މިއީ ވަރަށް ހިތްގައިމު މިސްކިތެއް، ހީވަނީ ބަގީޗާއެއްހެން

މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ގެ ގެކޮޅުތަކެވެ. އިސްލާމީ ހަޟާރާތް ކުރިއަރާ ފެތުރިގެން ދިޔައިރު މުސްލިމުންގެ އާކިޓެކްޗަރ ހުނަރުވެރިކަން ފެނިގެންދިޔަ ތަންތަނަށް މިސްކިތްތައް ވެގެންދިޔައެވެ. ބަލާމީހަކު ހައިރާންވާފަދަ ހުނަރުވެރިކަން މުސްލިމުން އެފަންނުގައި ދައްކުވައިދިނެވެ.

ދައްކަން މިއުޅެނީވެސް މިފަހަކުން މިފަދަ ހައިރާންކަމަކާއި މަޤްބޫލުކަމެއް ގެނުވި މިސްކިތެއްގެ ވާހަކައެވެ.

އެއީ ތުރުކީވިލާތުގެ މެދުތެރޭގެ އަވަށެއްކަމުގައިވާ ކިރްސިއާ(Kırşehir)ގައި އުޘްމާނީ ޚިލާފަތުގެ ޚަލީފާއެއް ކަމުގައިވާ ސުލްޠާން އަބްދުލްހަމީދު ޚާންގެ ނަމުގައި ބިނާކޮށްފައިވާ މިސްކިތުގެ ވާހަކައެވެ.

މިމިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ފަންގިފިލާ އުޑުމަތި ސިފަވާގޮތަށް އަދި މިސްކިތުގައި އަޅާފައިވާ ކާޕެޓް ފެހިކަންގަދަ ވިނަ ތަކެއް ސިފަވާ ގޮތަށެވެ. އަދި ކުޑަ ދޮރުތައް ދެމެދުގައި އުސްކޮށް ހެދިފައިވާ ގަސްތައް ކުރަހާފައިވާއިރު އިމާމް މީހާ ނަމާދު ކުރަންހުންނަ މިހުރާބުގެ ފަރުމާކޮށްފައިވަނީ ފެންއާރަކުން ފެންތައް އޮހިގެން އަންނަތަން ސިފަވާ ގޮތަށެވެ. މީހުންގެ ލޮލުގައި މިމިސްކިތް އަޅައިގަތީވެސް މިފަރުމާގެ ސަބަބުންނެވެ.

މިމިސްކިތް އެންމެ ފުރަތަމަ ބިނަކޮށްފައިވަނީ މީލާދީން 1910 އަހަރުގައެވެ. ނަމަވެސް އޭގެ ފަހުން އުޘްމާނީ ޚިލާފަތު ތުރުކީން އުވަލާ މުސްތަފާ ކަމާލް އަތާތުރުކު މުޅި ތުރުކީ ސެކިއުލަރ ދައުލަތަކަށް ބަދަަލުކޮށް ތުރުކީ ތަހައްމަލް ކުރަންޖެހުނު ކަންތައްތަކުގައި މިމިސްކިތްވެސް އަޅާނުލެވި މަރާމާތު ނުކުރެވި ވިރާނާވެގެން ދިޔައީއެވެ.

އަލުން އިމާރާތްކުރެވި މިދިޔަ އަހަރު ހުޅުވުނު މިމިސްކިތުގައި މިހާރު ފެންނަން އެހުރީ އަޒަރުބައިޖާންގެ އާކިޓެކްޓެއްގެ ހިތްގައިމު މަސައްކަތެވެ.

މިމިސްކިތުގެ އިމާމް ބުނެފައިވެއެވެ. “އަހަރެން މިމިސްކިތުގެ އިމާމް ކަމާއި ހަވާލުކުރެވުނު ހިސާބުން މިމިސްކިތުގެ ފަރުމާކުރުންފެނި ވަރަށް ބޮޑަށް ހައިރާންވި. އަދީ އޭގެ ފަހުން މިމިސްކިތުގެ ތާރީޚާއި މިމިސްކިތާއި ގުޅޭ މައުލޫމާތު ހޯދަން ވަރަށް މަސައްކަތް ކުރިން. އެގޮތުން މިފަހުން މިސްކިތް އިމާރާތްކުރި މީހުން، އަހަރެންގެ ގާތު ބުނިގޮތުގައި އެމީހުން މިމިސްކިތް މިގޮތަށް ފަރުމާކުރީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 22 ވަނަ އާޔަތުން އިންސްޕަޔަރ ވެގެން”

ބަޤަރާ ސޫރަތުގެ 22 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާ: “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ!”

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދެން ތިމިސްކިތުގައި ނަމާދު ކުރާ މީހުންގެ ހިތް އޮންނާނީ ކޮންތާކު ކަމާމެދު ހައިރާންވޭ މިހާރުވެސް އިސްލާމީ މަރުކަޒުގައި ނަމާދު ކުރާއިރުވެސް ދިމަ ދިމާއަށް ވިސްނޭވަރުން މިއުޅެނީ

  2. މާޝާﷲ ހާދަރީތި މިސްކިތެކޭ، ވަރަށް ދާހިތްވޭ އެބަ

  3. މަމެންގެ ގަޓުހުރި އޯސަމް ޕިންކް ސަރުކާރުން މާލޭގެ އުތުރުފަރާތުގައި ސައުދި އެހީގައި ބިލްޑްކުރާ މިސްކިތް މާ ބިއުޓިފުލްވާނެ

  4. ބަލައިލަން ރީއްޗަކަސް، މިސްކިތްތައް ތިކަހަލަ ގޮތްގޮތަށް ހެދީމަ ކަމަކުނުދޭ. މިސްކިތް ހަމައެންމެ ރީތީ ހުދު ފާރު، ދެން ކޮންމެވެސް ވަރަކަށް ލަކުޑިގެ މަސައްކަތްތައް. އެއަށްވުރެ ބޮޑުވަރު ކުރީމަ ކަމަކުނުދޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!