ސައުދީ އިންޖިނިއަރަކު ހައްޖުވެރިންނަށް ހާއްސަކޮށްގެން އޭސީކުރި ކުޑައެއް އީޖާދުކޮށްފި

ސައުދީ އަރަބިޔާގެ އިންޖިނިއަަރަކު، ހައްޖުވެރިންނަށް ހާއްސަކޮށްގެން އޭސީކުރި ކުޑައެއް އީޖާދުކޮށްފިއެވެ.

މިކުޑަ އީޖާދުކުރި މައްކާގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ހާމިދު ސައްޔިޤް ބުނެފައިވަނީ މިކަމަކީ މިއަހަރުގެ ހައްޖު މޫސުމަށް ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް އޭނާގެ ގާތްއެކުވެރިއަކާއި އެކުގައި މަސައްކަތްކުރާ މީހުންގެ އެދުމުގެ މަތިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ސައްޔިޤްގެ މިއީޖާދު ރަސްމީކޮށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ބުނެފައިވަނީ ހައްޖު މޫސުމަކީ ސައުދީއަށް ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމާއެކު ހޫނާއި އަވިން ސަލާމަތްވުމުގެ ގޮތުން ކުޑައަށް އޮންނަ ޑިމާންޑް ކޮންމެ އަހަރަކުވެސް އިތުރުވެގެންދާ ކަމަށެވެ.

މިކުޑަ ތައްޔާރުކުރުމުގައި އޭނާ ފުރަތަމަ ވިސްނީ ފަންކާއަކާއެކު ކުޑަ ތައްޔާރު ކުރުމަށެވެ. ފަހުން ޚިޔާލު މުއްސަނދިވަމުން އައިސް މިގޮތަށް ބަދަލުވީ ކަމަށް އޭނާ ބުނެފައިވެއެވެ.

610 ގްރާމް ހުންނަ މިކުޑަ ތައްޔާރުކޮށްފައިވަނީ އިރުގެ އަތްވާއި ބެޓެރިންނާއި ކަރަންޓުންވެސް ޗާޖްކޮށްގެން ބޭނުންކުރެވޭ ގޮތަށެވެ. އަދި ކުޑައިގެ މުއްގަނޑުގައި ފެންފުޅި ހަރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާއިރު ހޭންޑް ޕަމްޕެއްގެ އެހީގައި ފުޅީގައި ހުންނަ ފެން ސްޕްރޭ ކުރެވޭނެއެވެ.

މައްކާ ކުޑައިގެ ނަމުން ނަންދީފައިވާ މިކުޑަ ހައްޖު މޫސުމުގެ އިތުރުން އެހެންވެސް ހޫނުގަދަ ދުވަސްވަރުގައި ބޭނުން ކުރެވޭނެކަމަށް މިކުޑަ މާކެޓް ކުރުމުގައި ހަރަކާތްތެރިވާ ފަރާތުން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!