ތިންވަނަ ފިޔަވަޅު

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އަހުމަދު ގެއިން ނިކުތީ ވަޒީފާއަށް ދިޔުމަށްޓަކައެވެ. ތަނަވަސްކަން ނެތުމުގެ ސަބަބުން އުޅެނީ ފައިމަގުގައި ހިނގާފައެވެ.

 

ވަގުތަކީ އާދީއްތަ ދުވަހުގެ  7:50ކަން ހާއިރެވެ. ވީމާ މާލޭގެ މަގުމަތި ވަރަށް ހަލަބޮލިއެވެ. ދުވާރު މަތިން ހިނގާފައި ދާ މީހުންގެ ކައިރިން ދެމިގަންނަމުން އަހުމަދު ދިޔައީ ބާރަށް ހިނގާފައެވެ. ދުވާރު މައްޗެކޭވެސް އެއްފަދައިން މަގުމަތިން ދުއްވާފަ ދާ ސައިކަލުތައް ވަކި މަދެއް ނޫނެކެވެ.

 

ޖީބުގައި އޮތް ފޯނުން ގަޑި ބަލަމުން، ނިއްކުރިން ހިއްލާ ދާތައް ފުހެމުން އަހުމަދު ދެކޮޅު ބަލާލުމަށްފަހު ހިނގައިގަތީ މަގު ހުރަސް ކުރާށެވެ. ދުވާރުމަތިން މަގަށް އެޅި ފުރަތަމަ ފިޔަވަޅެވެ. އަހުމަދު ވާއަތް ފަޅިއަށް ބަލާލުމަށްފަހު ދެވަނަ ފިޔަވަޅު އަޅަން ކަނާއަތް ފަޅިއަށް މޫނު އަނބުރާލިއެވެ. ނަމަވެސް ތިންވަނަ ފިޔަވަޅު އެޅުމުގެ ކުރިން އަހުމަދަށް ފެނުނީ ތަފާތު މަންޒަރެކެވެ.

ހަތަރު ކަޅި ހަމަކޮށްލެވުނީ ކުރިމަތިން ހުރަސްކަނޑާލާފައި ދިޔަ ސައިކަލުގައި އިން ޒުވާން އަންހެން ކުއްޖާޔާއެވެ. އެ ކުއްޖާގެ ލޮލާއި ހިނިތުންވުން ފެނިފައި އަންތަރީސް ނުވާނެ ހަމަ ޒުވާން އެއްވެސް ފިރިހެނަކު ނުވާނެއެވެ. އިންސާނީ ޠަބީޢަތަކީ އެއީ އެވެ. ކުޑަ ހިނދުކޮޅަކަށް އަހުމަދަށްވެސް ކުރެވުނީ އެކަހަލަ އިހުސާސް ތަކެކެވެ. އެ ދެ ފިޔަވަޅު ދޭތެރޭ، އެ ފަޅި ސިކުންތު ތެރޭ ހިތް އާޝޯހު ވިއެވެ.

 

ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުމެއް ވާނެއެވެ. ތިންވަނަ ފިޔަވަޅު އެޅުމުގެ ތެރޭގައި މަގުމަތިން ތަންކޮޅެއް މައްޗަށް ހިއްލިފައި އޮތް ގަލެއްގައި އަހުމަދުގެ ފައި އެ އަޅައިގަތީއެވެ. އެ ޒުވާން އަންހެން ކުއްޖާޔަށް އޮތް ނަޡަރު ގެއްލުވާލީ އަމިއްލަ ސަލާމަތައްޓަކައެވެ. ނަސީބަކުން މީހާއަށް އެއްވެސް ގެއްލުމެއް ނުވެ، ހަތަރުވަނަ ފިޔަވަޅަށް ވާސިލް ވެވިއްޖެއެވެ. އަދި ސަލާމަތް ވެއްޖެކަން އިހުސާސްވެ ބޭއިޚްތިޔާރުން ނަމަވެސް ދުލުން [އަލް ޚަމްދުﷲ] އޭ ބުނެވުނެވެ. މިހިސާބުން އަހުމަދަށް ވިސްނިއްޖެއެވެ. އަދި އިބްރަތެއް ހާސިލް ކުރެވުނެވެ. ވަގުތީ އުފަލަށް ވުރެން އަމިއްލަ މީހާގެ ރައްކަލެވެ. އަދި ދުނިޔޭގެ ޝަހުވަތަށް ތަބާ ވުމުގެ ބަދަލުގައި، ﷲ މަތިން ހަނދުމަކޮށް އާޚިރަތުގެ ހެޔޮދަރުމަ ހޯދުމުގެ މުހިންމު ކަން އަހުމަދަށް ވިސްނުނެވެ. އެ އަންހެން ކުއްޖާއަށް ކަޅި ހުއްޓިފައި އޮތް ކަމުގައި ވާނަމަ އެކްސިޑެންޓެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ﷲ ގެ އިރާދަ ފުޅާއެކީ، ތިންވަނަ ފިޔަވަޅު އެޅިޔަ ނުދީ، ވެދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވީއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!