ސްމާޓް ސޮސައިޓީގެ ސްމާޓް ފޯވަހި ބާއްވައިފި

ނ މަނަދޫގެ ޖަމިއްޔާއެއް ކަމުގައިވާ ސްމާޓް ސޮސައިޓީއިން ސްމާޓް ފޯވަހި ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަުން އެޖަމިއްޔާގެ ރައީސް އާތިފް ހަނީފް ވިދާޅުވީ މަނަދޫގެ މިހަރަކާތަކީ ސްމާޓް ސޮސައިޓީގެ ފަރާތުން މަނަދޫގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ޖުލައި މަހުގެ 13 ން 15 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބުރާސްފަތި ދުވަހުގެރޭ އޮތީ ކޯފާލެއްވުނު ގައުމުތަކާއި ގުޅޭގޮތުން ދޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. މިއީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ގްރޭޑް 6 ން ފެށިގެން މަތީގެ ކުދިންނާއި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރެޒެންޓޭޝަންއެކެވެ.

މީގެ އިތުރުން ގްރޭޑް 1 ން 10 އާއި ދެމެދުގެ  ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އަދަބާއި އަޚްލާޤު ދަސްކޮށްދިނުމަށް ތަފާތު ހަރަކާތްތަކެއް ހިންގިފައިވާ ކަމަށް ސްމާޓް ސޮސައިޓީގެ ފަރާތުން މައުލޫމާތު ދެއެވެ.

ސްމާޓް ސޮސައިޓީގެ ސްމާޓް ފޯވަހި ހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވާފަވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނެވެ.

މިހަރަކާތަށް މަނަދޫ ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ވިޔަފާރިވެރިންގެ އިތުރުން އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އާތިފް ފާހަގަކުރެއްވިއެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!