ހަގީޤީ ކާމިޔާބު މީހުންނަކީ ސުވަރުގެއިން ޖާގަ ލިބޭ މީހުން : ޑރ ބިލާލް ފިލިޕްސް

ދިރިއުޅުމުގައި ހަގީޤީ ކާމިޔާބު ހާސިލްވާ މީހުންނަކީ ސުވަރުގެއިން ޖާގަ ލިބޭ މީހުންކަމުގައި ޑރ ބިލާލް ފިލިޕްސް ވިދާޅުވެއްޖެއެވެ.

ޑރ ބިލާލް ފިލިޕްސް މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީސް ފައުންޑޭޝަންއިން ބޭއްވި ދަ ލެގަސީ ހަރަކާތުގައި ތަޤުރީރުކުރައްވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ޑރ ބިލާލް ވިދާޅުވީ ކާމިޔާބު މިންކުރުމުގައި އާއްމުކޮށް މީހުން ގެންގުޅެނީ ދުނިޔަވީ މިންގަނޑެއް ކަމަށާއި ހަގީޤީ ކާމިޔާބަކީ އާޚިރަތުގައި އެމީހަކަށް ލިބޭ ކާމިޔާބު ކަމަށެވެ. ކީރިތި ޤުރުއާނުގެ އާލް އިމްރާން ސޫރަތުގެ 185 ވަނަ އާޔަތުން މިސާލު ނަންގަވަމުން ޑރ ބިލާލް ފިލިޕްސް ވދާޅުވީ ހަގީޤީ ކާމިޔާބު ހާސިލްކުރާ މީހުންނަކީ ސުވަރުގެއިން ޖާގަ ހާސިލްކުރާ މީހުން ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޑރ ބިލާލް ވިދާޅުވީ ސުވަރުގޭގެ މަތިވެރި ނިޢުމަށް ހާސިލްކުރަން ބޭނުންވާ މީހެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުންނަންޖެހޭ ކަމަށާއި އެސިފަތައް ލިބިގަތުމަށް އެންމެ ހެޔޮ ޤަރުނުގައި ދިރިއުޅުއްވި ރަސޫލާގެ ޞަހާބީންގެ ދިރިއުޅުއްވުމާއި އެބޭކަލުންގެ ސިފަތައް އުނގެނި އެކަންކަން އަޅުގަނމެންގެ ދިރިއުޅުމުގައި ޢަމަލީ ގޮތުން ދައްކަން ޖެހޭ ކަމަށެވެ.

ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވި ބޭކަލުންގެ ސީރަތުން މިސާލު ނަންގަވައި ޑރ ބިލާލް ފިލިޕްސްވަނީ ކާމިޔާބު މީހެއްގައި ހުންނަންޖެހޭ ހަތް ސިފައެއް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެފަދަ މީހެއްގައި ހުރުމަށް ޑރ ބިިލާލް ވިދާޅުވި ހަތް ސިފައަކީ

  • ޢިލްމުހުރުން
  • ﷲ އާއި ރަސޫލާދެކެ ލޯބިވުން
  • ތަވައްކުލްކުރުން
  • ކެތްތެރިވުން
  • އެހެން މީހުންނާ ދޭތެރޭ ހިތް ސާފުކުރުން
  • ފަރުޟު އަޅުކަންތަކުގެ އިތުރުން ސުންނަތް އަޅުކަންތައް އަދާކުރުން
  • ޤުރުބާނީވުން

ޞަހާބީންގެ ހަޔާތްޕުޅުން ވާހަކަތައް ކިޔައި ދެއްވަމުން ޑރ ބިލާލް ފިލިޕްސް ވިދާޅުވީ މިފަދަ ސިފަތައް ލިބިފައިނުވާ މީހެއްނަމަ އެމީހަކީ މިލިއަނަރަކަށް ވިޔަސް ނުވަތަ ބިލިއަނަރަކަށް ވިޔަސް ހަގީޤީ ކާމިޔާބު ލިބިފައިނުވާ މީހެއް ކަމަށެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!