މުސްލިމުންގެ މެދުގައިވާ ބައިބައިވުމުގެ ފައިދާ އިޒްރޭލުން ދަނީ ނަގަމުން: އުރުދުޣާން

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން މުސްލިމުންގެ މެދުގައިވާ ބައިބައިވުންތަކުގެ ފައިދާ ނަގަމުންދާކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިފަދައިން ވިދާޅުވެފައިމިވަނީ ތުރުކީގެ ވެރިރަށް އަންކާރާ ކުރިއަށްދާ ވޯލްޑް އިސްލާމިކް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޒްރޭލުން މުސްލިމުންނަށް އަޤްޞާ މިސްކިތް ބަންދުކުރި ކުރުމަށް އިޝާރާތްކުރައްވާ އުރުދުޣާން ވިދާޅުވީ އިޒްރޭލުން ގެންދަނީ ޖެރޫސަލަމްގެ އިސްލާމީ ސިފަތައް ބަދަލުކުރަމުން ކަމަށާއި މުސްލިމުންގެ ތެރޭގައިވާ ބައިބައިވުމުގެ ފައިދާ ޔަހޫދީ ދައުލަތުން ނަގަމުންދާ ކަމަށެވެ. އަދި އިންސާނީ ހައްޤުތަކަށާއި ޖެރޫސަލަމްގެ މުއާހަދާތަކަށް އިޒްރޭލުން އިޚްތިރާމްކުރުމަށް ގޮވާލާ އުރުދުޣާން ވިދާޅުވީ މުސްލިމުންނަށް މަސްޖިދުލް އަޤްޞާ ބަންދުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ އިޒްރޭލުން މަސްޖިދުލް އަޤްޞާގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނެގުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެކަމަކު އަދި އެވަރުން ނުފުދޭ ކަމަށެވެ. އަދި މެދުއިރުމަތީގެ މަޝްރަހު ހޫނުވާގޮތަށް އިޒްރޭލުން ގެންގުޅެމުން އަންނަ ސިޔާސަތުތައް ހުއްޓާލަން ޖެހޭކަމަށާއި ސުލްހަވެރިކޮށް ދުނިޔޭގައި އުޅެން ބޭނުންނަމަ އެހެން މީހުންނަށް ބިރުދެއްކުންވެސް އިޒްރޭލުން ހުއްޓާލަންޖެހޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!