ބޮލުގައި އުކުނުއަޅާތަ؟ އަވަހަށް ޒައިތޫނި ތެޔޮ އުނގުޅާ

އުކުނަކީ ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑުގެ މެދުގައި ކާނާ ހޯދައިގެން އުޅޭ ކުޑަ ސޫތްޕެކެވެ. އުކުނު ބޮޑުވެ ފުރިހަމަވުމުގައި މައިގަނޑު ތިން މަރުހަލާއެއް އެކުލެވިގެންވެއެވެ.

ފުރަތަމަ މަރުހަލާއަކީ ބިހުގެ މަރުހަލާއެވެ. އުކުނުއަޅާ ބިސް ހުންނާނީ ހުދުކުލައިގެއެވެ. އާއްމު ގޮތެއްގައި އުކުނު ބިސްއަޅަނީ ކަންފަތުގެ ފަހަތުން ބޮލުގައިވާ ބަޔަށާއި ކަރުގެ ފަހަތުން ބޮލުގައިވާ ބަޔަށެވެ. ދެވަނަ މަރުހަލާގައި ބިސްތައް ލީއަށް ބަދަލުވެއެވެ. މިމަރުހަލާގައި ލީތައްވެސް ހުންނާނީ ހުދުކުލައިގައެވެ. ތިން ވަނަ މަރުހަލާގައި ލީތައް އުކުނަށް ބަދަލުވެއެވެ. ލީތައް އުކުނަށް ބަދަލުވާން 2 ނުވަތަ 3 ހަފްތާގެ މުއްދަތެއް ހޭދަވެއެވެ.

މީހެއްގެ ބޮލުގައި އުކުނުއަޅާފައި ހުރުމަކީ ބައެއް މީހުން ވަރަށް ފަކުރު ގަންނަކަމެކެވެ. އަދި ގިނަ ފަހަރަށް އެމީހަކީ ފެންނުވަރާއުޅޭ ނުތާހިރު މީހެއްގެ ގޮތުގައި ލޭބަލް ޖެހެއެވެ. އެހެންނަމަވެސް ފެންވަރާއި ސާފުތާހިރުވެގެން އުޅޭ މީހުންގެ ބޮލުންވެސް އުކުނު ފެނުމަކީ ހަމަ ދިމާވާ ކަމެކެވެ. އެހެންވީމާ އުކުނުން ސަލާމަތްވާނެ ގޮތަކީ ކޮބާތޯ ބަލާލަމާ ހިނގާށެވެ.

1998 ވަނަ އަހަރުގެ އޭޕްރީލްމަހު އެެމެރިކާގައި ނެރުނު ޖާރނަލް އޮފް އިންފެޝިއަސް ޑިޒީޒަސް އިން ޗިންލްޑްރަންގައި ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާގެ ނިއު ޔޯކް ސިޓީއިން ލޮސް އެންޖަލިސްއަށް އުކުނުގެ ބަލިމަޑުކަން ފެތުރިފައިވާ ކަމަށާއި ލަފާކުރެވޭގޮތުން 12،000،000 އަށްވުރެ ގިނަ މީހުންނަށްވަނީ އުކުނުގެ އުނދަގުލާއި ކުރިމަތިލާން ޖެހިފައެވެ. އަދި މީގެތެރެއިން ގިނައީ ކުޑަކުދިން ކަމުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ހިބްރޫ ޔުނިވަރސިޓީއާއި އެމެރިކަން ހެޑް ލައިސް އިންސްޓިޓިއުޓުން ކުރި ދިރާސާތަކުން ދައްކާގޮތުގައި އުކުނު އަޅާފައި ތިބޭ މީހުންގެ ބޮލުގައި ޒައިތޫނި ތެޔޮ އުނގުޅުމުގެ ސަބަބުން ގަޑި އިރުތަކެއްގެ ތެރޭގައި ތެލުގެ އަސަރު އުކުނުތަކަށް ކުރެއެވެ.

މިކަމާއި ގުޅިގެން އުކުނުން ސަލާމަތްވުމަށް ދިރާސާކުރާ ފަރާތްތަކުން ތިން ހަފްތާ ވަންދެން ޢަލުކުރާނެ އިރުޝާދުތަކެއް އާއްމުކޮށްފައިވެއެވެ.

އެގޮތުން ޢަމަލުކުރާނެ ފަސް މަރުހަލާއެއް މިއިރުޝާދުގައިވެއެވެ.

1- ޕާމެތްރިން(Permethrin) ބޮލުގައި އުނގުޅާށެވެ. އެއީ އުކުނުފަދަ ތަކެތިން ސަލާމަތްވުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ވައްތަރެކެވެ.

2- ނިދުމުގެކުރިން ބޮލުގައި ޒައިތޫނި ތެޔޮ އުނގުޅުމަށްފަހު ޝަވަރ ކެޕްއަކުން ރަނގަޅަށް އިސްތަށިގަނޑު ނިވާކޮށްލާށެވެ.

3- ނިދާ ހޭލުމަށްފަހު އިސްތަށިގަނޑު ދޮވުމުގެކުރިން ރަނގަޅަށް އިސްތަށިގަނޑުގައި ފުނާ އަޅާ އުކުނުތައް ސާފުކޮށްލާށެވެ.

4- ވަށައިގެން ދިރިއުޅޭ ހިސާބުގައި އުކުނުގެ އެއްވެސް އަސަރެއްހުރިތޯ ޗެކްކޮށްލާ ހުރިނަމަ ސާފުކޮށްލާށެވެ.

5- އިތުރު މީހެއްގެ އެހީއާއެކު ބޮލުގައި އުކުނު ނުވަތަ އުކުނު ބިހުގެ އެއްވެސް އަސަރެއް ހުރިތޯ ޗެކްކޮށްލާށެވެ. ހުރިނަމަ އެތަކެތި އިސްތަށިގަނޑާއި ވަކިކޮށްލާށެވެ.

ހަފްތާއަކު އެއްފަހަރު ތިން ހަފްތާ ވަންދެން މިގޮތަށް ކަންތައް ކުރުުމުން އުކުނުގެ ކިބައިން ހުންނާނީ އިރާދަކުރެއްވިއްޔާ ސަލާމަތްވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!