ސިޔާސީ ފަސާދަ (ނުވަވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.


ނޯބެލްގެ އަގުހުރި އެވޯޑަށް އެކަމަނާގެ ނަންފުޅު ހުށަހެޅުއްވީ، ސެނެޓަރ ޖޯން އެފް.ކެނެޑީ އެވެ. ބަންގްލަދޭޝްގެ މައްސަލަގަނޑުގެ ތެރޭގައި ކެނެޑީ އިންޑިޔާއަށް ވަޑައިގެން އުޅުއްވަނިކޮށް، އިރުމަތީ ޕާކިސްތާންގެ ރެފިއުޖީންނާއި، ފަޤީރުންގެ އިތުރުން އަނިޔާ ލިބިފައިވާ މީސްތަކުންގެ ޙައްޤުގައި، މި އަންހެންމީހާ ކޮށްފައިވާ ގިނަ ގުނަ މަސައްކަތްތަކާއި، މަސީޙީދީން ފެތުރުމަށްޓަކައި އޭނާ ހިންގާފައިވާ ގިނަގުނަ ޙަރަކާތްތައް ކެނެޑީއަށް ފެނިވަޑައިގެން، މި ކަމަނާގެ ނަންފުޅު ނޯބެލް އަށް ހުށަހެޅުއްވީއެވެ. ހަމައެކަނި، ކަލްކަތާގައި އެކަނި ވެސް 250 ރާހިބާއިން އެކަމަނާގެ ބެއްލެވުމުގެ ދަށުން މި މަސައްކަތްތަކުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. މި ކަމަނާ މަސައްކަތްކުރައްވާ މަރުކަޒުގައި 1800 ރާހިބާއިން މަސައަކްތަކުރެއެވެ. މިބައިމީހުން މަސައްކަތްކުރަމުން ދިޔައީ އެކިއެކި ޢަރަބި ޤައުމުތަކުގައެވެ. މި މަސައްކަތްތަކުގެ އިތުރުން، މި ދެންނެވި ޖަމުޢިއްޔާ އިން، އިންޑިޔާގައި ޔަތީމުން ބަލަހައްޓަނޭ 87 ތަނަކާއި، އިންޑިއާއިން ބޭރުގައި 40 ތަނަކާއި، މޮޔައިންނަށް ފަރުވާދޭ 213 ހޮސްޕިޓަލަކާއި ޖުޒާމް ބައްޔަށް ފަރުވާކުރާ 54 ހޮސްޕިޓަލް ހިންގައެވެ. ތަޢްލީމުދޭ 60 މަދަރުސާއާއި، ދިރިއުޅުމާއި މެދު މާޔޫސްވެ، މަރަށް އިންތިޒާރު ކުރަމުންގެންދާ ބަލިމީހުންނަށް ފަރުވާކުރުމަށްޓަކައި، 100 އެނދުގެ ހޮސްޕިޓަލެއް ވެސް މި ތަނުން ހިންގައެވެ. މިއީ އަންހެން ބޭކަނބަލަކު އޭނާގެ ދީނާއި ވަޠަނަށް ކޮށްދީފައިވާ އަގުނުކުރެވޭނޭ މަތިވެރި ޚިދުމަތްތަކެކެވެ. އަދި ކީއްހެއްޔެވެ؟ މުޅި އިންސާނިއްޔަތު ވެސް މި ޚިދުމަތްތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރާނެކަން ޔަޤީނެވެ.

އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަންހެނުންނަށް އޮތް މަޤާމަކީ ކޮބާހެއްޔެވެ؟ އަޅުގަނޑުމެންގެ ދީނާއި ވަޠަނުގެ ޚިދުމަތުގައި ކަނބަލުން ޙަރަކާތްތެރިވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި އެ ކަނބަލުންނަށް މިފަދަ ފުރުޞަތުތައް ތަނަވަސްކޮށްދެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އިސްލާމީ ބައެއް މުޖްތަމަޢުތަކުގައި، މަދަރުސާއެއް ނުވަތަ ޔުނިވަރސިޓީއެއްގެ މުދައްރިސާއެއްގެ ގޮތުގައި އަންހެން  ބޭކަނބަލަކު މަސައްކަތްކުރުމަކީ ވެސް، ލޮލުގައި ކުނިކޮޅެއް ޖެހުން ފަދަ ކަމެކެވެެ. މިފަދަ މުޖްތަމަޢުތަކުގައި، އެކަނބަލުންް މަސައްކަތްކުރިޔަ ނުދިނުމަށްޓަކައި، اﷲ ތަޢާލާ ޙަވާލުނުކުރައްވާ ބުރަތަކާއި މަސްއޫލިއްޔަތުތައް، ބައެއްމީހުން އަމިއްލައަށް އެބައިމީހުންގެ ބޮލުގައި އަޅައެވެ. އާދޭހެވެ. اﷲ ތަޢާލާގެ ދީނަށް ގޮވާލުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި،  ނުބައިކަންކަން ނަހީކުރުމާއި، ނަސޭހަތް ފޯރުކޮށްދިނުން ފަދަ ކަންކަމުން ވެސް، އެކަނބަލުން މަޙްރޫމްކުރުވުމުގެ ބޭނުމުގައެވެ.

ސަޤާފީ އަދި ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތައް އުފެއްދުމުގައްޔާއި، އަންހެންކުދިންގެ ހޮސްޓެލް ތަކުގައި ޚިދުމަތްދޭ، ބައެއް އަންހެން ބޭކަނބަލުން އަޅުގަނޑު ދަންނަމެވެ. “ޖާމިޢަތުލް ޤަހިރާ”ގެ އުސްތާޛާއެއް ކަމުގައިވާ ޒުހައިރާ ޢާބިދީން އަކީ ވެސް މިގޮތުން ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. އަންހެނުންނަކީ، އަބަދު ފަރުދާވެގެން ތިބެންޖެހޭ ބައެއް ކަމަށާއި، އެ ކަނބަލުން ގެއިން ބޭރަށް ނުކުތުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމުގައި ޝައިޚަކު އޭނާއަށް ފަތުވާދެއްވި ކަމުގައި ވެއެވެ. އޭނާ އެވާހަކަ އަޅުގަނޑަށް ކިޔާދިނުމުން އަޅުގަނޑު ދެންނެވީމެވެ. ތިޔައީ އިސްލާމްދީން ރަނގަޅަށް ނޭނގި ތިބި ބަޔަކު ދޭ ކަހަލަ ފަތުވާ އެކެވެ. އެއްވެސް ޝައްކެއް ނެތެވެ. އެފަދަ ޝައިޚުންނަކީ އަހަރެމެންގެ ޢަދުއްވުންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހިންހަމަޖެހުމެވެ. މިބައިމީހުން މި ކުރާ ދަޢުވާގެ ދޮގުތެދުު އަންނަނިވި މިސާލުން އެނގިގެންދެއެވެ. އިސްލާމްދީން އަންގަވާފައިވާ އިމުގެތެރޭގައި ހެދުންއަޅައިގެން އަދަބުވެރިކަންމަތީގައި ކުރެވޭ މުޢާމަލާތެއް ނަމަ، ނުވަތަ އޭނާގެ ޒީނަތްތެރިކަން ފިރިހެނުންނަށް ދެއްކުމަށްޓަކައި ނުނުކުންނަ ނަމަ،  ގަނެވިއްކުމަކީ އިސްލާމްދީނުގައި އަންހެނާއަށް މަނާކަމެއް ނޫނެވެ. ވިޔާފާރީގެ ޠަބީޢަތުގެ ސަބަބުން ބައެއް ފަހަރު ޢާންމުންގެ ތެރެއަށް ނުކުންނަންޖެހުނު ކަމުގައި ވީނަމަވެސް އަދި ނޫންކަމުގައި ވީނަމަވެސް އިސްލާމްދީން އަންހެނާ ވިޔަފާރީގައި ޙަރަކާތްތެރިވެ އުޅުމަކަށް ހުރަހެއް ނާޅައެވެ. ހަމަ އެފަދައިން ޢިލްމު އުގަންނައިދިނުމުގެ މަސައްކަތަކީ ވެސް އިސްވެ ދެންނެވުނު އިމުގެ ތެރޭގައި ކުރެވޭ ކަމެއްކަމުގައި ވާނަމަ، އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ވީމާ، މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކަކީ އިސްލާމީ ސަޤާފަތް ފޮހެލުމުގެ ބައެކެވެ.

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!