ބައިސްކަލުގައި ހައްޖަށް ދިއުމުގެ ދަތުރު ފަށައިފި

އިނގިރޭސިވިލާތުގެ ލަންޑަނުން ސައުދީ އަރަބިޔާއަށް ބައިސްކަލުގައި ހައްޖަށް ދިއުމުގެ ދަތުރު ފަށައިފިއެވެ.

8 މީހުންނާއި އެކު މިދަތުރު ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ލަންޑަންގެ އީސްޓް ލަންޑަން މިސްކިތް ކުރިމަތިންނެވެ.

މިދަތުރުގެ ބައިވެރިން ބައިސްކަލުގައި ހައްޖަށް ދިއުމަށް ހަހަފްތާ ވަންދެން ދުނިޔޭގެ 3 ބައްރެއްގެ އަށް ގައުމެއްގައި 2000 މޭލުގެ ރާސްތާއެއް ގައި ދުއްވާނެއެވެ.

މިދަތުރުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް ވާހިދު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ހައްޖަށް ދިއުމުގެ އިތުރުން ވަރަށް މުހިއްމު އެހެން ކަމެއް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި އެއީ މދަތުރުން ސޫރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެއް މިލިއަން ޕައުންޑް އެއްކުރުން ކަމަށެވެ.

ވާހިދުއަކީ ތުރުކީގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.

އެގޮތުން ވާހިދު ބުނެފައިވަނީ ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެމީހުންގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ހަދިޔާކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިކަން ފުރިހަމަވެއްޖަނަމަ މިއަށްމީހުން ވެގެންދާނީ ލަންޑަނުން ބައިސްކަލުގައި ހައްޖުގެ މަތިވެރި އަޅުކަމަށް ދަތުރުކުރި ފުރަތަމަ މީހުން ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!