ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހުޅުމާލޭގައި ފަށައިފި

  • ހުޅުމާލޭގައި ކުރިއަށްދާ ހިފްޒު ކްލާސްތަކުގެ ތެރެއިން / ފޮޓޯ: ގުރުއާނާބެހޭ މަރުކަޒު

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.

ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދީ ޙާފިޒުންގެ އަދަދު އިތުރުކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިކުރާނެ މީހުން ތަމްރީން ކުރުމުގެ މަޤްޞަދުގައި ފެށި މިކްލާސްތަކުގައި 61 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭ މަސްޖިދު އާލްޘާނީގައި ކުރިއަށްދާ މިކްލާސްތަކުގެ ހެނދުނުގެ ދަންފަޅި ހާއްސަ ކޮށްފައިވަނީ ކުޑަކުދިންނަށެވެ. އަދި އަޞުރު ނަމާދަށްފަހު ބޮޑެތި މީހުންނަށްވެސް ހިފްޒް ކުރުމުގެ ކްލާސްތަކެއް ކުރިއަށް ގެންދާކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކުރެއެވެ.

ރަސްމީބަންދު ނޫން ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މިކްލާސްތަކުގައި ކޮންމެ ކުލާހަކަށް 20 ކުދިންގެ ޖާގަ ހަމަޖެހިފައިވާއިރު ޖާގަ ލިބޭ ވަރަކުން އިތުރުކުދިންނަށް ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެމަރުކަޒުން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!