• 1437 ވަނަ އަހަރު ޢީދު ފާހަގަކުރުމަށް ކިނޮޅަހުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ ޖަމިއްޔަތުލް އިއްތިހާދު

“ޢީދު ފާހަގަކުރަންޏާ ދާންވީ ކިނޮޅަހަށް”

މީގެ އަހަރުތަކެއް ކުރިން ސިޔާސީ ގޮތުން ނުފޫޒު ގަދަ އަންހެން ކަނބަލަކު ވިދާޅުވެފައިވެއެވެ. “ޢީދު ފާހަގަކުރަންޏާ ދާންވީ ކިނޮޅަހަށެވެ.” މިއީ ދިމާ ކުރުމުގެ ގޮތުން ބުނި ބަހެއް ކަމުގައި ވިޔަސް އަޅުގަނޑުވެސް ބުނަން އޮތީ ޢީދު ފާހަގަ ކުރަންޏާ ދާންވީ ހަމަ ރ ކިނޮޅަހަށެވެ.

ކިނޮޅަހުގެ ރައްޔިތުންނަކީ މުނިފޫހިފިލުވުމާއި އިޖުތިމާޢީ ހަރަކާތްތަކުން މަހުރޫމުވެފައިވާ “ކަޓު” ބައެއްގެ ގޮތުގައި ބަޔަކަށް ހީވެފައި އޮތަސް ކަންއޮތީ އެހެންނެއް ނޫނެވެ. އެރަށުގެ ރައްޔިތުންނަކީ މުނިފޫހިފިލުވުމާއި އިޖުތިމާޢީ ޙަރަކާތްތައް ހިންގުމުގައި ރާއްޖެއަށްވެސް ނަމޫނާ ބައެކެވެ. އެގޮތުން ދެޢީދުގެ މުނާސަބަތާއި ޤައުމީ މުނާސަބުތަކާއި އެހެނިހެން މެހެފިލުތަކާއި ދިމާކޮށް އެރަށުގެ ރައްޔިތުން މުނިފޫހިފިލުވުމުގެ ޙަރާކަތްތައް އިންތިޒާމު ކުރެއެވެ. އެފަދަ މެހެފިލުތައް އެރަށުގެ ރައްޔިތުން ފާހަގަ ކުރަނީ އިސްލާމީ ތަރަހައިގެ ތެރޭގައެވެ.

 

މިކަންފެށިގެން އައީ ކިހިނެއް؟

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބަށްފަހު ކުރިމަތިލީ ފުރަތަމަ ޢީދުގައި ކާބަފައިން ކަން ކުރި ގޮތް ކަމަށް ބުނެ ދީނާއި ޚިލާފް ކަންތައް ތަކެއް ކުރިއަށް ދިއުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި މައްސަލަތަކެއް ޖެހުނު ކަމަށާއި އެފަހަރު ކަންތައް ހިނގާ ދިޔަ ގޮތުން އިސްލާމީ ތަރަހައިގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުން އައިކަމަށެވެ.

މިވިސްނުމާއެކު ކައުންސިލުން އިސްނަގައިގެން ރަށުގެ އެހެންވެސް މުއައްސަސާތަކާއި ގުޅިގެން އެރަށުގައި ޢީދު ފާހަގަކުރަންފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

 

ޢީދު ކުޅިވަރުތައް އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީއެއް އޮވޭ

ކޮންމެ އަހަރެއްގެވެސް ޢީދު ކައިރިވުމުން ރަށުގެ މުއައްސަސާތައް ހިމެނޭ ގޮތަށް ޢީދުގެ ކަންކަން ރާވާ އިންތިޒާމުކުރުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައެވެ. މިއާއެކު ޢީދު ފާހަގަކުރުމުގެ ހުރިހާ ކަންކަމެއް މިކޮމިޓީގެ ބެލުމުގެ ދަށުން އެރަށުގައި ކުރިއަށް ގެންދެއެވެ.

ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ ކައުންސިލުން ރާވާ ހިންގާ މިފަދަ ކޮންމެ ހަރަކާތެއް ކުރިއަށް ގެންދަނީ ދީނީ ޢިލްމުވެރިންގެ އިރުޝާދު ހޯދައިގެން ކަމަށާއި އެކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއްވެސް ދޭކަމަށެވެ.

 

މިފަހަރު ކުރިއަށްދާނެ ހަރަކާތްތައް

ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތައްވެސް ކުރިއަށް ގެންދަނީ ދެޖިންސްވަކިން ހަރަކާތްތައްވެސް ދެބަޔަށް ބަހާލައިގެންނެވެ. ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު އެންމެ ފުރަތަމަ އޮތީ ރަށުގެ ހުރިހާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ޢީދު ސައި ބުއިމެވެ. އެއަށްފަހުގައި ކުޅިވަރުތައް ފެށިގެންދާނެއެވެ.

އެގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ތިން މުގޯލި، ބޮސްކުޅުން، ކުޑަކުދިންގެ ހަވީރު، ނެޓް ބޯޅަ، ބަށި ކުޅުން، ފުޓް ބޯޅަ ކުޅުން، ފައިގަތަޅާ، ގަނޑުފިއްލާ، މަދަހަ ކިޔުމުގެ އިތުރުން ބާބަކިއުވެސް ހިމެނެއެވެ.

ފިރިހެނުންގެ ކުޅިވަރުތަކުގެ ތެރޭގައި މަންޑިކުޅުން، ވާދެމުން، ކޮލިލުން، ކައްޓަށް ދުވުން، ބަހުސް ކުރުމާއި ވާހަކަދެއްކުމުގެ މުބާރާތުގެ އިތުރުން ވާދެމުން، ކުޑަކުދިންގެ ހަވީރު، މާލި ޕެރޭޑް، މަސްދަތުރު، ކުލަޖެހުން، މޫދު ކުޅިވަރުތަކުގެ އިތުރުން ބާބަކިއުވެސް އޮންނާނެއެވެ.

1437 ވަނަ އަހަރު ޢީދު ފާހަގަކުރުމަށް ކިނޮޅަހުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ ޖަމިއްޔަތުލް އިއްތިހާދު

ދިއިސްލާމަށް ވާހަކަދެއްކި ކިނޮޅަހުގެ ރައްޔިތަކު ބުނީ އިސްލާމީ ތަރަހައިގެ ތެރެއިން ޢީދުގެ އުފަލުގައި ބައިވެރިވެވޭތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި ހަޤީގީ އުފާވެރިކަން އިހްސާސްވެގެންދާ ކަމަށެވެ.

ކިނޮޅަހުގެ ޢީދު ފާހަގަކުރުމުން އެނގިގެންދަނީ ބޮޑެތި ޚަރަދުކޮށް ފަންނާނުން ގެނެސް މިޔުޒިކް ޝޯތައް ނުބާއްވާ، ދެޖިންސް މަސްހުނިނުވެ ޢީދުވެސް އުފަލާއި މަޖަލުގައި ފާހަގަ ކުރެވޭނެކަމެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާ ﷲ ކިނިހެއްތަ ތިރަށަށް ދެވޭނީ

  2. Varah ufaaveri vaka eh

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!