އިމާމް ނަވަވީގެ 40 ހަދީޘް (ހަތަރުވަނަ ބައި)

ފަސްވަނަ ހަދީޘް

عن أم المؤمنين أم عبد الله عائشة رضي الله عنها قالت: قال رسول الله (صلى الله عليه وسلم) : “من أحدث في أمرنا هذا ما ليس منه فهو رد”. (رواه البخاري ومسلم)

”އަހަރެމެންގެ މި ދީނުގައި ނުހިމެނޭ ކަމެއް ދީނުގެ ތެރެއަށް ވައްދައި އިތުރުކޮށްފިއްޔާ، ފަހެ އެއީ ޤަބޫލުނުކުރެވި ރައްދުވެގެންވާ ކަމެކެވެ.”

وفي رواية لمسلم: “من عمل عملاً ليس عليه أمرنا فهو رد”.

”ތިމަންކަލޭގެފާނުގެ ސުންނަތާއި ޚިލާފަށް ޢަމަލެއްކޮށްފިމީހާގެ ޢަމަލަކީ ރައްދުކުރެވިގެންވާ (ޤަބޫލުނުކުރެވޭ) ޢަމަލެކެވެ.”       ޞަޙީޙް މުސްލިމް

ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ މިގޮތުން އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް  ދީނެއްކަމުގައި ރުހިވޮޑިގެންނަވައި އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ.

قال الله تعالى: ( اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا) المائدة:3.

މާނައީ: “މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންފީމެވެ. ”

މިފަދައިން ﷲތަޢާލާ ބަސްފުޅުވަޙީކުރައްވާފައިވާއިރު ދީނުގެ ތެރެއަށް އެކަލޭގެފާނު   صلى الله عليه وسلم  ނުގެންނަވާ ކަމެއް ގެނެސްގަންނަމީހާއަކީ މާތް ނަބިއްޔާ  صلى الله عليه وسلم  ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވާމީހެކެވެ. އޭނަގެ ދުލުން މިފަދައިން ނުބުނި ކަމުގައިވީނަމަވެސް އޭނަގެ ޢަމަލުތަކުން މިކަން ދޭހަވެއެވެ.

 

ހަވަނަ ހަދީޘް

عن أبي عبد الله النعمان بن بشير رضي الله عنهما قال: سمعت رسول الله (صلى الله عليه وسلم) يقول: “إن الحلال بيّن، وإن الحرام بيّن، وبينهما أمور مشتبهات لا يعلمهنّ كثير من الناس، فمن اتقى الشبهات، فقد استبرأ لدينه وعرضه، ومن وقع في الشبهات وقع في الحرام، كالراعي يرعى حول الحمى يوشك أن يرتع فيه، ألا وإن لكل ملك حمى، ألا وإن حمى الله محارمه، ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله ألا وهي القلب”. (رواه البخاري ومسلم)

ހަދީޘްގެ މާނަ

ހަމަކަށަވަރުން ޙަލާލްކަންތައްތައްވަނީ ބަޔާންވެ އެނގިގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމްކަންތައްތައްވަނީ ބަޔާންވެ އެނގިގެންނެވެ. އެ ދެމެދުގައި ޝުބުހަކަންތައްތަކެއްވެއެވެ. މީސްތަކުންކުރެ ގިނަބަޔަކަށް އެކަމެއް ނޭގެއެވެ. ޝުބުހަތަކަށް ރައްކާތެރިވެއްޖެމީހާ އޭނަގެ ދީނަށާއި އަބުރަށް ރައްކާތެރިވެއްޖެއެވެ. ޝުބުހަކަންތައްތަކަށް ވެއްޓިގެންފިމީހާ (ހުށައެޅިގެންފިމީހާ) ޙަރާމްކަންތައްތަކަށް ވެއްޓިގެންފިއެވެ. އޭގެމިސާލަކީ ދަނޑެއްގެ އިމުގައި ޖަނަވާރު ހުއިހައްޕާ މީހާގެ ޖަނަވާރުތައް އިންފަހަނައަޅާ އަނެއްދަނޑަށް އަރައިގަތުން ގާތްވެގެންވާ ފަދައިންނެވެ. ދަންނާށެވެ. ކޮންމެ ރަސްކަލަކަށް އިމެއްވެއެވެ. ދަންނާށެވެ. އަދި ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިމަކީ އެއިލާހު ޙަރާމްކުރެއްވި ކަންތައްތަކެވެ. ދަންނާށެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. (އެ މަސްކޮޅު) ފާސިދުވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ.

މަދީނާ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި މަސްޖިދުއްނަބަވީގައި ހަދީޘްކިޔަވައިދެއްވަވާ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޙް ޢަބްދުލްމުޙްސިން އަލްޢައްބާދު މި ހަދީޘް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

މި ހަދީޘްގައި އެންމެހައި ކަންކަން ބަހާލާފައިމިވަނީ ތިން ގިންތިއަކަށެވެ.

  1. އެނގިބަޔާންވެގެންވާ ޙަލާލްކަންކަމާއި އެއްޗެހި- މިސާލަކަށް މޭވާއާއި ތަރުކާރީ، ފަލަމަޑީގެ ބާވަތްތަކާއި ނަޢަމް ސޫފީގެ މަސް އަދިވެސް ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަލާލްކަންކަން އަދި އެއްޗެހި

الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ

އާޔަތުގެމާނަ: ”މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލް ކުރައްވައިފިއެވެ.” {އަލްމާއިދާ:5}

  1. އެނގިބަޔާންވެގެންވާ ޙަރާމްކަންކަމާއި އެއްޗެހި- މިސާލަކަށް މުޅަތަކެއްޗާއި، ރަލާއި، މަޙްރަމުންނާއި ކައިވެނިކުރުން ފަދަ ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަރާމް ކަންކަން އަދި އެއްޗެހި
  2. އެ އެއްޗަކީ ޙަލާލް އެއްޗެއްކަން ނުވަތަ ޙަރާމްއެއްޗެއްކަން ކަނޑައެޅިގެން ނެނގޭ އެއްޗެހި. މިފަދަ އެއްޗެހީގެ ޙުކުމް ޢާއްމުންގެ ގިނަ މީހުންނަކަށް ނޭނގޭނެއެވެ.

 

މި ހަދީޘްގައި އައިސްފައިވާ

فمن اتقى الشبهات، فقد استبرأ لدينه وعرضه، ومن وقع في الشبهات وقع في الحرام، كالراعي يرعى حول الحمى يوشك أن يرتع فيه، ألا وإن لكل ملك حمى، ألا وإن حمى الله محارمه

މި ބައި އައިސްފައިވަނީ މި ދެންނެވި ތިންވަނަ ގިންތިއާއި ބެހޭގޮތުންނެވެ.

ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله ألا وهي القلب

އަދި ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. (އެ މަސްކޮޅު) ގޯސްވެއްޖެނަމަ، މުޅި ހަށިގަނޑު ގޯސްވެދެއެވެ. ފަހެ އެއީ ހިތް ފިޔަވައި ދެން އެހެން ކޮން މަސްކޮޅެއްހެއްޔެވެ؟

ހަދީޘުން ލިބޭފައިދާތައް

– އިސްލާމީ ޝަރީޢަތުގައި އެންމެހައި އެއްޗިއްސާއި ކަންކަން ތިން ބަޔަކަށް ބެހިފައިވާކަން

– މީގެތެރެއިން ތިންވަނަ ގިންތީގައި ހިމެނޭ އެއްޗެހީގެ ޙުކުމް ގިނަބަޔަކަށް ނޭނގޭކަން

– އެއެއްޗެއްގެ ޙުކުމާއިމެދު ނުވަތަ އެކަމެއްގެ ޙުކުމާއިމެދު ޝައްކުވާނަމަ، އޭގެ ޙުކުމް އެނގިއްޖައުމަށްދާންދެން އެއެއްޗެއް ބޭނުންކުރުން ނުވަތަ އެކަމެއް ކުރުން މަޑުޖައްސާލުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭފަދަ ކަންކަން (އެކަމަކީ ފާފައަކަށްވުންވެސް ގާތްކަންކަން) ކުރަން ފަށައިފިނަމަ ޙުކުމް އެނގޭ މުންކަރާތްތައް ކުރަން ޖެހިލުންވާވަރު ކުޑަވެ، ބައެއްފަހަރު ކަނޑައެޅިގެން ޙަރާމްއެއްޗެހިވެސް ބޭނުންކުރެވުން ނުވަތަ ޙަރާމްކަންކަން ކުރެވުން

– ހިތުގެ މުހިންމުކަން ބަޔާންވެގެންވުން

– ބޭރު ފުށުގެ ޢަމަލުތައް ރަނގަޅުނޫންނަމަ، އެކަން އެދަލާލަތު ކޮށްދެނީ އެތެރެ ފުށްވެސް ރަނގަޅުނޫންކަމަށްކަން ބަޔާންވެފައިވުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭ ފަދަ ކަންކަން (އަދި އެކަންކަމަކީ ފާފައަކަށްވުމުގެ އިހުމާލްއޮތް ކަންކަން) ކުރުމުން ދުރުވެގަތުމަކީ މީހާގެ ޢަބުރަށާއި ދީނަށް ލިބޭ ރައްކާތެރިކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!