ހިރާ ސްކޫލަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދަދިނުމަށް އެހީތެރިވެދެއްވާ!!

އައްޑޫގައި އިސްލާމީ ބިންގަލެއްގެ މަތީގައި ޒަމާނީ ތަޢުލީމު ފޯރުކޮށްދިނުމުގައި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޙިރާ ސްކޫލްގެ ޢިމާރާތް އެޅުމަށްޓަކައި، ފައިސާ ހޯދުމުގެ ކެމްޕޭނެއް އެސްކޫލުން ފަށައިފިއެވެ.

އެސްކޫލްގެ ޕްރިންސިޕަލް މައިރިޔަމް ސިތާރާ ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކެމްޕޭނަކީ ހިރާ ސްކޫލްގެ ދަރިވަރުން ވަގުތީ ބޯހިޔާވަހިކަމުން ދާއިމީ ބޯހިޔާވަހިކަމަށް ދިއުމަށް ރާއްޖެއާއި ރާއްޖެއިންބޭރަށް ހުޅުވާލައިގެން ފައިސާހޯދުމަށް ފަށާފައިވާ ކެމްޕޭނެކެވެ.

ސިތާރާ ވިދާޅުވިގޮތުގައި މިކެމްޕޭނު ދެބަޔަކަށް ކުރިއަށް ގެންދާ އިރު އެއްބަޔަކީ ރާއްޖެއިން ބޭރުގައި ތިއްބެވި ސްކޫލަށް ހެޔޮއެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު، މިކަމަށް އެހީތެރިވެ ވަޑައިގެންނެވުމަށް މަގުފަހި ކޮށްދެއްވުމަށްޓަކައި، ބޭރުގެ ޕްލެޓްފޯމެއް ކަމަށްވާ ލޯންޗްގުޑް www.launchgood.com/hiraschool ގައި ޤާއިމު ކުރެވިފައިވާ ކެމްޕޭންއެވެ. އަދި ދެވަނަ ބަޔަކީ ސްކޫލްގެ ނަމުގައި ބީއެމްއެލް އަދި އިސްލާމިކް ބޭންކުގައި ހުޅުވިފައިވާ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރައްވައިގެން ފައިސާ ހަދިޔާ ކުރެއްވޭގޮތަށް ކުރިޔަށް ގެންދާ ބައެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެބޭފުޅަކުވެސް މިކަމުގައި ބައިވެރިވެވަޑައިގެން އެބޭފުޅެއްގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން އެހީތެރިވެދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

“އަޅުގަނޑުމެން ވަރަށް މާތް މަޤްޞަދެއްގައި ހުޅުވައިގެން ބުރަމަސައްކަތްތަކާއި އުއްމީދާއެކު ކުރަމުންއަންނަ މަސައްކަތެއް މިއީ. އެހެންކަމުން މުޖުތަމަޢަށް ހެޔޮބަދަލުގެންނާނެ ފަދަ މުސްލިމް ދިވެހި ޝަޚްޞެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މިމަސައްކަތުގެ ހިއްސާއަށް ކޮންމެ ދިވެއްސަކުވެސް ވުމަކީ އަޅުގަނޑުމެންނަށް ދެއްވޭނެ ވަރަށް ބޮޑު އެއްބާރުލުމެއް.” ސިތާރާ ވިދާޅުވިއެވެ.

އެސްކޫލަށް ފައިސާ ހޯދުމަށް ކުރާ މިކެމްޕޭންގައި ބައިވެރިވެވަޑައިގެން ފައިސާދެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެކައުންޓްތަކުގެ މައުލޫމާތާއި، ތަފްސީލުތައް ޙިރާ ސްކޫލްގެ ފޭސްބުކް ސަފްހާ www.facebook.com/hiraschool އިން ލިބިވަޑައިގަންނަވާނެއެވެ.

ސްކޫލްގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދިން ގޮތުގައި އެސްކޫލް ފެށުނީއްސުރެ މިއަދާހަމައަށް ހިންގަމުން އައީ ދީލަތިފަރާތެއްގެ ގޯތީގައި އަމިއްލަ ވިޔަފާރިވެރިއެއްގެ ދާއިމީ ދީލަތި އެހީގައި ބިނާކޮށްފައިވާ އިމާރާތެއްގައެވެ.

“2010 ގައި ނާސަރީލެވެލްއިން ފެށި ސްކޫލް ތަރައްގީވަމުން އައިސް ކޮންމެ އަހަރަކު އާގްރޭޑެއް އުފައްދައި ގްރޭޑް 6 އާ ހަމަޔަށް މިހާރު ދަރިވަރުން ކިޔަވަމުންދޭ. ކޮންމެ އަހަރަކު އާގްރޭޑެއް އުފައްދަން ޖެހިފައިވުމާއެކު އެކި ހިސާބުތަކުން އަލަށް ސްކޫލަށް ކުދިން ވައްދަން އެދޭ އެތަކެއް ފަރާތްތަކަށް ޖާގައިގެ ދަތިކަމާހުރެ އެފުރުސަތު ވަނީ ނުދެވި. ޕްރައިމަރީގެ ދަރިވަރުން 2 ސެޝަނަށް ގެނައުމާއެކު ޕްރީސްކޫލް ދަރިވަރުން ދުވަހުގެ އެކިގަޑިތަކުގައި ވަރަށް ދަތިގޮތަކަށް ގެނެސްގެން މިހާރު ކުރިޔަށް ގެންދާގޮތަށްވެސް އަންނަ އަހަރު ގެންދެވެން ނެތުމަކީ ސްކޫލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް” ސިތާރާ ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމާއެކު ސްކޫލުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނުން އެދޭ ފެންވަރަށް ތައުލީމާއި ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމަށްޓަކައި ސްކޫލުން ރާވާ ކަންކަމަށް ބޭނުންވާނެ “ސެޓްއަޕް ” އެއް ގާއިމްނުކުރެވުމެވެ.

” އިތުރު ހަރަކާތްތަކުގެ ތެރެއިން ތަފާތު ހުނަރުތަކާއި ގާބިލިއްޔަތު ތަރައްގީކުރުމަކީ ސްކޫލުން ބޮޑު އަހައްމިއްޔަތެއް ދޭކަމަކަށްވާއިރު މިކަމަށް އެންމެ ފުރިހަމަ މާހައުލެއް ގާއިމުކުރެވޭނީ ސްކޫލްގެ ޢިމާރާތް އެޅިގެން. މިސާލަކަށް ދަންނަވާނަމަ ޕީއީގެ ދަށުން ތަފާތު ހުނަރުތައް ތަރައްގީކުރުމަށާއި ސައިންސް އެކްސްޕްލޯ ކުރުމަށާއި ސޯޝަލް ޙަރަކާތްތަކާއި ކޮންފަރެންސް ބޭއްވުން ފަދަ ކަންކަން އަޅުގަނޑުމެން އެދޭ ފެންވަރަށް ގެންދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. އެހެންކަމުން މިއީ ސްކޫލްގެ ޢިމާރާތް ނުހެދި ދިޔަ އަހަރުތަކަށް ނިމުމެއް ގެނެސް ސްކޫލްގެ ޢިމާރާތް އަޅަން މަސައްކަތް ކުރަންވީ ވަގުތުކަމަށް އަޅުގަނޑުމެން ދެކެން.” ޕްރިންސިޕަލް ވިދާޅުވިއެވެ.

ޙިރާސްކޫލަކީ ސްކޫލްތަކުގެ ފެންވަރުގައި ބާއްވާ ހަރަކާތްތަކުން ރަނގަޅު ކާމިޔާބީތަކެއް މިހާރުވެސް ހޯދަމުން އަންނަސްކޫލެކެވެ. ނަމަވެސް މިހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ވަރަށް ދަތިގޮތަކަށް ސްކޫލްގެ ކުލާސްރޫމުން ބޭރުގައި އޮންނަ ކުޑަތަންކޮޅުގައެވެ. އެ ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މިއަންނަ އަހަރު ސްކޫލްގައި ސާނަވީ ތައުލީމުދޭން ފަށަން ޖެހިފައިވުމާއެކު މިކަން ކުރުމަށްޓަކައި ސްކޫލަށް އަލަށް ކުދިން ނުނަގައި މަޑުކުރަން ޖެހުމަކީވެސް ސްކޫލްގެ އިމާރާތް މިއަހަރު ކޮންމެހެން އަޅަން މަޖުބޫރުވާ އެއްސަބަބެވެ.

އެހެންކަމުން ޙިރާސްކޫލްގެ ޢިމާރާތް އެޅުމަށް ކުރާ މިމަސައްކަތާއި ދުޢާގައި ކޮންމެމީހަކުވެސް ބައިވެރިވާން އެސްކޫލުން އެދެއެވެ.

” ﷲ އިރާދަކުރެއްވިއްޔާ ގައުމަށް ތެދުވެރި ގައުމުގެ ކަންކަން ހެޔޮމަގަށް އަޅުވާނެ ދަރިންތަކެއް މިމަސައްކަތުން މާދަމާ އުފެއްދިއްޖެނަމަ މިކަމަށް އެހީތެރިވެދެއްވައި ޞަދަޤާތް ކުރެއްވި ކޮންމެ ބޭފުޅަކަށް އެކުދިން ކުރާ ކޮންމެ ހެޔޮ ޢަމަލަކުން ޘަވާބާ ދަރުމަ ލިބިގެންދާނެ ” ސިތާރާ އެދިވަޑައިގެންނެވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!