މިޞްރުގެ ރަށްތައް ސައުދީއަށް ދިނުމަށްވީ އެއްބަސްވުމުގެ ފައިދާ އިޒްރޭލަށް

ރަތް ކަނޑުގެ ޖަޒީރާ ދެރަށް ކަމުގައިވާ ތީރާންއާއި ސަނާފީރް އަކީ ގަލްފުގެ އަގަބާ ކަނޑު އޮޅީގެ ތުންފަތް މައްޗަށް ވާގޮތަށް އޮންނަ ދެރަށެވެ. އިޒްރޭލުގެ އީލާތު ބަނދަރަށް ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލްކުރުމުގެ ބާރު ލިބިފައިވާ މިދެރަށަކީ އިޒްރޭލާއި ދެކުނު އިރުމަތީ އޭޝިއާއާއި ގުޅުވައިދޭ ދޮރާށްޓެވެ.

މީގެ 50 އަހަރުކުރިން 1967 ވަނަ އަހަރު ފެށުނު އަރަބި އިޒްރޭލު ހަނގުރާމަ ފެށުމަށް ދިމާވި ސަބަބަކީވެސް މިދެރަށަގެ ދޮރާށިން ދަތުރުކުރާ އިޒްރޭލުގެ ބޯޓު ފަހަރު މިޞްރުން ކޮންޓްރޯލްކުރަން ފެށިފެށުމެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިދިޔަ އަހަރު މިޞްރަށް ކުރެއްވި ދަތުރުފުޅުގައި މިޞްރުގެ ރައީސް އަބްދުލް ފައްތާހް ސީސީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިޞްރުންވަނީ ސައުދީއަށް އެދެރަށް ދިނުމަށް އެއްބަސްވެފައެވެ. މިކަމާއި ގުޅިގެން މިޞްރުގެ ބޮޑެތި ސަހަރުތަކުގައި ރައްޔިތުން މަގު މައްޗަށް ނިކުމެ ސީސިއާއި ދެކޮޅަށްވަނީ މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާކުރި މީހުން ތުހުމަތުކުރި ގޮތުގައި ސައުދީއިންދޭ މާލީ އެހީގެ ދަހިވެތިކަމުގައި ސީސި އެދެރަށް ވިއްކާލީއެވެ.

މިޞްރުން މިދެރަށް ސައުދީއަށް ދިނުމަށް އެއްބަސްވި އެއްބަސްވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ 1979 ވަނަ އަހަރު މިޞްރާއި އިޒްރޭލާއި ދެމެދު އީލާތު ބަނދަރުން ދަތުރުކުރާ އުޅަނދުފަހަރަށް އެއްބާރުލުން ދިނުމަށްވަނީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައެވެ.
މިޞްރުން ސައުދީއަށް ރަށްތައް ދިނުމަށް އެއްބަސްވި އެއްބަސްވުމުގެ ސަބަބުން މިސްރާއި އިޒްރޭލާއި ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުން ނަގަހެއްޓުމުގެ ޒިންމާ ސައުދީގެ ބޮލުގައި އެޅުނީއެވެ. ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދާގޮތުގައި މިކަމުގެ ސަބަބުން ޒަމާނުއްސުރެ ހަތުރުން ގޮތުގައިތިބި ދެޤައުމު އެއްގަލަކަށް އަރާނެ ބާވައެވެ؟

ނަމަވެސް އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިޞްރުން ސައުދީއަށް ރަށްތައް ހަވާލުކުރުމުގެ ސަބަބުން އިޒްރޭލަށް އެކަމުން ފައިދާ ތަކެއް ކުރާނެއެވެ. ސަބަބެއް ކަމަށް ދެކެނީ އެދެޤައުމުގެ މެދުގައި ކުރިން އޮތް ދެކޮޅުވެރިކަން މިހާރު ނެތުމެވެ.

މުރާސިލުން ދެކޭގޮތުގައި މިކަމުގެ ސަބަބުން ސައުދީއާއި އިޒްރޭލުގެ ގުޅުން އާއްމު ހާލަތަކަށް ރުޖޫއަވާނެއެވެ. އަދި މިކަމުގެ އެންމެ ނޭދެވޭ އަސަރެއް ކުރާނީ ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއަށެވެ.

މިޞްރާއި އިޒްރޭލުގެ މަޝްރަހު ދިރާސާކުރައްވާ ޕްރޮފެސަރެއް ކަމުގައިވާ މެނަކެމް ކްލެއިން އަލްޖަޒީރާށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އިޒްރޭލުން، ސައުދީ އާއި މިޞްރަކީ އަރަބިންގެ ދެބާރު ކަމުގައި ދެކޭކަމަށާއި އިޒްރޭލުން އެދެގައުމާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރުމަށް ބޭނުންވާ ކަމަށެވެ. މިސްރާއި ސައުދީއާއި އޮންނަ ގުޅުން މިހާރުވެސް ވަރުގަދަވަމުން ދާކަން ފާހަގަކޮށް ކްލެއިން ބުނެފައިވަނީ މިޞްރުގެ ސިނާއީގައިވެސް އެޤައުމުގެ ހުއްދައާއެކު އިޒްރޭލުގެ ޑްރޯންތައް އުދުހެމުންދާ ކަމަށާއި ދެފަރާތުންވެސް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަމުން ގެންދާ ކަމަށެވެ.

މިދިޔަ ހަފްތާގައި ޓައިމްސް އޮފް ލަންޑަންއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލާއި ސައުދީއިން އަންނަނީ އެދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަމުންނެވެ. އަދި ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އިޒްރޭލަށް ދޭން އުޅޭކަމަށްވެސް ޓައިމްސް އޮފް ލަންޑަންގައި ހާމަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ގަލްފުގެ ވިޔަފާރީގެ ދޮރާށިތައް އިޒްރޭލަށް ހުޅުވިގެންދާނެއެވެ.

ސައުދީ ވަލީއަހުދަކަށް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އައްޔަންކުރެވުމާއެކު ސައުދީއާއި އިޒްރޭލުގެ ގުޅުންތައް ވަރުގަދަ ވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެގޮތުން އެމެރިކާއިން ކުރިން އިޒްރޭލަށް ކަނޑައަޅާފައިހުރި ސަފީރު ޑެނިއަލް ސަޕީރޯ، އިޒްރާއިލް ޑެއިލީގައި ލިޔެފައިވާ ގޮތުން މުހައްމަދު ބިން ސަލްމާން ވަލީއަހުދަކަށް އައްޔަން ކުރުމަކީ ހުވަފެނެއް ހަޤީގަތަކަށްވުން ފަދަ ކަމެކެވެ.

މިހުރިހާ ކަންކަމާއެކު މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިޞްރުން ސައުދީއަށް ރަށްތައް ދިނުމަށް އެއްބަސްވި އެއްބަސްވުމުގެ އެންމެ ބޮޑު އެއްފައިދާ އެއްކުރާނީ އިޒްރޭލަށެވެ. މިކަމުގެ ސަބަބުން އިޒްރޭލާއި ސައުދީއާއި ދެމުދު އޮތް ޒަމާންވީ ދެކޮޅުވެރިކަމަށް ނިމުންއައިސް ދެޤައުމުގެ މެދުގައި ގުޅުންތައް ވަރުގަދަ ވެގެންދާނެއެވެ. މިކަމުގެ އެއްމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ފަލަސްތީނުގެ ހާއްސަކޮށް ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށެވެ. އެހެނީ މިކަމަކީ ހަމާސް ޖަމާއަތް ކުޑަކަކޫ މައްޗަށް ތިރިކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތުގެ އެހީއަކަށް ވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މައުލޫމާތު ނަގާފައިވަނީ އަލްޖަޒީރާއިން.

 

 

 

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!