“ތަޒްކިޔާ ރީޓްރީޓް”ގެ ކޭމްޕެއް މާލެ އަތޮޅަށް

މި ޖުލައި މަހުގެ 27 ވަނަ ދުވަހުން 29 ވަނަ ދުވަހާއި ހަމައަށް އަލް ޢަސްރުގެ “ތަޒްކިޔާ ރީޓްރީޓް” ކޭމްޕެއް މާލެ އަތޮޅަށް ހާއްސަކޮށްގެން ފޭދޫފިނޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަލް ޢަސްރުގެ ފަރާތުން ހާމަކޮށްފިއެވެ.

“ތަޒްކިޔާ ރީޓްރީޓް” މި ކޭމްޕާއި ބެހޭގޮތުން އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ކޭމްޕަކީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. އަދި މި ކޭމްޕްގެ މައިގަނޑު މަޤްސަދަކީ ނަފްސު އިސްލާހުކުރުން ކަމަށާއި ސޫރަތުއް ޝަމްސުގައި ބަޔާންވެފައިވާ ފަދައިން “އެ ނަފްސު ޡޯހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.” މި އާޔަތުގެ މައްޗަށް ޢަމަލު ކުރުމަށްޓަކައި ކަން ކުރަންވީގޮތް މި 2 ދުވަހުގެ ކޭމްޕުގައި އެކި ފަންނުގެ ބޭފުޅުންގެ ފަރާތުން ކިޔާދެވިގެންދާނެކަމަށް އަޞްރުގެ ފަރާތުން ހާމަކުރެއެވެ.

މި ކޭމްޕުގައި ދީނީ އެކި މައުލޫތަކުގެ އިތުރުން ސުންނަތުގައި ކެއުން ބުއިން ބަހައްޓަން ޖެހޭ މިންގަނޑުތަކާއި، ސިއްހީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށްޓަކައި ކުރެވޭނެ ކަންކަމާއި އެކަމާ ބެހޭ ބޭފުޅުންގެ އިރުޝާދާއި ފަތަން ދަސްކޮށްދިނުމާއި ރެސްކިއު އޮޕަރޭޝަނެއްގައި އަމަލުކުރަން ޖެހޭ ގޮތާއި ލީޑަރޝިޕް އަދި ލައިފް ސްކިލްސްއާއި ބެހޭ އެކި އިވެންޓްތައް ހިމެނޭނެއެވެ.

ކޭމްޕްގައި ބައިވެރިވެ ލައްވާ ދީނީ ޢިލްމުވެރިންގެ ތެރޭގައި އައްޝެއިހް އާދަމް ޝާމީމް އާއި މަދީނާއިން ކިޔަވާ ވިދާޅުވެފައިވާ އިތުރު ޝެއިހުންވެސް ގުޅިވަޑައި ގަންނަވާނެ ކަމަށް މައުލޫމާތު ދެއްވިއެވެ.

އަލް ޢަސްރުގެ އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި މި ކޭމްޕަކީ އަލް ޢަސްރުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން މުޅިޔަކު 6 ކޭމްޕް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައި ވާނޭ ކަމަށާއި މި ކޭމްޕް ހުޅުވާލެވިފައިވާ ވަނީ 18 އަހަރުން މަތީގެ ޒުވާނުންނަށްކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދިވެސް އިތުރަށް ވިދާޅުވީ ދީނީ ގޮތުން ދަރިވަރުން އަހަންމިއްޔަތުކުރުމަށްޓަކައި ބެލެނިވެރިންގެ އިހްތިޔާރުގައި ކިޔަވާ ދަރިވަރުން ބައިވެރިކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައި ކަމަށެވެ.

ތަޒްކިޔާ ރީޓްރީޓްގައި ބައިވެރުމުވަށް މިހާރުވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. އެގޮތުން މި ލިންކް http;//bit.ly/TazkiyahRetreat2017 މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އަލް ޢަސްރުގެ ހޮޓްލައިން 7925277 އަށް ގުޅުއްވައިގެންވެސް މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން އަލް ޢަސްރުގެ ޓީމުން މިފަދަ ކަންކަމަށް އަބަދުވެސް އެއްބާރުން ދެއްވާ ފަރާތްތަކށް ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!