އިމާމް ނަވަވީގެ 40 ހަދީޘް (ދެވަނަ ބައި)

ދެވަނަ ހަދީޘް

عن عمر (رضي الله عنه) أيضاً قال: بينما نحن جلوس عند رسول الله (صلى الله عليه وسلم) ذات يوم إذ طلع علينا رجل شديد بياض الثياب، شديد سواد الشعر، لا يرى عليه أثر السفر، ولا يعرفه منا أحد، حتى جلس إلى النبي (صلى الله عليه وسلم) ، فأسند ركبتيه إلى ركبتيه، ووضع كفيه على فخذيه، وقال: يا محمّد أخبرني عن الإسلام؟! فقال رسول الله (صلى الله عليه وسلم) : “الإسلام أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً”، قال: صدقت. فعجبنا له يسأله ويصدّقه، قال: فأخبرني عن الإيمان؟ قال: “أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره”، قال: صدقت. قال: فأخبرني عن الإحسان؟ قال: “أن تعبد الله كأنك تراه فإن لم تكن تراه فإنه يراك”. قال: فأخبرني عن الساعة؟ قال: “ما المسؤول عنها بأعلم من السائل”، قال: فأخبرني عن أماراتها؟ قال: “أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء يتطاولون في البنيان”، ثم انطلق. فلبثت ملياً، ثم قال: “ياعمر أ تدري من السائل؟” قلت: الله ورسوله أعلم، قال: “فإنه جبريل أتاكم يعلّمكم دينكم“. (رواه مسلم)

އަދިވެސް ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް އެކަލޭގެފާނުގެ ކިބައިން ރިވާވެގެންވެއެވެ.

އެއްދުވަހަކު ތިމަންނާމެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީންދެގެން ތިބީމުއެވެ. ދެންފަހެ އެތަނަށް ހުދުކަން ގަދަ ހެދުމެއްގައވާ ފިރިހެނަކު އަތުވެއްޖެއެވެ.  އެބޭކަލެއްގެ ބޮލުގެ އިސްތަށީގެ ކަޅުކަންގަދައެވެ. އަދި ދަތުރުގެ އެއްވެސް އަސަރެއް އެބޭކަލެއްގެ ކިބައިން ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެބޭކަލަކީ ކާކުކަމެއް ނުއެނގެއެވެ. ދެން އެބޭކަލު  މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކައިރީގައި އިށީންނަވައިފިއެވެ. އަދި އެބޭކަލެއްގެ ކަކޫ މާތްނަބިއްޔާގެ ކަކޫކޮޅުގައި ޖައްސައި ދެއަތްތިލަ އެބޭކަލެއްގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި ބާއްވަވައިފިއެވެ.

އަދި އެބޭކަލަކު ދަންނަވައިފިއެވެ. “އޭ މުޙައްމަދެވެ(ޞައްލަﷲ ޢަލައިހި ވަސައްލަމަ). އިސްލާމްކްމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ. “

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވައިފިއެވެ. “އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް  ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ.“

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “ކަލޭގެފާނު ތެދުހައްދަވައިފީމުއެވެ.” (ދެން ޢުމަރު ރަޟިޔަﷲ ޢަންހު ޙަދީޘްކިޔައިދެއްވަމުން ބަޔާންކުރެއްވިއެވެ.) އެބޭކަލަކު ސުވާލުކުރެއްވެވުމަށްފަހު މާތްނަބިއްޔާ ތެދުހެއްދެވިކަމަށް ވިދާޅުވުމުން އެބޭކަލަކާއި މެދު ތިމަންބޭކަލުން އަންތަރީސްކޮށްފިއެވެ.

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުދެއްވާށެވެ”
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ.“

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ ކަލޭގެފާނު ތެދުހައްދަވައިފިއެވެ.” އަދި ދެންނެވިއެވެ. “އިޙުސާންތެރިކަމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުދެއްވާށެވެ.”

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. “އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ.”

އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުކުރާށެވެ. (އެބަހީ ޤިޔާމަތްވާނެ ވަޤުތާއި ބެހޭގޮތުންނެވެ)” މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. “އެކަމާއި ބެހޭގޮތުން ސުވާލުކުރެވުނު ފަރާތަށް ސުވާލުކުރި ފަރާތަށްވުރެ ބޮޑަށް އެނގިގެންނުވެއެވެ.“

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “(އެހެންކަމަށްވާނަމަ) ތިމަންކަލޭގެފާނަށް އެކަމުގެ ޢަލާމާތްތަކުން ޙަބަރުދެއްވާށެވެ. މާތްނަބިއްޔާ ހަދީޘްކުރެއްވިއެވެ. “އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. ބަކަރިހުއިހައްޕަން ހުސްފަޔާ އޮރިޔާމުން ސަޙަރާތެރޭގައި އުޅުނު ބަދަވީންތައް އުސް އިމާރާތްތައް އަޅަން އެއްބަޔަކު އަނެއްބަޔަކާ ވާދަޖަހާނެތެވެ.“

ދެން އެޔަށްފަހު އެބޭކަލަކު ވަޑައިގެންފިއެވެ. ދެން ތިމަންކަލޭގެފާނު ދިގުމުއްދަތެއްހޭދަކުރެއްވީމެވެ. (އެއީ ތިންދުވަސްކަމުގައި ބުނެއެވެ. ނުވަތަ އެޔަށްވުރެ ގިނަކަމުގައިވެސް ބުނެއެވެ. އަދި އެޔަށްވުރެ މަދުކަމުގައިވެސް ބުނެއެވެ.)

ދެންއެޔަށްފަހު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ. ސުވާލުކުރީ ކާކުކަން ދެނެހުރީމުތޯއެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެޔަށްފަހު އެއިލާހުގެ ރަސޫލާއެވެ.

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެބޭކަލަކީ ޖިބުރީލު (އަލައިހިއް ސަލާމެވެ). އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ.”

ހަދީޘް އެކުލެވިފައިވާގޮތް:

މި ހަދީސްގައި އިސްލާމްކަމާއި، އީމާންކަމާއި ،އިޙްސާންކަމާއި އަދި ޤިޔާމަތްދުވަހުގެ ބައެއް ޢަލާމާތްތައް ބަޔާންވެފައިވެއެވެ.

“الإسلام أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً”

“އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް  ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ.“

أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره

(އީމާންކަމަކީ) ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ.

މާތް ﷲއަށް އީމާންވުމުގައި ތިން ބައެއް ހިމެނެއެވެ.އެއީ:

  1. 1. تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން
  2. تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން
  3. تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން

 

މަލާއިކަތުންނަށް އީމާންވުން

الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاءُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ

سورة فاطر 1

حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

މަލާއިކަތުން ހެއްދެވިފައިވަނީ ނޫރުންނެވެ. ސޫރަތުލް ފާޠިރުގެ ފުރަތަމަ އާޔަތްތަކުން ދަލާލަތުކުރާފަދައިން މަލާއިކަތުންނަށް ފިޔަފުޅުތަކެއްވެއެވެ. ޖިބްރީލްގެފާނުގެ 600 ފިޔަފުޅުވެއެވެ. ގެފުޅާއި ދިމާ މަތީގައި ހަތްވަނަ އުޑުގައިވާ ބައިތުލް މަޢުމޫރަށް ކޮންމެދުވަހަކުވެސް ހަތްދިހަހާސް މަލާއިކަތުން އާދެއެވެ. އޭގެއަނެއް ދުވަހު ބައިތުލް މަޢުމޫރަށްއަންނަނީ އޭގެކުރީދުވަހު ނާންނަ ހަތްދިހަހާސް މަލާއިކަތުންނެވެ. މަލާއިކަތުންގެ ތަފާތު ވަޒީފާތައްވެއެވެ.

 

ރަސޫލުބޭކަލުންނަށް އީމާންވުން

وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦ سورة الأنعام

ޤުރުއާނުގައި 25 ރަސޫލުބޭކަލުންގެ ނަން އައިސްފައިވެއެވެ. އޭގެތެރެއިން 18 ބޭކަލުންގެ ނަންފުޅު ސޫރަތުލް އަލްއަންޢާމްގެ 83 ވަނައާޔަތާއި 86 ވަނައާޔަތުގެ ދެމެދުގައި އައިސްފައިވެއެވެ. އެއާޔަތްތަކުގައި ނަންފުޅުއައިސްފައިނުވާ 7 ބޭކަލުންނަކީ އާދަމްގެފާނާއި، އިދްރީސްގެފާނާއި، ހޫދުގެފާނާއި، ޞާލިޙްގެފާނާއި، ޝުޢައިބުގެފާނާއި، ޛުލްކިފުލިގެފާނާއި އަދި މުޙައްމަދުގެފާނެވެ.

صلوات الله وسلامه و بركاته عليهم أجمعين

 

އިޙްސާންކަން

أن تعبد الله كأنك تراه فإن لم تكن تراه فإنه يراك

“އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!