ހިޞާރު ކޮށްފައި އޮންނަތާ 10 އަހަރު: ޣައްޒާގެ ސިއްޚީ ނިޒާމު ފުނޑުވުމާއި ގާތަށް

2006 ވަނަ އަހަރުގެ އިންތިހާބު ހަމާސް ޖަމާއަތުން ކާމިޔާބު ކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން 2007 ވަނަ އަހަރު އިޤްތިޞާދީ ގޮތުން ފަލަސްތީނާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ އަކަށްވީ އިޒްރޭލުން ޣައްޒާވަށާ ހިޞާރުކުރުމުވެ. މިއާއެކު އަވަށްޓެރި މިޞްރުންވެސް ޣައްޒާގެ މިޞްރާވީފަޅި ޣައްޒާގެ ރައްޔިތުންނަށް ބަންދުކުރިއެވެ.

މިހިޞާރުގައި ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާތާއި 10 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު އެރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވަނީ ކަންބޮޑުވާ ވަރަށް ދަށަށް ގޮސްފައެވެ. ވަޒީފާ ނެތް މީހުން އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ދިރިއުޅުމުގެ އަސާސީ ޚިދުމަތްތަކަށްވަނީ ބުރޫ އަރާފައެވެ. އިޒްރޭލުން ޣައްޒާގެ ފެނާއި ކަރަންޓަށް އަތްގަދަ ކޮށްފައި އޮތުމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދަނީ ޣައްޒާގެ ސިއްޚީ ނިޒާމަށެވެ.

ތެޔޮ ލިބުމުގެ ދަތިކަން

ޣައްޒާގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތްދެމުން އައި މައި ޕަވަޕްލާންޓްގައި ބޭނުންކުރާނެ ތެޔޮ ނެތިގެން އެތަނުގެ މަސައްކަތް މިއަހަރުގެ އޭޕްރީލްމަހުވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއެކު އެރަށުގައި ދިރިއުޅޭ ދެމިލިޔަން މީހުން ބަރޯސާ ކުރަން ޖެހުނީ އިސްރާއީލާއި މިސްރުން ފޯރުކޮށްދެމުން އަންނަ 143 މެގަވޮޓްގެ ކަރަންޓަށެވެ. އެހާލަތުގައި ޣައްޒާ މީހުންނަށް ކަރަންޓް ލިބޭނީ ދުވާލަކު ހަތަރު ގަޑި އިރު ނުވަތަ އެއަށް ވުރެ ވެސް މަދު ވަގުތުކޮޅަކަށެވެ. އަދި މި ހިނގާ ޖޫންމަހު އިޒްރޭލުންވަނީ އެޤައުމުން ޣައްޒާއަށް ފޯރުކޮށްދޭ ކަރަންޓުގެ މިންވަރު ދަށްކޮށްފައެވެ. މިބަދަލު ގެނައީ ޣައްޒާއަށް ކަރަންޓްދޭ މިންވަރު މަދު ކުރަން ރާމަﷲގައިވާ މަހުމޫދު އައްބާސްގެ ސަރުކާރުން އެދުމުންނެވެ.

ހަމާސް ޖަމާއަތުނުން އައްބާސްގެ ސަރުކާރަށް ތަބާ ވުމަށް ބާރު އެޅުމަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންއެޅި މިފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ 14 ހޮސްޕިޓަލެއްގެ މަސައްކަތް ހުއްޓުމަކާއި ގާތަށް އައިސްފައިވާކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިންވެސްވަނީ ހާމަކޮށްފައެވެ. އިންޖީނުތަކަށް ބޭނުންވާ ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވުމާއެކު ހޮސްޕިޓަލުންތަކުން ދެމުންއައި ގިނަ ޚިދުމަތްތަކެއްވަނީ ހުއްޓާލާފައެވެ.

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރއެއް

ހޮސްޕިޓަލްތަކަށް ބޭނުންވާ ކަރަންޓު ނުލިބުމުގެ ސަބަބުން އެމަރޖެންސީ، އައިސީޔޫ އަދި އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދޭނެ ގޮތަކާމެދު ކަންބޮޑުވާ ކަމަށް ފަލަސްތީނުގެ ރައްޔިތުންނަށް ސިއްޚީ އެހީތެރިކަން ފޯޜުކޮށްދޭ ޖަމިއްޔާއަކުން މީގެކުރިންވަނީ ހާމަކޮށްފައެވެ. އަދި މިއާއެކު ލޭއާއި ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެފަދަ އިންތިޒާމެއް ނެތްކަންވެސް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ބަލިތައް އިތުރުވަނީ

ޣައްޒާގެ އާބާދީގެ 41.1 އިންސައްތަ މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. އަދި އެރަށުގެ އާބާދީގެ 80 އިންސައްތަ މީހުން ބަރޯސާވާން ޖެހިފައިވަނީ ބައިނަލްއަޤްވާމީ އެޙީދޭ ޖަމިއްޔާ ޖަމާއަތްތަކުން ފޯރުކޮށްދެމުންދާ އެހީގެ މައްޗަށެވެ. ވަޒީފާ ނެތްމީހުން އަދަދު އިތުރުވަމުން ދިޔުމާއެކު ފަޤީރުކަންވަނީ ކަންބޮޑުވާ ދަރަޖައަކަށް މައްޗަށް ގޮސްފައެވެ.

ޣައްޒާގެ ކުޑަކުދިންނަށް އެހީތެރިވުމަށް ހިންގާ އާދް އަލް އިންސާން ޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރ ޑރ އަދުނާނު އަލް ވަހައިދީ ވިދާޅުވާގޮތުގައި ކުޑަކުދިންނަށް ސިއްޚަތަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުންޖެހޭ ބަލިތައް ޣައްޒާގައި އިތުރުވެފައިވާ ކަމަށާއި މިކަމަކީ އެކުދިންގެ އާއިލާތަކުން އެތައް ތަކުލިފުތަކެއް އުފުލަންޖެހޭނެ ކަމެއްކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރިގޮތުގައި ސިއްޚަތަށް ފައިދާހުރި ކާނާ ގަތުމުގެ ތަނަވަސްކަން އާއިލާތަކުގައި ނެތުމުގެ ސަބަބުން ހެޔޮއަގުގައި ލިބޭ ހައި ކެލޮރީސް އެކުލެވޭ ކާނާ ކުދިންނަށް ކާންދިނުމުގެ ސަބަބުން ފަލަވުމުގެ ބަލިތައްވެސް ކުޑަކުދިންގެ ތެރޭގައިވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ޒުވާނުންނަށް ޑައިބެޓިސްއާއި ކެންސަރުފަދަ ބަލިތައް ޖެހުން އިތުރުވެފައިވާ ކަމަށްވެސް އަދުނާނުގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

 

ބޭހާއި ސިއްޚީ އާލާތްތައް ހޯދުމުގައިވެސް ދަތިކަން

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޣައްޒާގެ ސިއްޚީ ހާލަތާއި ގުޅޭގޮތުން ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ޣައްޒާގައި ބޭނުންކުރާ ސިއްޚީ އާލާތްތަކުގެ 50 އިންސައްތައަކީ މިހާރު އައުޓްޑޭޓްވެފައިވާ އާލަތްތަކެކެވެ. އަދި ސިއްޚީ ދާއިރާގައި ބޭނުންކުރާ އާލާތެއް މަރާތުކުރުމަށް ބޭނުންވާ އެއްޗެއް ޣައްޒާހަމައަށް ފޯރުމަށް 6 މަސްވަރުގެ މުއްދަތެއް ހޭދަވާކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ މެއިމަހު ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނު ސަރުކާރުން ޣައްޒާއަށް ބޭސް ފޯރުކޮށްދިނުން ހުއްޓައިލުމުގެ ސަބަބުން އެރަށުންވަނީ ބޭހުގެ ގިނަ ބާވަތްތަކެއް ހުސްވެ، އެރަށުގެ ސިއްހީ ނިޒާމު ވަރަށް ދެރަހަ ހާލަތަކަށް ގޮސްފައެވެ.

މިކަމާއި ގުޅޭގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ފާމަސީ ޑިޕާޓްމަންޓުގެ ފަރާތުން ޣައްޒާގައި ހުންނަވާ ޑައިރެކްޓަރު މުނީރު އަލް ބަރްޝު ވިދާޅުވީ ބޭސްފަރުވާގެ 270 ބާވަތެެއް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމަށާއި އިތުރު 170 ބާވަތެއް މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ.

މިކަންކަމުގެ ސަބަބުން ކެންސަރުފަދަ ބޮޑެތި ބަލިތަކަށް ދޭންޖެހޭ ކީމޯ ތެރަޕީފަދަ ފަރުވާތައް ދިނުމަށް ހުރަސްއެޅިފައިވާ ކަމަށް ޣައްޒާގައި ސިއްޚީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް ހާމަކުރެއެވެ.

ހިޞާރުގެ ސަބަބުން ބޮޑެތި ބަލިތަކަށް ފަރުވާކުރުމުގެ ދޮރު ބަންދުވެފައި

ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި ބޮޑެތި ބަލިތަކުގެ ފަރުވާ ޣައްޒާއިން ލިބެން ނެތުމުން އެރަށުގެ ރައްޔިތުން ބަރޯސާވާން ޖެހިފައިވަނީ ހުޅަނގު އައްސޭރިއާއި، އުރުދުންއާއި އިޒްރޭލުގެ ހޮސްޕިޓަލުތަކަށެވެ. ނަމަވެސް މިކަމަށްވެސް އޮތް އެންމެބޮޑު ހުރަހަކަށް ވެފައިވަނީ ވަށައިގެން އިޒްރޭލުގެ ހިޞާރުގެ ދަށުގައި ޣައްޒާވުމެވެ.

ޣައްޒާއިން ބޭރަށް ދިއުމަށް ހުއްދައަށްއެދި އިޒްރޭލުން ހުއްދަ ދިނުމުން މެނުވީ ބޭސްފަރުވާއަކަށްވެސް ޣައްޒާގެ ރައްޔިތުންނަށް އެރަށުން ބޭރަށް ނުދެވެއެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް ދިއުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް އިޒްރޭލުން ހުއްދަދޭ މިންވަރު 2015 ވަނަ އަހަރުން ފެށިގެން އަންނަނީ މަދުކުރަމުންނެވެ. އެގޮތުން އެޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު 77.5 އިންސައްތަ މީހުންނަށް ހުއްދަ ދީފައިވާއިރު 2016 ވަނަ އަހަރު ހުއްދަ ދީފައިވަނީ ހުއްދައަށް އެދުނުމީހުންގެ 54.9 އިންސައްތަ މީހުންނަށެވެ.

ބޭސްފަރުވާ ހޯދުމަށް އިޒްރޭލުގެ ހުއްދައަށް އިންތިޒާރުކޮށް، ހުއްދަ ނުލިބި ބައެއް ބަލިމީހުންގެ ފުރާނަވެސްވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.

ނަފްސާނީ ބަލިމަޑުކަންވެސް އިންތިހާއަށް ގޮސްފައި

ޣައްޒާގެ ކޮމިއުނިޓީ މެންޓަލް ހެލްތް ޕްރޮގްރާމްގެ ކޮންސަލްޓެންޓެއް ގޮތުގައި މަސައްކަތްކުރާ ސައިކޭޓްރިސްޓް ޑރ ސާމީ ވިދާޅުވެފައިވާ ގޮތުގައި ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުމާއި އިޒްރޭލުން ޣައްޒާއާއި ދެކޮޅަށް ހިންގި އުދުވާންތަކުގެ ނަފްސާނީ އަސަރުތައް އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

އެގޮތުން އަމިއްލައަށް މަރުވުމާއި، ޑިޕްރެޝަންއާއި ގެވެށި އަނިޔާގެ މައްސަލަތައް ބޮޑެތި މީހުންގެ މެދުގައި އިތުރުވެފައިވާއިރު، ނަފްސާނީ ބަލިތަކުގެ ސަބަބުން ކުޑަކުދިންގެ ކިޔެވުމަށް އަސަރުކުރުމާއި ރޭގަނޑު ބިރުގަތުންފަދަ ކަންކަން އާއްމުވެފައިވާ ކަމަށެވެ.

ޑރ ސާމީ އިތުރަށް ފާހަގަކުރި ގޮތުގައި ނަފްސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށް ދޭފަރުވާގެ އަސަރެއް ހިޞާރުގެ ސަބަބުން ނުފެނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!