ސިޔާސީ ފަސާދަ (ފަހުބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.


ތާރީޚު އަލުން ލިޔަންޖެހިފައި!

ޒަމާންތަކެއް ވޭތުވެގެންދިޔުމަށްފަހު، ބަޔަކުމީހުން އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތައް ރިވާކޮށް ލިޔަންފެއްޓިއެވެ. ޢިބްރަތްތެރި މަދު ރިވާޔަތްތަކެއް  ނުލިޔައޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެނަސް، އިސްވެ ދެންނެވުނު ފަދައިން އިސްލާމްދީން ޙަރަކާތްތެރިވަމުން އައިގޮތް، އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިނުމުގައި ތާރީޚު ވަނީ ނުކުޅެދުންތެރި ވެފައެވެ. އެންމެ ހިތާމަހުރި ކަމަކީ، މި އުންމަތުގެ ޢަދުއްވުންގެ ޙަމަލާތަކަށް ތައްޔާރުވެ، އެކަމަށް އަޅުގަނޑުމެންގެ ލޯތައް އަމާޒުވެފައި ނެތުމެވެ. މިސާލަކަށް ބަލާލަމާތޯއެވެ. އަޅުގަނޑުމެން ބަސްހުއްޓިފައި ތިއްބާ، ފިލިޕީންސް އަޅުގަނޑުމެންގެ އަތްދަށުން ބީވެގެން ދިޔައެވެ. އެއަށްފަހު ޞަލީބީ ހަނގުރާމަވެރިން، އިސްލާމީ ދުނިޔޭގެ އިރުމަތީބައި ހިފިއެވެ. ދެން އެޔަށްފަހު އެތަންތަން އިންޑޮނޭޝިޔާގެ ކައިރީގައި ހުރި ޖަޒީރާ ރަށްތަކެއްގެ ތެރެއަށް ލިއެވެ. އޭރު، މި ޖަޒީރާތަކަކީ ސައްތައިން ސައްތަ އިސްލާމީ ރަށްތަކެކެވެ. އެހެނަސް ޞަލީބީން ވަނީ  އެއީ އެބައިމީހުންގެ ތަންތަންކަމުގައި ދަޢްވާކޮށް އެތަންތަން އަތުލާފައެވެ. އަދި އެތާނގައި ފަސާދަކޮށް އެންމެފަހުން، ސްޕޭނުގެ އޭރުގެ ރަސްގެފާނު “ފިލިޕްll ” ގެ ނަމުން އެތަނަށް ނަންދިނެވެ. އެތަން “ފިލިޕީންސް” އަށް ބަދަލުވީ އެ ހިސާބުންނެވެ. އެޔަށް ފަހު، އެތާނގައި ނަޞާރާދީނަށް ގޮވާލުމާއި، އެ ދީން ފެތުރުމުގެ ޙަރާކާތްތައް ދާއިމީ ގޮތެއްގައި ކުރިޔަށް ގެންދާން ފެށިއެވެ. މީގެ އެއް ޤަރުނު ކުރީގައި އެތާނގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ. ނަމަވެސް، މިހާރު އެ ޢަދަދު ވަނީ ފަސްބައިކުޅަ އެއްބަޔަށް ދަށްވެފައެވެ. އަދި މި ހައިޖާނުގަނޑުގެ ތެރޭގައި އެތަކެއްބަޔަކު ޤަތުލުކޮށް ނައްތާލެވުނެވެ.

މި ބޮޑު އިންސާނީ ކާރިސާ ހިނގާދިޔަ އިރު ޢަރަބިންނާއި ތުރުކީން ތިބީ ކޮންތާކު ހެއްޔެވެ؟ މި ވާހަކަތައް ލިޔެވުނު ތާރީޚް ފޮތްފޮތާއި، ދެކެވެނު ވާހަކަތަކާއި، ކުރެވުނު ބަހުސްތައް ކޮބާ ހެއްޔެވެ؟ މިކަންކަމާއި މެދު ވިސްނައި ފިކުރުކުރީ، ކިތައް މީހުން ހެއްޔެވެ؟ ހަމައެފަދައިން، އަންދަލުސް ގެ ކާރިސާ ހިނގައިދިޔައިރު، އެބައިމީހުންގެ އަޚުންތައް ވެސް ތިބީ ހަމަހިމޭނުން މަންޒަރު ބަލާށެވެ. އަޅުގަނޑުމެންގެ އަތްދަށުން އަންދަލުސް ބީވެގެންދިޔަ ދިޔުން، ވެގެންދިޔައީ މަހުޖަނެއްގެ ޖީބުން ފައިސާފޮއްޗެއް ގެއްލުން ފަދަ ކަމަކަށެވެ.

އަޅުގަނޑުމެން ތަޢުލީމު ޙާޞިލުކުރަން އުޅުނުއިރު، ޢައްބާސީންގެ ތާރީޚާއި ގުޅޭގޮތުން ޝައިޚް ޚުޟަރީ ދެއްވާފައިވާ ދަރުސްތަކެއް އަޑުއެހީމެވެ. ޙަޟާރީ ގޮތުން އެބައިމީހުން ހޯދި ކުރިއެރުންތަކާއި، އެ ދައުރުގެ ކާމިޔާބީއާއި، ނާކާމިޔާބީގެ ވާހަކަތައް، އެ ބޭފުޅާ ވަރަށް ރަނގަޅަށް ހުށަހަޅައި ދެއްވިއެވެ. ސާދަ ޤަރުނުވެފައިވާ، އުންމަތުގެ އެހާރާއި މިހާރުގެ، ދިގު ތާރީޚަށް، އެބޭފުޅުންގެ ގަލަންކޮޅުތަކުން ފުރިހަމައަށް އިންސާފުކޮށްދެވޭނޭ މިފަދަ މުއައްރިޚުންނަށް، އަޅުގަނޑުމެންގެ އުންމަތް ބޭނުންވެފައި މިވަނީ ކޮންފަދައަކަށް ހެއްޔެވެ؟ އެ ދައުލަތުގައި ހިމެނުނު ސަރުކާރުތަކުގެ ވައްތަރުތަކާއި، އޭގެ ތާރީޚު، ތަސްވީރެއް ފަދައިން “ކުރަހާދެވޭނެ” ކުޅަދާނަ މުއައްރިޚުންނަށް މި އުންމަތް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނާއި ކުރިމަތިވެފައިވާ، އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ، މުރުތައްދުވުމުގެ މޮޔަ ޢަމަލާއި ކުރިމަތިލުމުމަށްޓަކައި، މިއީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. އެހެނަސް، އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މ ފެންނަނީ، ކޮންމެ ބަޔަކު ވެސް ވަކިވެގަނެގެން، އަމިއްލަ ވަކި ތާރީޚެއް ހަދައިގެން އުޅޭ ތަނެވެ. ޢަރަބިންނަށް ވަކި ތަރީޚެކެވެ. ތުރުކީންނަށް ވަކި ތާރީޚެކެވެ. ޢަޖަމީންނަށް ވެސް ވަކި ތާރީޚެކެވެ. އަދި އޭގެ ތެރެއިން ހިނދުކަރައިގެ މީހުންނަށް ވެސް ވަކި ތާރީޚެކެވެ.

އެއްވެސް ޝައްކެތްނެތްގޮތުގައި، ތާރީޚަކީ އޭގެ ލަނޑުދަނޑި ސާފުކޮށް އަންގައިދޭ މެސެޖެކެވެ. ކުލަކުލައިން ޖަރީވެފައިވާ ތަފާތު އެތައް މަންޒަރުތަކެއް ކުރަހާލެވިފައިވާ، ޒަމާންތަކަކަށް ދިގުދެމިގެން ދާންޖެހޭ އެއްޗެކެވެ. ކުރުކޮށް ދަންނަވާނަމަ މި ތާރީޚަކީ މިހާރަށް ވުރެ ފުރިހަމަ، އެހާމެ ޝާމިލް އަދި އޭގެ ދާއިރާ ނުހަނު ފުޅާ އެއްޗަކަށް ވާން ޖެހޭނެއެވެ.

މީޑިޔާއާއި ދަޢުވާގެ ދައުރު ކޮބާހެއްޔެވެ؟

އިސްލާމީ ތާރީޚުގެ ވާހަކަ ކުރުކޮށްލުމަށްފަހު، އިސްލާމީ ދަޢުވާގެ މައިދާނަށް ބަލާލަމާތޯއެވެ. މިގޮތުން ބަލާއިރު، ދަޢުވާގެ ކަންކަން ފެންނާން އޮތީ މާ އަޖާއިބު ގޮތަކަށެވެ. އިސްލާމީ ދަޢުވާ ފެތުރުމުގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރަކީ ކޮބާ ހެއްޔެވެ؟ މިއަދުގެ ދުނިޔޭގައި ޚަބަރުފަތުރާ ވަސީލަތްތަކުން ނުހަނު ވިސްނުންތެރިކަމާއި އެކު އެކި ގޮތްގޮތުން، މީސްތަކުން ޙައްޤުމަގުން އެކަހެރިކޮށް، މަގުފުރެއްދުމުގެ ޕްރޮޕަގެންޑާތައް ކުރިޔަށް އެބަގެންދެއެވެ. ޢަލްމާނިއްޔަތާއި، ޒައިނިޒަމާއި، ޞަލީބިއްޔަތަށް ކެނޑިނޭޅި ޚިދުމަތްކޮށްދޭ އެތަކެއް ނިޒާމުތަކެއް، އެބަ ޙަރަކާތްތެރި ވެއެވެ. މި މަސައްކަތްތަކުގެ ކާމިޔާބުކަމުގެ ސަބަބުން ބައެއްފަހަރު، ބާޠިލު ޙައްޤަށްވެ ޙައްޤު ބާޠިލަށްވެދެއެވެ. މިހާ ނުފޫޒުހުރި ވަސީލަތަކަށް ޚަބަރުފަތުރާ ވަސީލަތްތައް ވެފައިވާ އިރު، އަޅުގަނޑުމެން މުސްލިމުންނަށް އިސްލާމްދީނުގެ ދަޢުވާ ފެތުރުމަށްޓަކައި މި ވަސީލަތުގެ ބޭނުން ހިފެނީ ކިހާމިންވަރަކަށްތޯ ސުއާލުކުރަންޖެހެއެވެ. ކުރެވުނީ ކޮންކަމެއްތޯ ވިސްނާލަން ޖެހެއެވެ. މި މައިދާނުގައި ކުރެވެމުންދާ ފަރުދީ މަސައްކަތްތައް ހުރީ ކޮޅެއްގައި ނުޖެހިއެވެ. އެދެވޭ ނަތީޖާތަކެއް ނުނިކުމެއެވެ. މިކަމުގައި ބޮޑު ޢިނާޔަތްތެރިކަމެއް ނުދެވިއްޖެނަމަ، އިސްލާމްދީނުގެ ނަމެއް އަދި ފޮތެއް ވެސް ފެންނާން ނޯންނާނެކަން ޔަޤީނެވެ. ދަންނަވަން މިއުޅެނީ، ޚަބަރުފަތުރާ އެކި ވަސީލަތްތައް މެދުވެރިކޮށް، މި ދީނަށް ގޮވާލުމުގެ މަސައްކަތް އޮތީ ވަރަށްބޮޑު ވަހުމެއްގެ ތެރޭގައި ކަމުގައެވެ. ބޮޑެތި ޔުނިވަރސިޓީތައް އުފެދުމަށް ފަހު ވެސް، މި މުހިންމު މަސައްކަތް އޮތީ ހަމަ މިދެންނެވި ގޮތުގެ މަތީގައެވެ.

ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!