އިމާމް ނަވަވީގެ 40 ހަދީޘް (ފަސްވަނަ ބައި)

ހަތްވަނަ ހަދީޘް

 

عـن أبي رقية تميم بن أوس الداري (رضي الله عنه) أن النبي (صلى الله عليه وسلم) قال: “الدين النصيحة”، قلنا لمن؟ قال: “لله ولكتابه ولرسوله ولأئمة المسلمين وعامتهم”. (رواه مسلم)

ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ”ދީނަކީ ނަސޭޙަތްތެރިވުމެވެ” ތިމަންމެން ދެންނެވީމެވެ. ”ކޮންބަޔަކަށްތޯއެވެ؟ ” ރަސޫލާ (صلى الله عليه وسلم) ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާއަށާއި އަދި މުސްލިމްވެރީންނަށާއި އަދި ޢާއްމު މީސްތަކުންނަށެވެ.”

ޢަރަބިބަހުގައި ނަސޭޙަތުގެ ދެމާނައެއްވެއެވެ. އެއް މާނައަކީ އިޚްލާޞްތެރިވުމެވެ. އަނެއް މާނައަކީ ޢާއްމު ވާހަކަދެއްކުމުގައިވެސް ބޭނުންކުރެވޭފަދައިން ހެޔޮ އިރުޝާދުދީ، ހެޔޮބަސްބުނުމެވެ.

ﷲ އަށް އިޚްލާސްތެރިވާނެގޮތް:

ތައުޙީދުގެ ތިންބަޔަށް ރައްކާތެރިވުން. އެއީ:

  1. تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން
  2. تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން
  3. تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން

 

އެކަލާނގެ ފޮތަށް އިޚްލާސްތެރިވާނެގޮތް:

  1. (الإيمان الجازم) ކީރިތި ޤުރުއާނަކީ މާތްﷲ ގެ ކަލާމްފުޅުކަމުގައި ހިތުން ތެދުކޮށް ޤަބޫލުކުރުން
  2. (التسليم المطلق و القبول التام) ކީރިތި ޤުރުއާނުގައި އައިސްފައިވާ ޙުކުމްތަކަށާއި އިރުޝާދުތަކަށް ފުރިހަމަޔަށް ކިޔަމަންގަތުން
  3. ކީރިތި ޤުރުއާންކިޔެވުމާއި އޭގެ މާނައާއިމެދު ވިސްނާ ފިކުރުކުރުމާއި، ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމާއި، ކީރިތި ޤުރުއާނުގެ ޢިލްމުތައް

ކިޔަވއިދިނުން އަދި އިސްވެ މިދެންނެވުނު ކަންކަމުގެ މައްޗަށް މީސްތަކުންނަށް

ދަޢުވަތުދިނުން.

 

ﷲގެ ރަސޫލާއަށް އިޚްލާސްތެރިވުމަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބަޢަވުމެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަޙީތަކުން ދުރުވުމެވެ.

ވެރިންނަށް ނަޞީހަތްތެރިވުމަކީ ވެރިންނަށް ކިޔަމަންވުމާއި، ﷲއަށް އުރެދުމަކަށް އަމުރުނުކުރާހާ ހިނދަކު އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވުމާއި، ހެޔޮކަންކަމުގައި ވެރިންނަށް މަދަދުވެރިވުމާއި، ވެރިންނަށް ހެޔޮ ރިވެތިގޮތުގައި ނަސޭޙަތްދިނުމާއި، އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދިނުމާއި އަދި ވެރިންނާއި ދެކޮޅަށް ނުކުމެގަތުމުން ދުރުވެގަތުމެވެ.

ޢާއްމު މުސްލިމުންނަށް ނަޞީޙަތްތެރިވުމަކީ އެބައިމީހުންނަށް  ހެޔޮ ފައިދާހުރިކަންކަމަށް މަގުދެއްކުމާއި އެބައިމީހުންނަށް ދީނީ އަދި ދުނިޔަވީ ޢިލްމު ފޯރުކޮށްދިނުމާއި އެބައިމީހުންނަށް ކަންކަން އޮޅުވާލުމުން ދުރުވުމާއި، އެބައިމީހުންނާއި ޙަސަދަވެރިވުމުންދުރުވުމާއި އަދިވެސް މިފަދަ ކަންތައްތަކެވެ.

 

އަށްވަނަ ހަދީޘް

عن ابن عمر رضي الله عنهما أن رسول الله (صلى الله عليه وسلم) قال: “أمرت أن أقاتل الناس حتى يشهدوا أن لا إله إلا الله وأن محمداً رسول الله، ويقيموا الصلاة، ويؤتوا الزكاة، فإذا فعلوا ذلك عصموا مني دماءهم وأموالهم إلا بحق الإسلام، وحسابهم على الله تعالى”. (رواه البخاري ومسلم)

މާތް ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، އަދި ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށްދާންދެން މީސްތަކުންނާއި ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ފަހެ އެމީހުން އެކަންތައް ކޮށްފިނަމަ، އެމީހުންގެ ލެޔާއި އަދި އެމީހުންގެ މުދާވަނީ އިސްލާމްދީނުގެ ޙައްޤެއްގެ މައްޗަށްމެނުވީ ތިމަންކަލޭގެފާނުގެ އަތްޕުޅުން ސަލާމަތްކަންލިބިގެންނެވެ. އަދި އެމީހުންގެ ހިސާބުބެއްލެވުންވަނީ ﷲ ތަޢާލާއަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!