ދެދުވަހަށް މިޞްރުން ރަފާ ބޯޑަރު ހުޅުވައިފި

ފަލަސްތީނުގެ ޣައްޒާއަށް މިޞްރުން އެތެރެވެވެން އޮންނަ ރަފާ ބޯޑަރ މިޞްރުން ދެދުވަހަށް ހުޅުވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދިން ހަމާސް ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ދެދުވަހުގެ މުއްދަތަށް މިޞްރުން ރަފާ ބޯޑަރު ހުޅުވާފައިވާ ކަމަށާއި މިމުއްދަތުގައި ޣައްޒާއިން މިޞްރަށް އެތެރެވާން ބޭނުން ފަރާތްތަކަށާއި މިޞްރުން ޣައްޒާއަށް އެތެރެވާން ބޭނުން ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައިވެސް މިޞްރުންވަނީ ޣައްޒާއިން މިއަހަރުގެ ހައްޖު އަޅުކަމުގައި ބައިވެރިވުމަށް ދާން ބޭނުން ފަރާތްތަކަށް ހަތަރު ދުވަސް ވަންދެން ރަފާ ބޯޑަރު ހުޅުވަދީފައެވެ.

2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުންވެސް ޣައްޒާ ހިޞާރުކޮށްފައިވާއިރު ޣައްޒާއާއި އެހެން ޤައުމުތަކާއި ގުޅުވަދޭ ހަތް ބޯޑަރުގެ ތެރެއިން ހަ ބޯޑަރެއް ކޮންޓްރޯލް ކުރަމުން ގެންދަނީ އިޒްރޭލުންނެވެ.

2013 ވަނަ އަހަރު މިޞްރަށްގެނައި ބަޣާވާތަކުން އޭރު ވެރިކަމުގައި ހުންނެވި ޑރ މުހައްމަދު މުރްސީ ވެރިކަމުން ދުރުކުރުމަށްފަހު، މިޞްރުގެ ސަރުކާރުން ރަފާ ބޯޑަރު އޮންނަނީ ބަންދުކޮށްފައެވެ. ރަފާ ބޯޑަރަކީ އިޒްރޭލުގެ ކޮންޓްރޯލްނެތި، ޣައްޒާާގެ ރައްޔިތުން ދުނިޔެއާއި ގުޅުވައިދޭ ހަމައެކަނި ދޮރޯއްޓެވެ.

ގިނަ ދުވަސްތަކަކަށް އިޒްރާއިލްއިން ޣައްޒާ ހިޞާރުކޮށްފައި އޮތުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ 2 މިލިއަނެއްހާ ރައްޔިތުންވަނީ އިންސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!