އޮގަސްޓް: ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަލަބޮލި މަހެއް

2004 ވަނަ އަހަރު ޖޫންމަހު އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފެށްޓެވި އިސްލާހީ އެޖެންޑާއާއެކު ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި އައު ބާބެއް ފެށިގެން ދިޔައެވެ. ކުރިން ސިޔާސީ ކަންކަމުގައި ރައްޔިތުންނަށް ލިބިފައިނެތް އެތައް މިނިވަންކަމަކަށް ޤައުމު ހުޅުވިގެން ދިޔައެވެ. މިނިވަން ބަހުސްތައް ކުރެވިގެންދިޔައެވެ. ދިވެހިންގެ އައު ޤާނޫނު އަސާސީއެއް އެކުލަވާލުމަށް ރައްޔިތުންގެ ހާއްސަ މަޖްލިސް އެކުލަވާލާ އެމަސައްކަތް ވެސް ފެށިގެންދިޔައެވެ.

މިހުރިހާ ކަންކަމާއެކު ކުރިން ސިޔާސީ ކަންކަމުގައި ޤައުމު ހަލަބޮލި ނުވާވަރަށް ހަލަބޮލިވާން ފެށިއެވެ. ސިޔާސީ ގޮތުން ކުރިން ފެނިފައިނުވާ ބޮޑެތި ނިންމުންތަކެއްވެސް ނިންމިގެންދާތަން ފެންނަންފެށިއެވެ. މިގޮތުން ވޭތުވެދިޔަ ބާރަވަރަކަށް އަހަރު ސިޔާސީ ގޮތުން އައި ބޮޑެތީ “ސުނާމީ” ތަކެއް އައި އެއްމަހަކަށްވާނީ އޮގަސްޓު މަހެވެ. އެހެންކަމުން މިބަލާލަނީ ވޭތުވެދިޔަ އަހަރު ތަކުގައި އޮގަސްޓުމަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގައި ހިނގާފާނެ ކަމަށް ބެލެވޭ ބައެއް ކަންކަމަށެވެ.

އޮގަސްޓް 12،13

ކަޅުހުކުރު ނުވަތަ އޮގަސްޓް 12،13 އަކީ މިޖީލުގެ ހާއްސަކޮށް ސިޔާސީ ކަންކަމަށް ޝައުޤުވެރިވާ އެކަންކަން ހޯދާ ބަލާ މީހަކަށް ހަނދާންނެތޭނެ ހާދިސާއެއް ނޫނެވެ. އޭރު މާލޭގައި ކުރެވެމުންދިޔަ މިނިވަން ބަހުސްގެ އިސް ބައިވެރިއެއް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް ފުލުސް އޮފީހަށް ހާޟިރުކުރެވި، އެތަނުގައި ގިނައިރުވުމުގެ ސަބަބުން ވަމުންދާ ގޮތް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވަމުން ދިޔައެވެ. އެއާއެކު ރައީސް މައުމޫންގެ ސަރުކާރާމެދު އުފެދިފައިވާ ނަފުރަތާއި ރުޅިވެރިކަމުގެ އުދާސްތަކުން މުޅި ޖުމްހޫރީ މައިދާން ގުގުމަމުން ދިޔައެވެ. އާޚިރު ނަތީޖާއަކަށްވީ މިރުޅިވެރިކަމާއި ނަފްރަތުގެ އުދާސް ޖުމްހޫރީ މައިދާން ސަރަހައްދު ފަހަނަ އަޅައި މުޅި މާލެއަށް ފެތުރިގެން ދިއުމެވެ. ސަރުކާރުގެ މުދަލާއި އިމާރާތްތަކަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖެހިއެވެ. އާއްމު ރައްޔިތުންގެ މުދަލަށް ގެއްލުންދިނެވެ.

މުޅި މާލެ ނުރައްކަލުގެ ހާލަތަކަށް ވެއްޓި، ދާޚިލީ ހަމަނުޖެހުމެއްގެ ސަބަބުން ރާއްޖެއަށް ނުވަތަ ރާއްޖޭގެ ވަކި ހިސާބެއްގެ އަމަން އަމާންކަމަށް ގެއްލުން ލިބިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤަބޫލުކުރެވި، އޭރު ޢަމަލުކުރެވެމުންދިޔަ ނޫ ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ދަށުން ސަރުކާރުން މާލެއާއި މާލެ ކައިރީ ހިސާބުތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރިއެވެ. މިއާއެކު ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފަހުރި ބައެއް އަސާސީ ހައްޤުތައް ހަނިކުރެވުނެވެ. އެސްއެމްއެސްއާއި އިންޓަނެޓުގެ ޚިދުމަތްވެސް ކަނޑާލިއެވެ.

އައު ޤާނޫނު އަސާސީ ތަސްދީގުކުރުން

2004 ޖޫން 09 ވަނަދުވަހުގެރޭ ރައީސް މައުމޫން އިޢުލާންކުރެއްވި އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު އެއްކަމަކީ އޭރު ޢަމަލު ކުރެވެމުންދިޔަ ނޫ ޤާނޫނު އަސާސީ އިސްލާހުކުރައްވަން ފެނިވަޑައިގަންނަވައި ކަމަށާއި އެމަސައްކަތް ކުރުމަށްޓަކައި ރައްޔިތުންގެ ހާއްސަ މަޖްލިސް އެކުލަވާލައްވާނެކަން އިއުލާން ކުރެއްވި ކުރެއްވުމެވެ.

އެއާއެކު އެއަހަރުގެ ޖުލައި 19 ވަނަ ދުވަހު ރައްޔިތުންގެ ހާއްސަ މަޖްލިސް އެއްކޮށް ހަތަރު އަހަރު ދުވަހުގެ މަސައްކަތުން މިހާރު މިއޮތް ފެހި ޤާނޫނު އަސާސީ އެކުލަވާލާ 2008 ޖޫން 26 ގައި މަޖްލިސްއިން ފާސްކުރެވުނެވެ.

ތިން ބާރު ވަކިކުރެވި، ރައްޔިތުންނަށް އެތައް ހައްޤުތަކެއް ކަށަވަރުކޮށްދިން މިޤާނޫނު އަސާސީ ތަސްދީގުކުރެވުނީ 7 އޮގަސްޓް 2008 ވީ އަންގާރަ ދުވަހު އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޤާނޫނު އަސާސީ ތަސްދީގު ކުރުމުގެ ޤަރާރުގައި ސޮއި ކުރެއްވީ އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްއެވެ.

ކޯނީގެ ރިޕޯޓު އާއްމުކުރުން

4 ޖެނުއަރީ 2012 އިން ފެށިގެން 8 ފެބުރުއަރީ 2012 އަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތަކާއި، 7 ފެބްރުއަރީ 2012 ގައި ރާއްޖޭގެ ވެރިކަން ބަދަލުވީގޮތް ތަހްޤީގު ކުރުމަށް ރައީސް ވަހީދުގެ ޤަރާރަކުން އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު އާއްމު ކުރީވެސް އޮގަސްޓް މަހުގައެވެ.

ސިންގަޕޫރުގެ ފަނޑިޔާރެއްވެސް ހިމެނޭ ގޮތަށް އެކުލަވާލި މިކޮމިޝަނުގެ ރިޕޯޓު އާއްމު ކޮށްފައިވަނީ 30 އޮގަސްޓް 2012 ގައެވެ. މިރިޕޯޓުގައި ކޯނީއިން 4 ނުކުތާއެއް ފާހަގަ ކުރައްވާފައިވެއެވެ. އެއީ7 ފެބްރުއަރީ 2012 ވަނަ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ކަމަށާއި ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ކަމަށާއި ފެބްރުއަރީ 6، 7، 8 ގައި ފުލުހުން ހިންގި އަނިޔާވެރި އަމަލުތައް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންޖެހޭނެކަމަށެވެ.

ކުރިއަށްހުރީ ކޮންކަންތަައްތަކެއް؟

މިއަހަރުގެ އޮގަސްޓު މަހަށް އެޅިގެން އައި އިރުވެސް ގައުމުގެ ސިޔާސީ މަޝްރަހު އަނެއްކާވެސް މިވަނީ ހަލަބޮލިވެފައެވެ.

ރައްޔިތުންގެ މަޖްލިސްގެ ރައީސް މަޤާމުން ދުރުކުރުމުގެ ވޯޓާއެކު ގިނަ އަދަދެއްގެ މަޖްލިސް މެމްބަރުންތަކެއް ސަރުކާރާއި ފެޔަށްޖެހި މަޖްލިސްގައި އޮތް ސަރުކާރުގެ ވަރުގަަދަ މެޖޯރިޓީއަށްވަނީ ގުޑުންތަކެއް އަރާފައެވެ. ސަލާމަތީ ބާރުތަކުން މަޖްލިސްގައި ހަރަކާތްތެރިވުން އިތުރުވެފައިވާއިރު ހަތަރު މަޖްލިސް މެމްބަރެއްގެ ގޮނޑީގެ މައްސަލަތަކެއްވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މަޖްލިސް ރައީސް އަބްދުﷲ މަސީހްއާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރާއި އިދިކޮޅު ކޯލިޝަނުން ކުރިއަށްދާން ތިބިއިރު ހަތަރު މަޖްލިސް މެމްބަރަކުވަނީ ފުލުހުންގެ ހައްޔަރުގައެވެ.

މިނޫންވެސް ގިނަ ކަންތައްތަކެއް އޮގަސްޓު މަސްފެށިގެން އާއިރު ސިޔާސީ މަޝްރަހަށް ތިލަވެފައިވުމާއެކު ޤަބޫލުކުރެވެނީ މިއޮގަސްޓް މަހަކީވެސް ސިޔާސީގޮތުން ފާހަގަކޮށްލެވޭ ނިންމުންތަކެއް ފެނިގެންދާނެ މަހެއް ކަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!