ސިޔާސީ ފަސާދަ (ދިހަވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.


އިސްލާމީ ސަޤާފަތް ރައްކާތެރިކުރުން

އަޅުގަނޑުމެންގެ މާޒީން ޢިބުރަތްތަކެއް ހޯދުމުގެވާހަކަ ދައްކާކަމުގައި ވާނަމަ، އެ ވާހަކަތައް އަޅުގަނޑުމެން ގޮވައިގެން ދަތުރުކުރަނީ އިސްލާމީ ސަޤާފަތާއި ދިމާލަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މިއަދު، އެ ސަޤާފަތް ވަނީ ޖަހާލަތުގެ އަނދިރިކަމާއި މަސްހުނިވެފައެވެ. ވަކި ބާވަތެއްގެ އެދުންތަކަކާއި، އަހުލުކިތާބީންގެ ޚުރާފާތްތަކާއި، ޖާހިލިއްޔަތުގެ ޝައްކުތަކާއި، އަނިޔާވެރި ވެރިންނަށް އަންނަ “އިލްހާމް” ތަކާއި ގުޅި ލާމެހިފައެވެ. މާތް ނަބިއްޔާ صلى الله عليه وسلم އެބަޔަކަށް ޡަނާ ވިދާޅުވެފައިވާ ފަދަ ޙިކުމަތްތެރި، ބުއްދިވެރި، ޢިލްމުވެރިންނަށް މި އުންމަތް ބޭނުންވެފައިވާ މިންވަރު އަޅުގަނޑު ބަޔާންކޮށްދޭންވީ ކިހާވަރަކަށް ހެއްޔެވެ. އެފަދަ ޢިލްމުވެރިންނާއި ބެހޭގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. “ޢަދުލުވެރި ތަޤްވާވެރި ޢިލްމުވެރިން ޤަރުނަކަށްފަހު ޤަރުނަކު މި ޢިލްމު (އެބަހީ: ކީރިތި ޤުރްއާނާއި ސުންނަތް) ނަޤްލުކުރާނެއެވެ. ބިދުޢަވެރިންގެ އިތުރުކުުރުންތަކާއި، އަދި ބާޠިލުގެ އަހުލުވެރިންގެ ދޮގު ވާހަކަތަކާއި، ޖާހިލުން މި ޢިލްމުގެ މާނަތައް (އެއިން ދޭހަވާ މާނަ ނޫން އެހެން މާނަތަކަށް) ބަދަލުކުރާ ބަދަލުކުރުންތައް ދުރުކޮށްް، އެބައިމީހުން މި ޢިލްމު ރައްކާތެރިކުރާނެއެވެ.”

އިސްލާމީ ސަޤާފަތުގެ ތެރެއަށް މިފަދަ ނުރަނގަޅު ބައިތައް ވަދެ މަސްހުނިވެފައި ވާއިރު، މި ސަޤާފަތް އޭގެ ޙަޤީޤީ ސޫރައިގައި ފެނުމަށްޓަކައި ބޭނުންވާ، މުހިންމު އެތަކެއް ބައިތަކެއް ވަނީ އުނިވެގެން ގޮސްފައެވެ. މި އުނިކަމަކީ އިސްލާމީ ވެރިކަން ޤާއިމުވެފައިވާ ޤައުމުތަކުގެ ތެރޭގައްޔާއި، މުސްލިމުންގެ އާބާދީ މަދު އެހެނިހެން ޤައުމުތަކުގައި، ދީނީ ޢިލްމު ބަލިކަށިވެގެން ދާންޖެހުނު އެންމެ ބޮޑު ސަބަބެވެ. ތައުޙީދުގެ ޢިލްމާއި، ތަފްސީރާއި އަދި ޙަދީސްގެ އިތުރުން ފިޤްހުގެ ޢިލްމަށް މިކަމުން ކޮށްފައިވާ އަސަރު ދައްކުވައިދޭ މާގިނަ މިސާލުތަކެއް ބަޔާންކޮށްދިނުމަށް އަޅުގަނޑު ޤަސްދެއް ނުކުރަމެވެ.

ކޮންމެއަކަސް، މި ދެންނެވި ޢިލްމުތަކުގެ މައިދާން ފުޅާކުރުމަށްޓަކައި ދާއިމީ ގޮތެއްގައި ބޮޑެތި މަހާސިންތާތައް ވެސް ވަނީ ބާއްވަން ޖެހިފައެވެ. އެފަދަ މަހާސިންތާތަކުގެ ބޭނުމަކީ، މި ދީނުގެ ސަޤާފަތުގެ ތެރެއަށް ވަދެ މަސްހުނިވެފައިވާ، ނޭދެވޭބައިތައް ވަކިކޮށް،  ވީރާނާވެ ނެތިގެން ގެންދިޔަ މުހިންމު ބައިތައް އޭގެ ތެރެއަށް ވައްދައި ފުރިހަމަކުރުމަށްޓަކައި، ޢިލްމީ ވެއްޓެއްގައި ދިރާސާކޮށް ބަޙުސްކުރުމެވެ. އެއަށްފަހު ޢަމަލީ ފިޔަވަޅުތަކެއް އެޅުމެވެ. މި ގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ނުކުޅެދުންތެރިކަން ފާހަގަ ވެގެންދާ، މުހިންމު ދެ ޢިލްމެއް ފާހަގަވެގެންދެއެވެ. އެއީ އިސްލާމީ ތާރީޚުގެ ޢިލްމާއި އިސްލާމީ ދަޢުވާގެ ޢިލްމެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، ތާރީޚަކީ އޭގައި ކަންކަން ރެކޯޑު ކުރެވޭ އެއްޗެކެވެ. އަދި އެކަންކަމުން ޢިބްރަތްތަކެއް ލިއްބައިދޭ އެއްޗެކެވެ. އިސްލާމީ ތާރީޚު އަޅުގަނޑުމެންނާއި ހަމައަށް ވާޞިލުވުމުގައި،  ކޮންމެވެސް މިންވަރަކަށް ވަނީ އިހްމާލުވެވިފައެވެ. ވޭތުވެދިޔަ ސާދަ ޤަރުނަށާއި، އިސްލާމްދީން ފެތުރިގެން ގޮސްފައިވާ ދިމަދިމާލަށް އަވަސް ކަޅިއެއް ހިންގާލުމަށްފަހު، މުސްލިމުންގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކުގެ އިތުރުން، ތަރައްޤީ ލިބުމަށް މެދުވެރިވި ސަބަބުތަކާއި، ވެއްޓިގެންދިޔަ ފުންވަޅުގަނޑަށް ވެއްޓެން ދިމާވި ސަބަބުތަކަށް ވިސްނާލައިފި ނަމަ، އިސްލާމީ ތާރީޚުން ފެންނަން ހުރީ ވަކި ޒަމާންތަކަކާއި، ތަންތަން ކަން ހާމަވެގެން ދެއެވެ. އަދި ލިބިފައިވާ ފައިދާތަކާއި ގެއްލުމުގެ ހިސާބުތައް، އެއްބައި ފަހަރު އޮޅުންބޮޅުންތަކެއްގެ ތެރޭގައި ވާއިރު، އަނެއްބައި ފަހަރު އެއްވެސް ނަފާއެއް ނެތެވެ. އަޅުގަނޑު މި ދެންނެވި ބަހަށް ދަލީލުކޮށްދޭ އެއްކަމަކީ، އެންމެ ރީތި އިސްލާމީ ނަމޫނާ އިން މުޢާމަލާތް ކުުރުން އިސްލާމީ މުޖްތަމަޢުތަކުގައި ނެތިގެން ގޮސްފައިވާ ވުމެވެ. އަނެއް ކަމަކީ، ޒަމާން ބަދަލުވެ، ދިރިއުޅެންޖެހުނު ތަންތަން ތަފާތުވެގެންދިޔުމުގެ ސަބަބުން، އުންމަތުގެ އެއްބައިވަންތަކަން، މި ދިގު ތާރީޚުގެ ތެރޭގައި އެއްވެސް ސާބިތުކަމެއް ނެތި އޮތްއޮތުމެވެ. އާދޭހެވެ. އުންމަތުގެ ޙާލަތު އޮތީ އަޞްލު ގަހުން އެތަކެއް ކުރިތައް ފަޅައިގެން ގޮސް، ޒަމާންތަކެއް ފަހުން، އެ ކުރިތަކުގެ އަޞްލު އޮޅިގެންދާ ފަދަ ގޮތަކަށެވެ.

މައްކާގައި ޙައްޖުވެރިން ބައްދަލުވެ، ފެނިދެނިވެ އުޅެވޭނެ ގޮތް މެދުވެރި ނުވިނަމަ، އެޓްލާންޓިކް ކަނޑުގައި އޮންނަ ޑާކާ އާއި ލާއޮސް އަށް، އެބައިމީހުންގެ އަޚުންތަކެއް، ޕެސިފިކް ކަނޑުގައި އޮންނަ އިންޑޮނޭޝިޔާ އާއި ފިލިޕީންސް ގައި އުޅޭކަން ނޭނގުނީހެވެ. މި ދިގު އަދި އެހާމެ ތަނަވަސް ވުޖޫދިއްޔަތު، ޞަފްޙާއަކަށްފަހު ޞަފްޙާއެއް ނިއުޅާލަދީ، އެއް ނިޒާމެއްގެ ދަށުން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިން ތާރީޚު ކޮބާ ހެއްޔެވެ؟ ނިކަން ބައްލަވާށެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުން، އެ ބޭކަލުންގެ ދަރިންނަށް، އެކަލޭގެފާނުގެ ޙަޔާތްޕުޅާއި، ހަނގުރާމަތަކުގެ ވާހަކަތަކާއި، މި އުންމަތާއި އެހެން އުންމަތްތަކާއި ހުރި ގުޅުމުގެ ވާހަކަތައް ވިދާޅުވެ ދެއްވައެވެ. ވީމާ މި ފަޚުރުވެރި ތާރީޚު އަމާނާތްތެރިކަމާއި އެކު އަންނަން އޮތް ޖީލުތަކާއި ހަމައަށް ވާޞިލުކޮށްދޭން އެބަޖެހެއެވެ. ސުއާލަކީ، މި މަސައްކަތުގައި އަޅުގަނޑުމެން އަދާކުރާ ދައުރަކީ ކޮބާ ހެއްޔެވެ؟

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!