ތިބާއަކީ އިސްލާމްދީން ތަމްސީލުކުރާ މަންދޫބެއްކަން އަބަދުވެސް ހަނދާންކުރާށެވެ!

އިސްލާމްދީނުގެ ދަޢުވަތު އެހެން މީހުނަށް ފޯރުކޮށްދިނުމަކީ ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ ނުވަތަ ވަކި ޖަމާޢަތެއްގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް މަސްއޫލިއްޔަތެކެވެ. އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައި، މުޢާމަލާތްކުރުމުގައި ރިވެތި އުސޫލުތައް އިސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމަކަށްވާއިރު، މިކަމަކީ، އިސްލާމްދީނުގެ ނޫރު ލިބިފައިނުވާ މީސްތަކުންނަށް ދެވޭ ދަޢުވަތަކަށްވެސް ގިނަފަހަރު ވެފައިވެއެވެ. މިގޮތުން، ތިރީގައި މި ހިއްސާކޮށްލަނީ، އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޢިލްމުވެރިއަކަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ. މިހާދިސާ މިލިޔަނީ އެ ޢިލްމުވެރިޔާ ވިދާޅުވެދެއްވި ގޮތަށެވެ.

“އަހަރެންގެ ގެއާއި ދުރު ހިސާބެއްގެ މިސްކިތެއްގެ އިމާމެއްގެ ގޮތުގައި އަހަރެން ޢައްޔަން ކުރެވުނެވެ. އެއީ އަހަރެންނަށް މުޅިން އާ ބީރައްޓެހި ހިސާބަކަށްވުމުން، އަހަރެން އެހިސާބަށް ދަތުރުކުރަނީ ބަހުގައެވެ. ބަސް މަޑުކުރަނީ މިސްކިތާއި ތަންކޮޅެއް ދުރަށް ކަމަށްވުމުން، ކޮންމެ ދުވަހަކުވެސް ބަހުގައި އެ ހިސާބަށް ގޮސް ދެން އޮތްބައި ހިނގާލާފައި މިސްކިތާއި ހަމައަށް ދަނީއެވެ.

އާދައިގެ މަތިން މިއަދުވެސް އަހަރެން މިސްކިތައްދިއުމަށްޓަކައި ބަހަށް އެރީމެވެ. ނަމަވެސް މިއަދު ބަސް ދުއްވަން އިނީ މީގެ ކުރިން ދެކެފައިނުވާ މުޅިން އާ ޑްރައިވަރެކެވެ. ބަހަށް އެރުމަށްފަހު އެހެންޏާވެސް ކަންކުރާ ގޮތަށް ބަހުގެ ފީ އަށްވާ އަގު ޑްރައިވަރާއި ޙަވާލުކުރުމުން ޑްރައިވަރު އަހަރެންނަށް ބާކީ ދިނެވެ. ބާކީ ދިނުމުން އަވަހަށް ގޮނޑިއެއް ހޯދާލިއިރު ދާންޖެހުނީ ބަހުގެ އެންމެ ފަހަތަށެވެ. އަވަސް އަވަސް ކޮށްލާފައި ބާކީ ފައިސާ އަތުން ހިފައިގެން ގޮސް އިށީނދެ ހަމަޖެހިލުމަށްފަހު، ބާކީ ދިނީ ހަމައަށްތޯ ބަލާލިއިރު ޑްރައިވަރު އަހަރެންނަށް 20 ޕެންސް އިތުރަށް ދީފައި އޮތެވެ.

މިހާހިސާބުން އަހަރެންގެ ސިކުނޑީގައި ހަޅުތާލު ފެށުނެވެ. އެއްފަހަރަކު އަހަރެންގެ ސިކުނޑި ބުނާފަދައެވެ. މިދެން އެންމެ 20 ޕެންސެއް ނޫންހެއްޔެވެ؟ މީގެން ވާނީ ކޮންކަމެއްހެއްޔެވެ. މިއޮށް ބޮޑު ކުންފުނީގެ ފައިސާއިން އެންމެ 20 ޕެންސް މަދުވެގެން ވާނީ ކީއްހެއްޔެވެ އަނެއްކޮޅުން އަހަރެންގެ ސިކުނޑި ބުނަމުންދިޔައީ ނޫނެކެވެ! 20 ޕެންސް ވިޔަސް އަދި އެއަށްވުރެ މަދުވިޔަސް މިއީ އަހަރެންގެ ޙައްޤެއްނޫނެވެ. ވީއިރު މި، ރައްދު ކުރަން ޖެހޭނެއެވެ. މިގޮތަށް މުޅިދަތުރު މަތީ މިދޭނީތޯ ނުދޭނީތޯ ވިސްނަ ވިސްނާ އިންދާ އަހަރެންގެ މަންޒިލާ ހަމައަށް އާދެވިއްޖެއެވެ. ގޮނޑިންތެދުވެ ފައިބަންވެގެން ހިނގައިގަނެވުނުއިރުވެސް މި 20 ޕެންސަށް ހަދާނެ ގޮތެއް ނުނިންމުނެވެ. ބަހުން ފައިބަން ހުންނަނީ އެންމެ ދޮރެއްކަމުން، އަހަރެން މަޑުމަޑުން ދެފިކުރެއްގައި ހުރެ ގޮސް، ދޮރާއި އަރައި ހަމަވިތަނުން ކުއްލިއަކަށް ބޭއިޚްތިޔާރުގައި ޑްރައިވަރާދިމާއަށް އެނބުރި ބުނެވުނެވެ.

“އޭ ޑްރައިވަރު! މިއޮތީ ތިބާއަށް އޮޅިގެން އަހަންނަށް އިތުރަށް 20 ޕެންސް ދެވިފައި… މީގައި ހިފާ!”

އެހެން ބުނުމުން ޑްރައިވަރު ބުންޏެވެ. “ނޫން! އަހަރެން ތި 20 ޕެންސް އޮޅިގެން އިތުރަށް ދިނީކީ ނޫން! އަހަރެން ދިނީ ހަމަ ޤަޞްދުގައި!”

އަހަރެން ބުނީމެވެ. “ޤަޞްދުގައި އިތުރަށް ދިނީ ކީއްވެ؟”

ޑްރައިވަރު ޖަވާބުގައި ބުންޏެވެ. “އަހަރެން އިސްލާމްދީން ހޯދައި ދިރާސާ ކުރަމުންދާތާ މިހާރު 3 އަހަރު ވެއްޖެ! މިއަދު އަހަރެން މިބަހުގައި އިންދާ ތިބާ ފެނުމުން، ހެދުން އަޅާފައި ހުރިގޮތުން ތިޔައީ އިމާމެއްކަން އެނގުނު! އެހެންވެ އަހަރެންގެ ހިތުގައި ޢަޒުމްކަނޑައެޅީ މިއަދު ވަކިގޮތެއް ނިންމަން. އިޚްލާޞްތެރިކަމާއެކު ތިބާ މި 20 ޕެންސް އަހަންނަށް ދީފިނަމަ އަހަރެން މިއަދު އިސްލާމްދީން އެއީ ޙައްޤު ދީން ކަމުގައި ޢިއުތިރާފުވެ އެކަން އިޢުލާންކުރަން! އަދި ނުދީފިނަމަ، އަހަންނަށް އެނގޭނެ ތިޔަބައިމީހުންނެކޭ ދެން ތިބި މީހުންނެކޭ އެއްވެސް ތަފާތެއް ނެތްކަން! ހަމަ ހުސް ދޮގުހަދާމީހުންކަން…!”

ބަހުން ފޭބުމަށްފަހު، ބަސްދިއުމުން އަހަރެންނަށް ރޮވުނެވެ. އަހަރެންނަށް ރޮވުނީ އެމީހާ އިސްލާމްދީން ޤަބޫލުކުރުމުގެ އުފަލުގައެއް ނޫނެވެ. ނަމަވެސް، މިއަދު އެންމެ 20 ޕެންސަށް އަހަރެންގެ ދީން ވިއްކާލުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެން ސަލާމަތްކޮށްދެއްވީތީއެވެ.”

——————————————-

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާށެވެ. މިފަދަ ކިތައް ކަންކަން އަޅުގަނޑުމެންނާއ ކުރިމަތިވޭތޯއެވެ. އެވަގުތުތަކުގައި އަޅުގަނޑުމެން ކަންކުރަނީ ކިހިނެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާ މުރާޖަޢާ ކޮށްލަން މިއީވެސް ރަނގަޅު ހަނދާންކޮށްދިނުމެއްކަމުގައި ދެކެމެވެ. އަދި ހަމައެފަދައިން އަޅުގަނޑުމެންގެ ޢަމަލާއި ބަހުންނާ، ހަށިގަނޑުގެ ބޭރުފުށުންވެސް އިސްލާމްދީނުގެ ޝިޢާރުތައް ފެންނަނަމަ އެކަމުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަން މިހާދިސާއިން އެކަނިވެސް އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!