އިންޑިޔާއާއި އިނގިރޭސިވިލާތް: ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭތަ؟

ސިޔާސީ މަޝްރަހު ބަދަލުވެއްޖެއެވެ. ސަރުކާރު ހިންގާ ކޯލިޝަން ބޮޑު ތަނުން ރޫޅިއްޖެއެވެ. ވެރިކަން ކުރާ ޕާޓީ ބައިބައިވެ، ދެ ރައީސުންގެ ދެ ޕާޓީއަށް ވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު އިހުނަށްވުރެ ގަދަވެއްޖެއެވެ. އެ ފަރާތްތަކުގެ ނުފޫޒު ސިޔާސީ އޮއިވަރުގެ ތެރެއަށް ފާއްދާލައިފިއެވެ. ވައިބަރ ގްރޫޕަކުން މީހުން ނުކުންނަހެން، ވެރިކަން ހިންގާ ޕާޓީގެ މަޖިލިސް މެންބަރުންތަކެއް ޕާޓީއިން ވަކިވެއްޖެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ގެއްލި، މަޑުޖެހުމެއްނެތި އައިސް ކުޑަ މެޖޯރިޓީ ވެސް ގެއްލިއްޖެއެވެ. އެއާ އެކު، މުޅި ރާއްޖެއަށް ސިހުން ގެނުވި ޚަބަރަކަށް ވެގެން ދިޔައީ، އިންތިޚާބުވި ޕާޓީ ބަދަލުކުރުމުން، މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި، ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދި ޚަބަރެވެ.

އިންޑިޔާއާއި އިނގިރޭސިވިލާތް، ކީއްވެގެންތޯއެވެ؟ މުޅި ސިޔާސީ ދާއިރާއަށް މިވަރުގެ ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި ވެރިކަން ކުރާ ޕާޓީގެ މެންބަރުންގެ ހަރަކާތްތައް އިތުރުވެއްޖެއެވެ. ރައީސް ޔާމީނަށް އޮންނަ ތައީދު ހާމަކޮށް، ސޯޝަލް މީޑިއާގައި ހެޔޮއެދޭ ފަރާތްތަކުން ހުއްޖަތް ގާއިމުކުރަން ފަށައިފިއެވެ. ތަފާތު ޕޯސްޓްތަކާއި ޕޯސްޓަރުތަކުން، ސަރުކާރަށް ތާއީދުކުރާ ޕޭޖްތައް ފުރާލައިފިއެވެ. އޭގެ ތެރެއިން މާބަރަށް ދައުރުވަމުން ދިޔަ އެއް ޕޯސްޓަރަކީ މިއެވެ. އިންތިޚާބުވި ޕާޓީ ދޫކޮށްލުމުން ގޮނޑި ގެއްލޭ ގައުމުތަކުގެ ލިސްޓެކެވެ. މި ލިސްޓުގައި އޮތް ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އަދި ފައްކާ ޑިމޮކްރަސީއެއް އޮންނަ ގައުމުތަކަކީ މިއީއެވެ. އެހެންކަމުން، މި ގައުމު ތަކަށް އަވަސް ނަޒަރަކުން ބަލަލަމާތޯއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ، ހިގަމުންދާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުވެއްޖެ ނަމަ، އިނގިރޭސިވިލާތުގައި ގޮނޑި ގެއްލޭކަމަށް ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫނެވެ. އެކަން އެ މަގުން އެއްވެސް ޒަމާނެއްގައި ހިނގާފައެއްވެސް ނުވެއެވެ. ނަމަވެސް، އެއީ އިނގިރޭސި ވިލާތުގައި މާ އާއްމުކަމެއް ނޫނެވެ. އަދި އާންމުންގެ މެދުގައި މާ މަގުބޫލުކަމެއް ވެސް ނޫނެވެ. އާއްމު ގޮތެއްގައި ޕާޓީ ބަދަލުކުރަނީ އާއްމު އިންތިޚާބަށް ކުރިމަތިލާއިރުއެވެ. ފަހަރެއްގައި، ޕޯސްޓަރުގައި އިނގިރޭސިވިލާތުގެ ނަން ޖެހިފައި އެވަނީ މި ސަބަބަށްޓަކައިކަމަށް ވެދާނެއެވެ. ނަމަވެސް، ހިނގަމުންދާ ދައުރުގައި ޕާޓީ ބަދަލުކުރުމަކުން، އިންތިޚާބެއް އަލުން ބާއްވާކަށް ލާޒިމެއް ނުކުރެއެވެ.

ލިޔެވިފައިނުވާ ޤާނޫނު އަސާސީއެއްގެ މައްޗަށް ވެރިކަން ހިނގަމުންދާ އިނގިރޭސިވިލާތުގައި، މި ވާހަކަ ބަޔާންކުރާ މާއްދާއެއް ފެންނާން ނެތަސް، އެއީ ދުސްތޫރީ ކަމެއްކަމުގައި ވާނަމަ އެ ފަދަ ޙާލަތްތަކުގައި އިންތިޚާބަކަށް ހުޅުވާލާނެއެވެ. އާއްމު ކަމެއް ނޫން ނަމަވެސް،  ޕާޓީ ބަދަލުކޮށްފައިވާ މެންބަރުން އެބަތިއްބެވިއެވެ. އަލުން އިންތިޚާބުވުމެއްނެތި ދައުރު ހަމަވުމާ ހަމައަށް މަޤާމުގައި ދެމިތިއްބެވިއެވެ.

ބޮޑުތަނުން ކުރިޔަށް ޖެހިލާނަމެވެ. 1900 ގެ އިންތިޚާބުން، އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ވިންސްޓަލް ޗާރޗިލް ވަނީ، 1904 ވަނަ އަހަރު ޕާޓީ ބަދަލުކުރައްވާފައެވެ. އިންތިޚާބުވެވަޑައިގެންނެވި ކޮންޒަވޭޓިވް ޕާޓީ ދޫކުރައްވާ، ލިބަރަލްސް ޕާޓީއާ ގުޅިވަޑައިގެންފައެވެ. ފަހުގެ ތާރީޚުގައި 2007 ވަނަ އަހަރު ކޮންޒަވޭޓިވް ޕާޓީ ދޫކުރައްވާ، ކުއެންޓިން ޑޭވިޒް ވަނީ ލޭބަރ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެއަށްވުރެ ވެސް ފަހަތަށް ޖެހިލާނަމެވެ. 2015 ސެޕްޓެމްބަރ 29 ވަނަ ދުވަހު މިޝޭލް ތޯމްސަން ވަނީ އިންތިޚާބުވެވަޑައިގެންނެވި ސްކޮޓިޝް ނޭޝަނަލް ޕަރޓީދޫކުރައްވާ މިނިވަން މެންބަރަކަށްވެ ވަޑައިގެންފައެވެ. 2016 އޭޕްރިލް 27 ވަނަ ދުވަހު، އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ހުންނެވި ލޭބަރ ޕާޓީ ދޫކުރައްވާ، ނޭޒް ޝާހް ވަނީ މިނިވަން މެންބަރަކަށްވެ ވަޑައިގަންނަވާފައެވެ. މިބޭފުޅުންގެ ގޮނޑިތައް ގެއްލި އައު އިންތިޚާބެއް ބާއްވާފައެއް ނުވެއެވެ.

ކަންމިހެން އޮތް ނަމަވެސް، އިނގިރޭސީންގެ މެދުގައި މިކަމުގެ މަޤުބޫލުކަން ވަނީ ގެއްލިފައެވެ. އެހެންކަމުން، ޕާޓީ ބަދަލުކުރައްވާ ބައެއް މެންބަރުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައި އިންތިޚާބަށް މަގުކޮށްޓަވާފައެވެ. މިއީ، އަޅުގަނޑުމެން ވެސް ބަލައިގަންނަން ހެޔޮ ވިސްނުމެއްކަމަށް، ބައެއް މީހުން ޤަބޫލުކޮށްފާނެއެވެ. ކޮންޒަވޭޓިވް ޕާޓީއިން އިންތިޚާބުވެވަޑައިގެންނެވި ޑޮގްލަސް ކަރސްވެލް ވަނީ 2014 އޮގަސްޓް 29 ވަނަ ދުވަހު ޕާޓީ ބަދަލުކުރައްވާ، އިސްތިއުފާ ދެއްވާފައެވެ. އަމިއްލައަށް މަގުތަނަވަސް ކުރެއްވި އިންތިޚާބުގައި ޔޫކޭ އިންޑިޕެންޑެންސް ޕާޓީއިން ވާދަކުރައްވާ 2014 އޮކްޓޯބަރ 09 ވަނަ ދުވަހު އަލުން ގޮނޑި ވެސް ވަނީ ކާމިޔާބުކުރައްވާފައެވެ. 2014 ސެޕްޓެމްބަރ 27 ވަނަ ދުވަހު، މަރކް ރެކްލަސް ވެސް ވަނީ ކޮންޒަވޭޓިވް ޕާޓީ ދޫކުރައްވާ، މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ. އަދި 2014 ނޮވެމްބަރ 20 ވަނަ ދުވަހު އަލުން ގޮނޑި ކާމިޔާބުކުރެއްވީ ޔޫކޭ އިންޑިޕެންޑެންސް ޕާޓީ ޓިކެޓްގައެވެ. މި ބޭފުޅުން އިންތިޚާބުގައި އަލުން ވާދަކުރައްވަން ޖެހިވަޑައިގަތީ، ފަހަރެއްގައި ވެސް ޕާޓީ ބަދަލުކުރެއްވުމުންނެއް ނޫނެވެ. ނަމަވެސް، އިންތިޚާބެއް ލާޒިމުކުރުވީ އިސްތިއުފާދެއްވުމުގެ ސަބަބުންނެވެ. މިވަރުން އިނގިރޭސިވިލާތުގައި މިކަން އޮތްގޮތް ފަހުމުވެލައްވާނެކަމަށް ޔަޤީންކުރަމެވެ.

މިފަހަރު މިއޮތީ، ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތައް ހިނި އަންނާނެ ކަހަލަ ވާހަކައެކެވެ. އަވަށްޓެރި އިންޑިޔާގައި، ހިނގަމުންދާ ދައުރެއްގައި ސިޔާސީ ޕާޓީ ބަދަލުކުރުމަކީ މަޖިލީހުގެ ގޮނޑި ގެއްލޭ ކަމެކެވެ. އިންތިޚާބަކާ ނުލާ އެފަދަ ބަދަލެއް ނުގެނެވޭނެއެވެ.  ސަބަބަކީ އެ ޤައުމުގެ ދުސްތޫރު އެކަމަށް ހުރަސް އެޅުމެވެ. 448 މާއްދާގެ މައްޗަށް އެކުލެވިގެންވާ، ދުނިޔޭގެ އެންމެ ދިގު ޤާނޫނު އަސާސީ ވަނީ އެމަގު ބަންދުކޮށްފައެވެ. އިންޑިޔާގެ ޤާނޫނު އަސާސީގެ 10 ވަނަ ޖަދުވަލުންނެވެ. މިކަން ފެށިގެން އައި ގޮތުގެ ތާރީޚަށް ވެސް ވަދެލަންވާނެ އެހެންނޫންތޯ؟

1967 ވަނަ އަހަރު އޮތް އެ ޤައުމުގެ އާއްމު އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް އޮތް އަޣުލަބިއްޔަތު ގެއްލުނެވެ. އަދި ގިނިކަންޏާ ސަރުކާރެއް އެކުލަވާލުމުގެ އުފާވެރިކަން ލިބުނީ ހަމަ އެންމެ ސްޓޭޓެއްގައެވެ. އިންޑިޔާގެ ސިޔާސީ މައިދާނުގައި އެވަޤުތު އޮތް އެންމެ ނުފޫޒު ގަދަ ޕާޓީ ކުރިމަތިލާން ޖެހުނު ބޮޑު ބައްޔަށް ޝިފާއެއް ހޯދީ އިންޑިޔާގެ ތާރީޚު ބަދަލުކޮށްލައިގެންނެވެ. ކޯލިޝަން ހެދުމުގެ ސަޤާފަތް އުފަންކޮށްގެނެނެވެ. މި އިންތިޚާބަށް ފަހު ގިނަ އަދަދެއްގެ މެންބަރުން، ސިޔާސީ ބޮޑެތި މަޤާމުތަކުގެ ހުށަހެޅުންތަކާ އެކު ޕާޓީ ބަދަލުކުރިއެވެ. 1967 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 142 މެންބަރުން ވަނީ އިންތިޚާބުވި ޕާޓީދޫކޮށްލާފައެވެ. އަދި މިކަން ވަރަށް ބާރަށް ކުރިޔަށް ދިޔައެވެ. 17 އަހަރަށް ފަހު މިކަމަށް ހައްލެއް ހޯދުމަށްޓަކައި، 1985 ވަނަ އަހަރު ‘އެންޓި ޑިފެކްޝަން ލޯ’ގެ ނަމުގައި، ޤާނޫނު އަސާސީއަށް 52 ވަނަ އިސްލާހުގެނެސް، އިންތިޚާބުވި އިރު ހުރި ހާލަތު ނޫން ހާލަތަކަށް ބަދަލުވުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރެވިގެން ދިޔައީއެވެ. މި އިސްލާހު އުވާލުމަށް އެދި، ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލައިގެ ނިޔާ އައީ އިސްލާހާ އެއްކޮޅަށެވެ. ޤާނޫނު އަސާސީއަށް ގެންނަ އިސްލާހެއް، ޤާނޫނު އަސާސީއާ ފުށުއަރާކަމަށް ކަނޑައެޅެން ނެތްކަމަށް ފައިސަލާކުރެވިގެންދިޔައެވެ.

އަޅުގަނޑުމެންގެ ރާއްޖެއަށް އެނބުރި އަންނަމާތޯއެވެ. ދުސްތޫރީ މި ފަދަ މައްސަލައެއްގައި، މި ދެ ޤައުމާ އަޅުގަނޑުމެން އަޅާކިޔާއިރު، އިންޑިޔާގެ ޤާނޫނު އަސާސީ، އިނގިރޭސި ޤާނޫނު އަސާސީއަށް ވުރެ އަޅުގަނޑުމެންނާ ރައްޓެހިކަން ބޮޑެވެ. މިއީ، އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތެވެ.  ސަބަބަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި އިންޑިޔާގެ ޤާނޫނު އަސާސީއަކީ ލިޔެވިފައިވާ ދެ ޤާނޫނު އަސާސީއެވެ. ދުސްތޫރީ ހަމަތައް ސާފުކޮށް ތަރުތީބުވެފައި އޮތަތީ  ދެ ޤާނޫނު އަސާސީގައި ވެސް ފެންނާން އެބައޮތެވެ. އެހެންނަމަވެސް، މި ފަދަ ބަދަލެއް ރާއްޖެއަށް އަންނަން ޖެހޭ ކަމުގެ ބަހުސް،  އެއީ އަޅުގަނޑު މިއަދު އިންސާފުކުރަމުންދާ މައުޟޫއެއް ނޫނެވެ. އެކަމުގައި ވަކިކޮޅެއް ނަގާކަށް އަޅުގަނޑު ނެތީމެވެ. އަދި އެއީ، މިއަދުގެ ޙާލަތުގައި އެއްވެސް މީހަކު އުފައްދާ ސުވާލެއް ވެސް ނޫނެވެ. އިންޑިޔާގެ ދުސްތޫރާ އޮތް އެއްގަތްކަމުގައި އަޅުގަނޑުމެން ނަމޫނާއަކަށް ކޮންމެހެން ވެސް ބަލަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. މި ބަދަލު ގެންނަނަމަ، ގެންނަން ޖެހޭ ގޮތެވެ. އެކަން ކުރެވޭނެ ވެސް ގޮތެވެ. އެއީ، ރައްޔިތުންގެ މަޖިލީހުން، ޤާނޫނު އަސާސީ އިސްލާހުކުރުމެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Miadhutha mi badhal annan jehenee

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!