رمضان މަސް ވަކިވެ ދަނީއެވެ.

މިމަހަކީ އެމަހަކަށް އަޅުގަނޑުމެން މުސްލިމުން ކޮންމެ އަހަރަކުމެ ކެތްތެރިކަމެއް ނެތި  އިންތިޒާރު ކުރާ މަހެކެވެ. އެމަހުގެ މަތިވެރި ކަމުންނެވެ. ޡަވާބާއި ދަރުމަ ފުއްސެވުމާއި ދިންނެވުން އެމަހެއްގައި ލައްވަވާފައިވާ މަހަށް ވާތީއެވެ. ދިނުމާއި ލިބިގަތުމުގެ އުފާވެރި މައްސަރަށް ވާތީއެވެ.  އެތަށް ގޮތަކުން ބަލާއިރު رمضان މަހަކީ މުސްލިމުން އެމަހަކާށް އިންތިހާއަށް ލޯބިކުރާ މަހެކެވެ.

رمضان މަހަށް އަޅުގަނޑުމެން މަރުޙަބާކިއީ އަދި އިހަށް ދުވަހުއެވެ. ނަމަވެސް މިހާރު އަލް ވިދާޢު ކިޔުމުގެ ވަގުތު ގާތް ވެއްޖެއެވެ. ރޯދަ ހިފުމާއި ނަމާދު ޤާއިމް ކުރުމާއި ޤުރުއާން ކިޔެވުމާއި އަދި އެނޫންވެސް ހެޔޮ ޢަމަލު ތަކުން އަޅުގަނޑުމެންގެ އީމާންކަމަށް އާރޯ ކަމެއް ގެނެސްދީފިއެވެ. އަޅުގަނޑުމެންގެ ތެރޭގައި ވާދީނީ ރޫޙު އިތުރު ކޮށްދީފިއެވެ. އަޚްވަންތަކަން ގެނެސް ދީފިއެވެ.

رمضان މަސް އައުމާއެކު އަޅުގަނޑުމެންގެ ޢަމަލުތަކަށް އައި ބަދަލުތަކަށް ވިސްނާލަމާތޯއެވެ. މިސްކިތްތަށް ފުރި ބާރުވިއެވެ. މިސްކިތުގެ ގޯތި ތެރެ ފުރި މަގުމަތީގައި ވެސް ކޮނޑާއި ކޮނޑު ޖައްސައި ފަޔާއި ފައި ޖެހި ނަމާދުގެ ސަފުތައް އަތުރައިލެވުނެވެ. ހިތްގައިމު މަންޒަރެކެވެ. رمضان މަސް އައުމުން އެހެން މަސްމަހު ފަރުޟު ނަމާދުތައް ނުކުރާމީހުން އެނަމާދުތަށް އޭގެ ވަގުތުގައި އަދާ ކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރެއެވެ. އެހެން މަސްމަހު ހަމައެކަނި ފަރުޟު ކޮށްލައިފައި ނިންމާލާ މީހުން ސުންނަތް ތަށް އަދާކުރަން އާހިތްވަރަކާއެކު މަސައްކަތް ފަށައެވެ. ފަރުޟާއި ސުންނަތް އަދާ ކުރާ މީސްތަކުން އެއަށް ވުރެ ގިނައިން ނަމާދު ކުރެއެވެ. ތަރާވީޙް ނަމާދާއި ރޭގަނޑުގެ ތަހައްޖުދު ނަމާދު ދޫކޮށްނުލައި ކުރެވޭތޯ ބަލައެވެ.

އޭމުސްލިމް އަޙާއެވެ. އޭ މުސްލިމް އުޙްތާއެވެ. ތިބާއީ ހަމައެކަނި رمضان މަހުގެ އަޅަކަށް ނުވާށެވެ. رمضان މަހުގައި ނަމާދު ކުރި ފަދައިން ނަމާދު ކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ގިނަގިނައިން ޒިކުރުކުރާށެވެ. ސުންނަތްތަށް އަދާކުރުން ދޫކޮށް ނުލާށެވެ. رمضان މަސް ވަކިވެދިޔަޔަސް ތިބާގެ އީމާން ކަން ތިބާޔާ ވަކިވެ ދިޔަ ނުދޭށެވެ. ތިބާގެ ތަޤްވާވެރިކަން ތިބާޔާ ވަކިވެ ދިޔަ ނުދޭށެވެ. ސަދަޤާތް ދިނުމާއި މީސްތަކުންނަށް ހެޔޮ ފޯރުކޮށް ދިނުން ހުއްޓާނުލާށެވެ. ރޭގަނޑުގެ ވަގުތުތަކުގައި މީސްތަކުން އެބައިމީހުންގެ ތަންމަތިތަކުގައި ނިދާފައި ތިއްބާ ތިބާ، ތިބާގެ އަރާމު ތަންމަތި ދޫކޮށް ހޭލައި ހުރެ ކުރި ތަހައްޖުދު ގެ ރަކުޢަތްތައް ދޫކޮށް ނުލާށެވެ. ޢަފޫ ދެއްވުންއެދި ދެއަތް އުފުލައި ކުރި ދުޢާ ކުރުން ހަނދުމަ ނައްތައި ނުލާށެވެ. ތިބާގެ ދޫ ޒިކުރުން ތެއްމާލި ތެއްމާލުން ދޫކޮށްނުލާށެވެ.

އޭ މުސްލިމް އަޚާއެވެ. އޭމުސްލިމް އުޙްތާއެވެ. ހެޔޮ ޢަމަލު ކުރަންވީ ހަމައެކަނި رمضان މަހު އެކަންޏެއްނޫނެވެ. رمضان މަހު ކުރާ ހެޔޮ ޢަމަލުގެ ޘަވާބާއި ދަރުމަ އިތުރުވެގެންވެއެވެ. ނަމަވެސް ޘަވާބާއި ދަރުމަ ދެއްވާ ދީލަތި ވަންތަ އިލާހުގެ ހަޞްރަތުން އެކަލާންގެ އަޅުތަކުންނަށް ޓަކައިވާ ދަރުމައާއި ޘަވާބު ހުސްވެގެން ނުދާނެއެވެ. އެއީ ފުޅާވެ ތަނަވަސް ވެގެންވާ ކަންކަމެވެ.

رمضان މަސް ނިމި އަޅުގަނޑުމެންނާއި ބައްދަލު ކުރަނީ ބަރަކާތް ތެރި ފިތުރު ޢީދެވެ.رمضان މަހުގެ އުފާވެރި ކަމަށްފަހު މުސްލިމުންނާއި ބައަދަލު ކުރާ އުފާވެރި ދުވަހެކެވެ. އެއުފަލުގައި އެކަން މުނާސަބު ކުރުމަށް ދީނުގެ މިން ފަހަނަ އަޅައި ގޮސްގެން ނުވާނެއެވެ. رمضان މަހުގައި ކުރި ހެޔޮ ޢަމަލުތަގެ ޘަވާބާއި ދަރުމަ ފުހެވިގެންދާ ފަދަ ފާހިޝް ޢަމަލުތަކަށް ޢީދުގެ ނަމުގައި އަރައިގަނެގެންނުވާނެއެވެ.

އެންމެހާ މުސްލިމް އުޙްތުންނެވެ. رمضان މަހަށް ފަހު އަޅުގަނޑުމެން ޝައްވާލް މަހުގެ 6ރޯދަ އެބަހިފަމެވެ. މަތިވެރި ސުންނަތެކެވެ. ދަރުމަޔާއި ޘަވާބު ހުރި ކަމެކެވެ. އަންހެނުންނީ އުޒުރު ވެރިވާ ބަޔެކެވެ. رمضان މަހުގެ ރޯދަވެސް އެއުޒުރުގެ ސަބަބުން ނުހިފި ދޫވެ އެބަދެއެވެ. އުޒުރުވެރި ނުވާނަމަ رمضان ނިންމައި ޖެހިގެން އަންނަ ޝައްވާލް މަހު، ގެއްލުނު ރޯދަތައް ހިފައި ނިންމާލަމާތޯއެވެ؟ ނުވަތަ ވީއެންމެ އަވަހަކަށެވެ. ގެއްލުނު ރޯދައިގެ ޢަދަދު ހަނދުމަ ނެތި ޢާފިލް ވުމުގެ ކުރިންނެވެ.

ނިމި މިދާ رمضان މަހުން އީމާނުގެ ދަރުސްތަށް ލިބިގަންނާށެވެ. ސަދަޤާތް ދިނުމުން ލިބޭ ޘަވާބާއި އުފާވެރިކަމުން ޢބްރަތް ލިބި ގަންނާށެވެ. އަޅުކަން ކުރުމުގައި ދެމި ހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. رمضانމަހުން އީމާން ކަމަށް ލިބުނު ޖޯޝާއި ފޯރި ދަމަހަށްޓާށެވެ. އެގޮތުގައި ޘާބިތު ވާށެވެ. އެގޮތުގައި ޘާބިތު ކޮށްދެއްވުން އެދި ދުޢާ ކުރާށެވެ.

ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!