އީދޯޑި: ރިނބުދޫގެ ފަޚުރެއް

އީދުހަރުގެ، އީދުހުޅު، އީދުހެދުން، އީދުބަތް، އީދުބަޑި ފަދަ އަޑުތަކަކީ އީދާ ގުޅުވައިގެން ދިވެހީންގެ ތެރެއިން އިވިގެން އަންނަ އަޑުތަކެކެވެ. ދިވެހި ރަދީފު ހާވާލުމުން ވެސް މިފަދަ އެތަކެއް ބަސްތަކެއް ތިލަވިޔަސް، ‘އީދޯޑި’ މި ލަފުޒު ފެންނާކަށް ނޯންނާނެއެވެ. އާއްމު އުސޫލުން، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މޮށެއުޅޭ ބަސްތައް ދިރާސާ ކުރެވި، ލިޔެވިފައި ނުހުންނަ ބީދައިންނެވެ. ކޮންމެހެނަކަސް އީދޯޑި ދެއްތޯއެވެ؟

އީދޯޑިއަކީ ތަފާތު އެކިވައްތަރުގެ ކުދި އުޅަނދުތަކެކެވެ. ތަފާތު ކުލަކުލައިން ޒީނަތްތެރިކުރެވިފައިވާ އުޅަނދުތަކެކެވެ. މަތީގައިވާ ފޮޓޯގައި އެވަނީ އީދޯޑިއެކެވެ. މިއީ ޒަމާނުއްސުރެ ރިނބުދޫގެ އާދަކާދައެކެވެ. ކޮންމެ ރަމަޟާން މަހެއްގެ ނިމުން ކައިރިވަމުން އަންނަ އިރު، ތުންތުން މަތީން އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކަށް އޮންނާނީ އީދޯޑި ތައްޔާރުކުރުމުގެ ވާހަކައެވެ. މަސައްކަތުގެ ވަގުތުން ކޮންމެހެން ވެސް ވަގުތުކޮޅެއް ހުސްކޮށް، އީދޯޑި ތައްޔަރުކުރުމުގެ މަސައްކަތް މާބާރަށް މިރަށުގައި ކުރިޔަށް ދާނެއެވެ. އެންމެ ކުޑަކުދީންނަށް އޮޑި ތައްޔާރުކޮށްދޭނީ ބައްޕަ ނުވަތަ ބޭބެއެކެވެ. ތަންކޮޅެއް ބޮޑެތި ކުދީން އީދޯޑިތައްޔާރު ކުރާނީ އަމިއްލައަށެވެ.

ފިޠުރު ޢީދު ނަމާދަށް ފަހު، މުޅި ރަށް ހޭލަމޭލަކޮށްލަނީ އީދޯޑީގެ ކުޅިވަރުންނެވެ. އެކި ގޭގެއިން، އެކި ދިމަ ދިމާއިން އީދޯޑިތައް ނުކުންނާނެއެވެ. އީދޯޑިބަލަން މަގުތަކަށް މީހުން އެއްވާނެއެވެ. ތަފާތު އެކި ވައްތަރުގެ އުޅަނދުތައް ނުކުންނަ އިރު، މަގުމަތީގައި ތިބޭ މީހުންގެ ޝައުގުވެރިކަން ހުއްޓިފައި ހުންނާނީ ހަމަ އެކަނި އީދޯޑިތަކަށެވެ. ކުޑަކުދީން، ކުދި ކުދި އީދޯޑިތައް ހިފައިގެން ނުކުންނަ އިރު، ހޭޖެހޭ ވަރު ކުދީން، ބޮޑެތި އީދޯޑިތައް ވެސް ތައްޔާރުކޮށްގެން ނެރެއެވެ. ގުރޫޕު ހަދާފައި ބޮޑެތި އީދޯޑި ނެރުން ވެސް އެއީ އޮންނަކަމެއް ވިއްޔާއެވެ. އަދި ނިމުނީކީ ނޫނެވެ.  ބޮޑު ސިންގާ އީދޯޑި ވެސް ނުކުންނާނެއެވެ. ހިތްޕުޅަށް ތިޔަ އަރައިވަޑައިގަތީ ހެޔޮކޮށެވެ. ބޮޑެތި މީހުންގެ އީދޯޑިއެވެ. ލަކުޑި، ކޮށާ މަށާގެން ހަދާ އީދޯޑިއެއް ނޫނެވެ. ކަރުދާހު އީދޯޑިއެއް ވެސް ނޫނެވެ. ބަނދެފައި އޮންނަ އީދޯޑިއެކެވެ. ބޮއްކުރައެއް ނުވަތަ ބައްތެޔެކެވެ. ގިނަ ފަހަރު އީދުވެލޭރޭ އިރު އޮއްސޭއިރުވެސް، މި އޮޑި އޮންނާނީ މޫދުގައެވެ. ފައްތިޔަލުގައި ރީތިކޮށް އައްސާފައެވެ. ހެނދުނު ނުކުންނާނީ ހަމަ ފިސާރި ޒީނަތްތެރިކޮށެވެ. މާ ބައިވަރެއް ނޫނެވެ. އެކެއް ނުވަތަ ދޭއްޗެކެވެ.

ކަރުދާސް ފޮށިގަނޑުންނާއި ލަކުނޑިން ތައްޔާރުކޮށް، ކުލަ   ކަރުދާހުން ޒީނަތްތެރިކޮށް، ދިދަފަތި ދަމާ، ޢީދު މުބާރަކު ޖަހައިގެން ލަކުޑި ފުރޮޅުން ދުއްވަމުން އީދޯޑިތައް ނުކުންނަ އިރު، މަގުމަތީގައި ބޮޑެތި މީހުން ހޭލަމޭލަވެ އުޅެނީ ހަމައެކަނި އީދޯޑި ބެލުމުގައެއް ނޫނެވެ. އެމީހުން އީދަށް ތައްޔާރުކުރި ޚާއްސަ ހުނިފޮޅިއާ ހެދިކާ އީދޯޑިތަކަށް އަޅައެވެ. ވަކިލާރިން ފައިސާގެ ހަދިޔާވެސް އަޅައެވެ. ފަހަކަށް އައިސް، މެޓާ، ކޭކު ފަދަ ތަކެތި އީދޯޑިއަށް އަޅައެވެ. މިއީ މުސްކުޅިންނާއި ހަރު މީހުންގެ ފަރާތުން އީދޯޑި ނެރޭ ކުދިންނަށްދޭ ހިތްވަރަކާއި ސާބަހެކެވެ. އެއާ އެކު، އީދޯޑީގެ ރައްދު ވަކި ސަހަލެއް ނޫނެވެ. ތަފާތު ކުލަ ކުލައިގެ ކަރުދާހުން ‘ރޮންބަސް’ ބައްޓަމަށް ކުދިކޮށް ކޮށާފައި ހުންނަ ކުދި ކަރުދާސް ކޮންމެ އީދޯޑިއެއްގައި ވެސް ހުންނާނެއެވެ. މިއީ ޖޯޝާ ފޯރި އާލާކޮށްލުމަށް، އީދޯޑިން ޖައްވަށް އުކާލާ ކަރުދާސްތަކެކެވެ. ‘ކުދި ކުދި ކަރުދާސް އުދުހޭނޭ’ގެ އަސްލު މަންޒަރު ފެނިގެން ދާނީ އީދޯޑި ނެރޭ ވަގުތު ރިނބުދޫއިންނެވެ. އީދަށް ކުނިކަހާ ސާފުކުރި މަގުތަކަށް ކަރުދާސްއެޅުމަކީ ރިނބުދޫ މީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ. އެކަމާ ހިތްހަމަ ނުޖެހި ރުންކުރުވާ އެއްވެސް ރައްޔިތަކު ރިނބުދޫގައެއް ނޫޅޭނެއެވެ. އީދުގައި ފެންނަންޖެހޭ އިސްލާމީ އުޚުއްވަތްތެރިކަމުގެ އިންތިހާ، އެހެންނޫންތޯ؟ މަގުތައް އަލުން ސާފުކުރާކަށް، މިރަށު މީހުންނަކަށް އެއީކީ ބުރަކަމެއް ނޫނެވެ. އަބަދުވެސް، މިރަށުގައި ރީތިކޮށް މަގުތައް ކުނި ކަހާލާފައި އޮންނަނީ، މި އާދައާހުރެ ކަމަށް ވެސް  ވެދާނެއެވެ.

އާދަޔާ ޚިލާފު އަދި ހިތްގައިމު ކަމެކެވެ. ރީތި މަންޒަރެކެވެ. އުފާވެރި އިޙްސާސްތަކެކެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ. އަޖައިބުކުރުވަނިވި ސަޤާފަތެކެވެ. މިހިސާބުން ދެން ތިޔަ އުފައްދަވާ ސުވާލަށް، ޖަވާބެއް ތައްޔާރުކުރަމާތޯއެވެ. ކޮން ސުވާލެއްތޯއެވެ؟ މި ސަޤާފަތުގެ ތާރީޚާމެދުގައި ތިޔަ އުފައްދަވާ ސުވާލެވެ.

އެންމެ ފުރަތަމަ ‘އީދޯޑި’ މި ލަފުޒަށް ނަޒަރު ހިންގާލަމާ ބަހީއެވެ. އީދޯޑި އަކީ އީދު އޮޑިއެވެ. އެއީ، އީދަށް ތައްޔާރުކުރާ ހާއްސަ އޮޑިއަކަށްވާތީއެވެ. ނަމަވެސް، ރިނބުދޫގައި މި ބަސް ބޭނުން ކުރަނީ ‘އީދޯޑި’  މިގޮތަށެވެ. ތާރީޚުގެ ތެރެއަށް ވަދެލަމާތޯއެވެ. ރަންރިހީގެ މަސައްކަތަށް މުޅި ރާއްޖެއަށް މަޝްހޫރު ރިނބުދޫގައި، އީދޯޑި ނެރެން ފެށުނު ޒަމާނެއް އެނގޭކަށެއް ނެތެވެ. ރިނބުދޫގައި އީދޯޑި ނުދަމާ ޖީލެއް، ފަސްމަތީގައެއް ނޫޅެއެވެ. މިއަދު ރިނބުދޫގެ ދުވަސްވީ މީހުންގެ ވެސް ޖަވާބަކަށް ވަނީ “އަހަރެމެން ކުޑައިރުވެސް އީދޯޑިދެމުން އޮވޭ” މިއެވެ. އެހެނަސް، އެކި ޖީލުތަކުގައި މިކަން ކުރުމުގައި ބައެއް ކަހަލަ ތަފާތުތައް އެބަހުއްޓެވެ. އެއީ، ލޮލަށް ފެންނަން ހުންނަ އުޅަނދުގެ ސަބަބުން އަންނަ ތަފާތެކެވެ. އަދި ލިބެން ހުންނަ ވަސީލަތްތަކުން އައިސްފަހުރި ތަފާތެކެވެ. ބައިގަރުނެއްހާ އަހަރު ކުރީން ހަމައެކަނި، ކަނޑުދުއްވާ އުޅަނދުފަހަރު އީދޯޑީގެ ގޮތުގައި ނެރުނު ނަމަވެސް، އޭގެ ފަހުން އެއްގަމު އުޅަނދުގެ އީދޯޑިތައް ވުޖޫދުވެގެން ގޮސް، މަތީންދާ ބޯޓާއި ހެލިކޮޕްޓަރުގެ އީދޯޑި ވެސް ތައްޔާރުކޮށްފައި އެބަހުއްޓެވެ. ލަކުޑިން ފެށިގެން އައިސް، ބޯކަރުދާހު ފޮށްޓަށް ބަދަލުވެ، މިއަދު އޭގެތެރެއަށް އެރިގެން ދުވާލާ ކުޅޭ ކާރު ފަދަ އީދޯޑިތަކާ ހަމައަށް ވެސް ވާސިލުވެއްޖެއެވެ. އީދޯޑި ޒީނަތްތެރިކުރުމަށް ބޭނުންކުރި ކަރުދާހަށް ބަދަލުތަކެއް އައި ނަމަވެސް، ޒީނަތްތެރިކުރުމުގެ ވައްޓަފާޅިއަކަށް މާބޮޑު ބަދަލުތަކެއްނާދެއެވެ. ހުދު ކަރުދާހުގެ ދިދަފަތިތައް ކުލަވެ، ފަހުން އައިސް އަޑުކިޔާ ޒާތުގެ އެއްޗިހިން ވެސް ދިދަ ފަތި ތައްޔާރުކޮށް، އީދޯޑީގައި ހަރުކޮށްފައި އެބަހުއްޓެވެ.

މި ދަންނަވާލީ ހަތްދިހައެއްހާ އަހަރުތެރޭގެ ވާހަކައެވެ. ބައިގަރުނަށް ވުރެ ވެސް ގިނަ ދުވަހުގެ ވާހަކައެވެ. އޭގެ ކުރީގެ ވާހަކަތައް ދަންނަވާލަން ދައްޗެވެ. އެހާ ދުވަހުން ބަދަލުތަކެއް އަންނާނެ ނޫން ދެއްތޯއެވެ؟ ޖީލުތަކުން، އެ ޖީލަކާ އެއްގޮތަށް ބަދަލުކުރަމުން އައިނަމަވެސް، ބަދަލުނުވާ ކަމެއް އެބައޮތެވެ. އެއީ އީދޯޑި ނެރުމެވެ. ހަމަ ކޮންމެ ކުޑަ އީދެއްގެ އީދު ނަމާދުން ފެއިބުމާ އެކު، ޒަމާނުއްސުރެ މުޅި ރިނބުދޫ ހިނިތުންކުރުވަނީ، އީދޯޑީގެ ހިތްގައިމުކަމެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. V reethi article eh

  2. Rinbudhoo ge rayithunnakee ekuveri hulguheyo ahkvantha raiythun Thakeh dhiriulhey hiy faseyha rashe mehemaanunnah kameyhithaa nikan saafu rashe

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!