އެއް ޖިންސުން ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާފައިވާނީ، އަދި ނަހީ ކުރެއްވި ކަމެއް ނަހީ ކުރައްވާފައިވަނީ ވެސް ވަރަށް މަތިވެރި ޙިކްމަތްތަކަކަށް ޓަކައެވެ. އެއީ އިންސާނުންނަށް އަމާން ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް ޓަކަށްޔާއި، އެމީހުންގެ އަބުރާއި، ބުއްދި އާއި، ޞިއްޙަތާއި، ނަފްސައި ދީން ރައްކާތެރިކޮށް ސަލާމަތްކޮށް ދިނުމަށްޓަކައެވެ. އިންސާނުންގެ ފިޠްރަތު ސަލާމަތް ކޮށް ދިނުމަށް ޓަކައެވެ.

ބައެއް މުލްޙިދުން ދީނުގައި އައިސްފައިވާ ޙުކުމްތަކަށް އިންކާރުކޮށް، އެކަންކަން އެހެން ގޮތްގޮތަށް ބަދަލު ކުރަން މަސައްކަތް ކުރެއެވެ. އެގޮތުން ވަރިއަށް އިންކާރުކޮށް، ފިރިހެނަކަށް އެއްފަހަރާ އެއް އަންބަށް ވުރެ ގިނަ އަނބިންނާއި ކައިވެނި ކުރެވިދާނެކަމަށް އިންކާރުކޮށް، ބަނގުރާ ހުއްދަކޮށް، އެއް ޖިންސުން ކައިވެނި ކުރުން ފަދަ ކަންކަން ހުއްދަކޮށް ހަދަ އެވެ. ނަމަވެސް އެފަދަ މުޖްތަމަޢު ތަކުގެ ޙާލަތު ވެއްޓިފައިވަނީ ކިހާ ފުންވަޅުގަނޑަކަށް ކަން އިންސާފުގެ ލޮލުން ބަލައިލި ކޮންމެ މީހަކަށް ފެނިގެންދާނެއެވެ.

ވަރިއަށް އިންކާރު ކުރުމާއި ގުޅިގެން ޙައްގަކާއި ނުލާ މީހުން މެރުން އިތުރުވެގެން ދިޔައެވެ.

އިތުރު އަނބިންނާއި ކައިވެނި ކުރުން މަނާ ކުރުމުން، ކައިވެނިން ބޭރުން އަންހެނުންނާއި ރައްޓެހިވެގެން ޖިންސީ ގުޅުން ހިންގުން ޢާއްމުގެން ދިޔައެވެ. ބަނގުރާ ހުއްދަ ކުރުމުން މުޅި މުޖްތަމަޢުގައި އެންމެހައި ފާޙިޝް ޢަމަލުތައް ގިނަވެގެން ދިޔަ އެވެ. އެއް ޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމުން އެއިޑްސް ބަލިފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ދިޔައެވެ. އަދި ޢާއިލާތައް ރޫޅި، އެމީހުން ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓި، އެކަމަށް މީހާ ހުސްވެގެން ދިޔައެވެ.

މިކަންކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްގު ކުރައްވާފައިވާ ފިޠްރަތާއި ފުށޫ އަރާ ކަންކަމެވެ. އަދިކިއެއްތަ، ޖަނަވާރުންގެ ފިޠްރަތާއި ވެސް ފުށޫ އަރާކަންކަމެވެ.

ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފަ އެވެ. އެންމެ ނުބައިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން އެފަދަ ނުބައި ކަންތަކުން ދުރުހެލި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!