށް ދަންނަވާށެވެ، ތިމަން އިލާހު އިޖާބަ ކުރައްވާނަމެވެ.)

ބަރުމާ އާއި ސީރިއާ ފަދަ ‘ލާ އިންސާނީ’ އަނިޔާވެރި ގޮތުގަ ޤަތުލުކޮށް ނެތި ހުސްކުރަމުންދާ އިސްލާމީ އުއްމަތުގެ (ކަލިމަ ކިޔާ މުސްލިމުންގެ) ހައްޤުގަ ހެޔޮ ދުޢާ، އަދި އެ އަނިޔާވެރި ނިކަމެތި ކުރައްވާތޯ ބަދު ދުޢާ ކުރަންޖެހޭނެ.

اللهم أعز الإسلام والمسلمين! وأذل الشرك والمشركين! ودمر أعداءك وأعداء الدين!
اللهم انصر إخواننا المستضعفين المضطهدين في كل مكان..!
اللهم اجْعَلْ لَهم مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَهم مِنْ لَدُنْكَ نَصِيرًا!

މިފަދައިން ނަމާދުތަކުގަ (ސަޖިދާގަ، އައްތާޙިއްޔާތުގަ އަދި ވިތުރީގެ ޤުނޫތުގަ) އަދި އަމިއްލަޔަށް ދުޢާކުރާއިރު ވެސް ކުރެވޭނެ. اللهم آمين ”

(މިއީ އައްޝައިޚް އާދަމް ޝާމީމް ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓްއެކެވެ.)

 

މީގެ އިތުރުން މާއްދީގޮތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށްޓަކައި ‘އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން’ އިން ދަނީ ތައްޔާރީތަކެއް ވަމުންނެވެ. ‘އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން’ އިން ވަނީ މީގެ ކުރިން ސީރިޔާއަށް އެހީވުމަށްޓަކައި ﷲ ގެ ރަޙުމަތުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. މިކަމުގަ މަޢުލޫމާތު ލިބެމުންދާ ވަރަކަށް ތިޔަބޭފުޅުންނާއި ޙިއްސާކުރަމުން ދާނަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!