މާތް ﷲގެ އަތްޕުޅުން ކުރެއްވި 3 ކަމެއް

ﷲ ޞުބްޙާނަހޫ ވަތަޢާލާއަކީ އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިރާދަކުރައްވާ ކަމެއް ކުރައްވާ އިލާހެވެ. އެގޮތުން، އެހެން މަޚްލޫޤުތަކާއި ޚިލާފަށް އެކަލާނގެވަނީ އެކަލާނގެ އަތްޕުޅުން ބައެއް މަޚްލޫޤާތުތައް ހައްދަވާފައެވެ. އަދި ބައެއް ކަންކަން ކުރައްވާފައެވެ. އެގޮތުން މިލިޔުމުގައި މިބަލާލަނީ އެކަލާނގެ އަތްޕުޅުން ކުރައްވާފައިވާ 3 ކަމަކަށެވެ.

  1. އާދަމްގެފާނު ހެއްދެވުން

ދަލީލަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާގެ މިވަޙީ ބަސްފުޅެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. “قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ ” (سورة ص 75)

މާނައީ:” އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންއިލާހު އަތްޕުޅުން  ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (ސަޖިދަ ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟”

 

  1. ޢަދްނު އޭކިޔުނު ގަސްތައް ސުވަރުގޭގައި އިންދެވުން

ދަލީލަކީ މުޣީރާ ބުނު ޝުޢުބާގެ އަރިހުން ވާރިދުވެގެންވާ މިޙަދީޘް ބަސްފުޅެވެ. ނަބިއްޔާ ﷺ   ޙަދީޘްކުރެއްވިއެވެ. ”  قَالَ أُولَئِكَ الَّذِينَ أَرَدْتُ غَرَسْتُ كَرَامَتَهُمْ بِيَدِي وَخَتَمْتُ عَلَيْهَا فَلَمْ تَرَ عَيْنٌ وَلَمْ تَسْمَعْ أُذُنٌ وَلَمْ يَخْطُرْ عَلَى قَلْبِ بَشَرٍ” (رواه مسلم)  މާނައީ: “މާތް ﷲ ވަޙީކުރެއްވިއެވެ. އެބައިމީހުންނަކީ ތިމަން އިލާހު ޚިޔާރުކުރައްވަވާ ހޮއްވެވި މީހުންނެވެ. އެބައިމީހުންނަށް ދެއްވި ކަރާމާތްތެރިކަން(އެބަހީ: “އަދްން” އޭ ކިޔުނު ސުވަރުގޭގެ ގަސްތައް) ތިމަން އިލާހުގެ އަތްޕުޅުން އިންދެވީމެވެ. އަދި އޭގެ މައްޗަށް ސިއްކަ ޖެއްސެވީމެވެ. ފަހެ އެތަން ދުވަހަކު ލޮލަކުން ދެކެފައި ނުވެއެވެ. އަދި އެތާނގެ ސިފަކުރުމެއް ކަންފަތަކުން އަޑުއަހާފައިނުވެއެވެ. އަދި އެތަނުގެ މަންޒަރުތައް އެއްވެސް ހިތަކަށް އަރާފައި ނުވެއެވެ.”

  1. މޫސާގެފާނަށް ބާވާލެއްވުނު ފަތްފުއްތަކުގައި ލިޔުއްވުން

ދަލީލަކީ އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ރަސޫލުﷲ ﷺ ގެ މިޙަދީޘްފުޅެވެ.އަދާމްގެފާނު މޫސާގެފާނަށް ވިދާޅުވިކަމަށް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ” أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ وَخَطَّ لَكَ بِيَدِهِ‏”‏

މާނައީ: “ކަލޭގެފާނަކީ މޫސާއެވެ. ﷲ އެކަލާނގެ ބަސް ވަޙީކުރެއްވުމަށް ކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް (ތައުރާތު) އެކަލާނގެ އަތްޕުޅުން ލިޔެދެއްވިއެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!