ރާއްޖޭގެ ޚަބަރު

ރާއްޖެއާއި ޕާކިސްތާނުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ތަކެއްގައި ސޮއިކޮށްފި

ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖެއާއި ޕާކިސްތާނުން އެކިއެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ހަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގުޅުން ބަދަހިކުރުމަށް އެއްބަސްވި ދާއިރާ ތަކަކީ ފަތުރުވެރިކަމާއި ޚާރިޖީ ދާއިރާއާއި ވިޔަފާރިއާއި ތިމާވެށީގެ ދާއިރާގެ އިތުރުން ތައުލީމާއި ސިވިލް ސަރވިސްގެ ދާއިރާއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި ޕާކިސްތާނުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޗައުދަރީ އަބްދުލްގަފޫރު ޚާނެވެ.

ޚާރިޖީ ދާއިރާއިން ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސާވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި، ޕާކިސްތާނުގެ އެޑްވައިޒަރު ޓު ދަ ޕްރައިމް މިނިސްޓަރު އޮން ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ސަރުތާޖް އަޒީޒް އެވެ.

ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފް.ޕީ.ސީ.ސީ.އައި)ގެ ރައީސް ޒުބައިރު ފާރިދު ތުފެއިލް ސޮއިކުރެއްވިއިރު މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމާއި، ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ސަޢީދު ޚަވާރު އަލީ ޝާހެވެ.

ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް އެއްބަސް ވުމެއްގައި ސޮއިކުރެވުނެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އާއި ޕާކިސްތާނުގެ ވާޗުއަލް ޔުނިވާރސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފާއި، ވާޗުއަލް ޔުނިވާރސިޓީ އޮފް ޕާކިސްތާންގެ ރެކްޓަރު ޑރ. ނަވީދު އަހުމަދު މަލިކެވެ.

ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ޑރ. އަލީ ޝަމީމާއި، ޕާކިސްތާންގެ ނެޝަނަލް މެނޭޖްމަންޓް ކޮލެޖުގެ ޑީން ނައީމް އަސްލަމްއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *