އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް ޖަލުގައި ޢަމަލުކުރެވެމުންދާ އަނިޔާވެރިގޮތް ބަޔާންކޮށްދެއްވާ ޝައިޚް އިމްރާންއަށް ދުޢާ ކޮށްދެއްވުމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ނައިބް ރައީސް ޑރ މުޙައްމަދު އިޔާޟް އަބްދުއް ލަތީފް އެދިލައްވައިފިއެވެ.
ޑރ ޢިޔާޟް މިފަދައިން އެދިފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ޑރ އިޔާޟް ވިދާޅުވެފައިވަނީ މިހާރު ޖަލުގައި ހުންނެވި ޝައިޚް އިމްރާނަށް ވަރަށް އަނިޔާވެރި އުސޫލަކުން ޢަމަލުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން ނިދުމާއި ފާޚާނާ ކުރުންފަދަ އަސާސީ ކަންކަމަށް ދަތިކޮށް ޚުޝޫއަތްތެރި ކަމާއެކު ނަމާދުކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް ޖަލުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޝައިޚް އިމްރާންއަށް ސިއްޚީ ގޮތުން އެތައް މައްސަލަތަކެއް ދިމާވެ ޝައިޚްގެ ހާލު ދަށަށް ދާކަން ޑރ ޢިޔާޟް ފާހަގަ ކުރައްވާފަވެއެވެ.
ނުހައްގުން ބޮޑު ޖަލުހުކުމެއް އިއްވާ ޝައިޚް އިމްރާން ޖަލަށް ލެވުނީ ރައްޔިތުންގެ ހައްޤުގާ އަނިޔާވެރި ވެރިކަމުގެ ކުރިމަތީގާއި ސާބިތުކަމާއެކު ހައްޤުބަސް ބުނުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާ ޑރ ޢިޔާޟް ވިދާޅުވެފައިވަނީ ޝައިޚް މިހާރު އެ ހުންނެވި ހާލަތަކީ މާދަމާ ކޮންމެ މީހަކުވެސް ހުންނަން ޖެހިދާނެ ހާލަތެއް ކަމަށާއި، އެހެންކަމުން އަނިޔާވެރިންގެ އަތްދަށުން ޝައިޚް އިމްރާން މިނިވަން ވޭތޯ ދުއާކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާއި ގުޅުވާ ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށްބުނެ ޝައިޚް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ޚިޔާލު