އެންމެ ފަހު ޖަނަރޭޓަރުން ތެޔޮހުސްވެ ޣައްޒާ އަނދިރިކަމުގައި

ޣައްޒާގައި ހިންގަމުންދިޔަ އެންމެފަހު ޖަނަރޭޓަރުން ތެޔޮ ހުސްވެ، އިތުރަށް ބޭނުންކުރާނެ ތެޔޮ ނުލިބި މުޅި ޣައްޒާ އަނދިރިވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އެއިންޖީނުގޭގައި މަސައްކަތްކުރާ ހަމާސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޖަނަރޭޓަރަށް ބޭނުންކުރާނެ ތެޔޮ ނުލިބުމުގެ ސަބަބުން މިދިޔަ ބުދަދުވަހުން ފެށިގެން ޖަނަރޭޓަރު ނިއްވާލާ ކަރަންޓު ދިނުން މެދުކެނޑިފައިވާ ކަމަށެވެ.

2007 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ހަމާސް ޖަމާއަތް އައުމާއެކު ޔަހޫދީ ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލާއި މިޞްރުންވަނީ ޣައްޒާ ވަށާ ހިޞާރުކޮށްފައެވެ. މިހިޞާރާއެކު ޣައްޒާގައި ދިރިއުޅެމުންދާ 2 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދިރިއުޅުމުގެ އެތައް ކަމަކުން މަހްރޫމްވެފައެވެ.

ޣައްޒާއަށް ދެމުންދާ ކަރަންޓާއި އެތެރެކުރާ ތެޔޮ ވަކިމިންވަރެއްގައި އިޒްރޭލާއި މިޞްރުން ކޮންޓްރޯލްކޮށްފައިވާ އިރު އެކަމުގެ އެންމެ ނޭދެވޭ އަސަރެއް ކޮށްފައިވާ ޣައްޒާގެ ސިއްހީ ނިޒާމަށެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ކަރަންޓު ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ އެތައް ޚިދުމަތެއް މެދުކަނޑާލާފައިވާ އިރު، ކަރަންޓު ނުލިބުމުގެ ސަބަބުން ސާފު ފެން އުފައްދާ ކާރުހާނާތަކުގެ މަސައްކަތްވެސްވަނީ ހުއްޓިފައެވެ. މިއާއެކު ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގެ މަގުވެސްވަނީ މުޅިންހެން ބަންދުވެފައެވެ.

ޣައްޒާގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައިވާ އިރު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ ދާދިފަހުން ޣައްޒާއަށް ހުޅަނގު އައްސޭރިގައި ޤައިމްކޮށްފައިވާ ފަލަސްތީނުގެ ސަރުކާރުން ދެމުންދާ އެހީތައް މަދުކޮށްފައެވެ. މަހްމޫދު އައްބާސް މިއެހީތައް މަދުކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން އިތުރަށް ހާލުގައި ޖައްސާ ހަމާސް ޖަމާއަތް ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ނުބައި ނުލަފާ ރޭވުމުގެ މަތިންނެވެ.

މީގެ ދެދުވަސްކުރިން ޣައްޒާގެ ހާލަތު ބަޔާންކޮށް އ.ދ އިން ނެރުނު “ޣައްޒާ މީގެ 10 އަހަރުފަހުން” ރިޕޯޓުގައި ބުނެފައިވަނީ ޣައްޒާގެ އިންސާނީ ހާލަތު ހީވެސް ނުކުރާހާ ބާރު މިނުގައި ދަށަށްދާ ކަމަށާއި 2020 ވަނަ އަހަރު އަންނައިރު އެތަނަކީ އިންސާނުން އެއްވެސް ވަރަކަށް ދިރިއުޅުމަށް އެކަށޭނަ ތަނަކަށް ނުވާނެ ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!