ކުޑަކުދިންގެ ބަގީޗާ ހުޅުވިއިރު ކިނބޫ ނެތިގެން ބައެއް ކުދިންނަށް ރޮވިއްޖެ

މީގެ ދެތިން އަހަރުކުރިއަށް ބަލާލާއިރުވެސް މާލޭގައި ދިރިއުޅޭ ކުޑަކުދިން ކުޅެލަންގޮސް ހިތް އުފާ ކޮށްލަންދާނެ މާ ބައިވަރު ތަންތަނެއް ނުހުރެއެވެ. ޖުމްހޫރީ މައިދާނާއި ކުޑަކުދިންގެ ބަގީޗާ ފަދަ ތަންތަނަކީ އޭރު މާލޭގައި ދިރިއުޅޭ ރައްޔިތުން ކުދިން ގޮވައިން ހިތްއުފާކޮށްލަން ގޮސްއުޅޭ ތަންތަނެވެ.

ނަމަވެސް މިސަރުކާރު އައިފަހުން ތޮއްޖެހިފައިވާ މާލޭގައި މީހުން ހިތްއުފާކޮށްލަންދާނެ ގިނަ މައިޒާންތަކާއި ބަގީޗާތަކެއްވަނީ ތަރައްޤީ ކޮށްފައެވެ. މިއާއެކު 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު ކުޑަކުދިންގެ ބަގީޗާވެސް މަރާމާތަށް ބަންދުކުރިއެވެ.

އިއްޔެއަކީ މާލޭގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކަށް އަނެއްކާވެސް އުފާވެރި ދުވަހެކެވެ. ޢީދާއެކު ކުޑަކުދިންގެ ބަގީޗާވަނީ މަރާމާތަށްފަހު ނުރަސްމީކޮށް ހުޅުވާފައެވެ.

ނުވަމަސްދުވަހުގެ މަސައްކަތަށްފަހު ބަގީޗާ ހުޅުވިއިރު ބަގީޗާގެ ޖާގަވަނީ ތަނަވަސްވެފައެވެ. ޒަމާނީ ބަދަލުތައް ގެނެސް ކުޑަކުދިން ކުޅޭނެ ގިނަ ވަސީލަތްތަކެއްވެސްވަނީ ޤާއިމްކޮށްފައެވެ. ނަމަވެސް ކުޑަކުދިންގެ ބަގީޗާއިން އެންމެ ދެކެން ބޭނުންވި އެކަތި އެތަނުން ނުފެނުނެވެ. 17 އަހަރު ވަންދެން ބަގީޗާ ފަޅުފިލުވާލަދިން ކިނބޫ އެތަނުން ފެންނާނެކަމަށް އުއްމީދު ކުރެވުނަސް އެކަން ވާގޮތެއް ނުވިއެވެ. މިއާއެކު ބައެއް މީހުން މާޔޫސްވީއިރު އެތަނަށްދިޔަ ބައެއް ކުދިންނަށްވަނީ ކިނބޫ ނުފެނިގެން ރޮވިފައެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ – ފޮޓޯ: އެމްއެންޑީއެފް

ވީމީޑިއާގައި މަސަައްކަތްކުރާ ހީވާގި ނޫސްވެރިޔާ އަލީ ސުލައިމާން ފޭސްބުކްގައި ހިއްސާކޮށްފައިވާ ގޮތުގައި އޭނާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު އިއްޔެ ކުޑަކުދިންގެ ބަގީޗާއަށްގޮސް ކިނބޫ ނުފެނިގެން ސުވާލުކުރުމުން، ކިނބޫ މަރާލައިފިކަމަށް ބުނުމުން ބާރަށް ރޯންފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

އިއްޔެ ބަގީޗާއަށް ގޮސްހުރި ދެކުދިންގެ މަންމައެއް ކަމުގައިވާ އައިޝަތު މުޙައްމަދު ދިއިސްލާމަށް ހިއްސާކުރިގޮތުގައި ބަގީޗާއަށް އައީ ކިނބޫ ފެންނާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

“މިއަދު ހުޅުވާ ވާހަކަ ބުނީމާ އައީ. އުއްމީދުކުރިން ކިނބޫ އޮންނާނެކަމަށް. ނެތީމާ ކުދިވެރިންވެސް ވަރަށް މާޔޫސްވެފައިތިބީ. މިތަނަށް އެންމެ އަންނަ ހިތްވަނީ ކިނބޫ ބަލާލަން” އޭނާ ބުންޏެވެ.

ކުޑަކުދިންގެ ބަގީޗާ، ބަގީޗާއަކަށް ހަދައިދިން ކިނބޫ އެތަނަށް ގެންގޮސްފައިވަނީ 1998 ވަނަ އަހަރުއެވެ. އޭރު އޭތީގެ ދިގުމިނުގައި ހަތަރު ފޫޓް ހުރިއިރު 2015 ވަނަ އަހަރު އޭތި އެތަނުން ގެންދިޔައިރު 8 ފޫޓަށްވުރެ ދިގުވެފައިވާ ކަމަށް ބުނެއެވެ.

ބަގީޗާއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤްބޫލު ކިނބޫ 2015 ވަނަ އަހަރު ސިފައިންގެ ބެލުމުގެ ދަށަށްގެންގޮސް ބަޑިޖަހައި މަރާލާ އުތުރު ތިލަފަޅުގައި ވަޅުލާފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!