ތުރުކީއިން ބަންގްލަދޭޝްއަށް: ރޮހިންގިޔާ މުސްލިމުންނަށް ބޯޑަރު ހުޅުވާލަދީ އަހަރުމެން ހުރިހާ ޚަރަދެއްގައި ހިފާނަން

  • ތުރުކީގެ ޚާރިޖީ ވަޒީރު

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށްދާ ރޮހިންގިޔާ މުސްލިމުންނަށް އެޤައުމުގެ ބޯޑަރު ހުޅުވާލަދިނުމަށް ތުރުކީއިން ގޮވާލައިފިއެވެ.

ތުރުކީއިން މިފަދައިން ގޮވާލާފައިވަނީ ވެރިކަންކުރާ އޭކޭ ޕާޓީއިން އަޟްހާ ޢީދު ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން އެޤައުމުގެ ޚާރިޖީ ވަޒީރެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ރޮހިންގިޔާ މުސްލިމުންނަށް އަވަށްޓެރި ބަންގްލަދޭޝްގެ ބޯޑަރު ހުޅުވާލަ ދިނުމަށް އެދޭކަމަށާއި އެމީހުންގެ ހުރިހާ ޚަރަދުތަކެއް ތުރުކީއިން ބަލަހައްޓާނެ ކަމަށެވެ. އަދި ޚާރިޖީ ވަޒީރު މިއެއްވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރޮހިންގިޔާ މުސްލިމުންނަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި ތުރުކީއިން އިސްނަގައިގެން ސަމިޓެއް ބާއްވާނެ ކަމަށެވެ.

ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރޮހިންގިޔާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުން އެމީހުން ސަލާމަތްކުރުމަށް ތުރުކީގެ ރައީސް އުރުދުޤާންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން އިސްލާމީ ޤައުމުތަކުގެ 13 ވެރިޔަކަށް ގުޅައި އެކަމާ ގުޅޭގޮތުން ޢުރުދުޤާން ވާހަކަ ދައްކަވާފައިވާކަން ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުން ގެންދަނީ ރޮހިންގިޔާ މުސްލިމުން ދިރި ތިއްބާ ކަތިލާ އެމީހުންގެ ގޮދުރުތައް އަންދާ އަޅިއަށް ހަދަމުންނެވެ. މިއާއެކު ބަންގްލަދޭޝްއަށް ރޮހިންގިޔާ މުސްލިމުންނަށް އެތެރެ ނުވެވޭނެ ހެން އެޤައުމުގެ ބޯޑަރުވަނީ ބަންދުކޮށްފައެވެ.

2012 ވަނަ އަހަރުން ފެށިގެން ރޮހިންގިޔާ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުޑިސްޓުން އަންނަނީ އެތަކެއް ލާއިންސާނީ ޢަމަލުތަކެއް ހިންގަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!