ޔަމަނުގެ ރައްޔިތުން ދުވާލު ރޯދައަށް، ރޭގަނޑު ބަނޑުހައިހޫނުކަމުގައި

ރަމަޟާންމަހުގެ ދުވާލު ބައެއް މީހުން ރޯދަ ވަރުބަލިކަމާއެކު ކުޑަ ވަގުތު ކޮޅަކަށްވެސް ނިދާލައެވެ. ނަމަވެސް ފާތިމާ ޞަލާޙް، 58، ގެ ދިރިއުޅުން މިއާއި މުޅިން ތަފާތެވެ. ފާތިމާގެ މަސައްކަތަކީ ރަމަޟާންމަހުގެ ދުވާލުގެ ވަގުތުތަކުގައި އަވަށްޓެރި ފިހާރަތަކަށް ގޮސް އާދޭސްކޮށް ސަލާން ޖަހައި ، އިރުއޮއްސެންވާއިރަށް އާއިލާގެ މީހުންގެ ބަނޑުހައިހޫނުކަން ފިލުވާލަދޭނެ ކާއެތިކޮޅެއް ލިބޭތޯ މަސައްކަތް ކުރުމުވެ.

“ހިނގާ ހިނގާ އަހަރެން ވަރުބަލިވެއްޖެ، ކަރުހިއްކާ. އަހަރެން ރޯދައަށްވެސް މިހިރީ ރަނގަޅަށް ހާރުވެސް ނުކެވި” ފެންކަޅިވެހުރެ ފާތިމާ ކިޔައިދިނެވެ.

“އަހަރެން އަހަރުމެންގެ ގޭގައި ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާއި އިއްޒަތުގައި. ރަމަޟާންމަހަކީ އަހަރު ތެރޭގައި އަންނަ އެންމެ ރަނގަޅު މަސް. ނަމަވެސް ހަނގުރާމަ، އަހަރުމެން އެއުފާވެރިކަމުން މަހްރޫމްކޮށްފި. މިދިޔަ އަހަރުގެ ރަމަޟާންމަހަށްވުރެ މިއަހަރުގެ ރަމަޟާންމަސް ވަރަށް ހިތްދަތި. ދުވާލު މިތިބެނީ ރޯދައަށް. ރޭގަނޑު ކާނެ އެއްޗެއް ނެތިގެން ބަނޑަށް” ފާތިމާ ކިޔައިދިނެވެ.

މުުޅި އިސްލާމީ އުއްމަތަށްވެސް ރަމަޟާންމަހަކީ އުފާވެެރިކަން ގެނެސްދޭ މައްސަރެކެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ވިރާނާވެފައިވާ ޔަމަނުގެ ހާލަތު މިއާއި މުޅިން ތަފާތެވެ. ރަމަޟާންމަހުގެ އުފާވެރިކަންވަނީ ހަނގުރާމައިގެ ކަސްތޮޅުގައި ހައްޔަރުވެފައެވެ.

ދާދިފަހުން އދ އިންވެސްވަނީ ޔަމަނުގެ 17 މިލިއަން މީހުން ބަނޑަށްޖެހި ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލާފައެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައަށް ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެޤައުމުގެ އެތައް އާއިލާއެއްވަނީ ފަޤީރުކަމާއި ކުރިމަތިލާންޖެހިފައެވެ.

“އަހަރެންގެ އާއިލާއަށް ކާންދޭނެ އެއްޗެއް ބޭނުންވޭ. އަހަރުމެން ދިރިއުޅޭ ތަނުގެ ކުލި ދެއްކޭނެ ގޮތެއްވެސް ހޯދަން އެބަޖެހޭ. ފަޤީރުކަންމިވަނީ އިންތިހާއަށް ގޮސްފައި” ފާތިމާ އޭނާގެ ހާލަތު އިތުރަށް އޮޅުން ފިލުވައިދެމުން ބުންޏެވެ.

މިއަހަރުގެ ރަމަޟާންމަސް ޔަމަނާއި ބައްދަލުކުރިއިރު އެޤައުމުގައިވަނި ކޮލެރާގެ ބަލިމަޑުކަންވެސް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. ދުނިޔޭގެ ސިއްޚަތު ޖަމިއްުޔާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އޭޕްރީލްއިން ފެށިގެން މިހާތަނަށް ކޮލެރާ ޖެހިގެން 530 މީހުންވަނީ ޔަމަނުން މަރުވެފައެވެ. އަދި އެޤައުމުގެ 65،000 އަށްވުރެ ގިނަ މީހުން އެބަލިޖެހިފައިވާ ކަމަށް ސިއްޚަތު ޖަމިއްޔާއިން ލަފާކުރެއެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގައި ދިރިއުޅެމުންދާ، 10 ކުދިންގެ ބައްޕަ މުޙައްމަދު މޮޚްދަރީ ކިޔައިދިން ގޮތުގައި އޭނާގެ ކުދިން ކޮލެރާގެ ވަބާއިން އަދި ސަލާމަތްވެފައި ތިއްބަސް، މިމައްސަރުގައި ޤައުމުގެ އަހުލުވެރިން ކުރިމަތިލާންޖެހިފައިވާ ކަންތައްތަކާއި މެދު އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

“ރަމަޟާންމަހަކީ ހާއްސަ މަހެއް. އެހެންނަމަވެސް ހަނގުރާމައިގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ހާލަތުގެ ސަބަބުން ކުރިން އެމަހުގައި ކުރަމުންއައި އިޚްސާސް މިހާރު ނުކުރެވޭ. ކާބޯތަކެތީގެ އަގުތައްވަނީ މަތިވެފައި. އާމްދަނީ ލިބޭނެގޮތްވަނީ ދަތިވެފައި” މުޙައްމަދު ކިޔައިދިނެވެ.

މުހައްމަދުގެ އާއިލާއަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭތޯ އޭނާގެ ދެކުއްޖަކު މިހާރުވަނީ މަގުމަތިން ޕްލާސްޓިކް ހުސްފުޅި ހޮވާ ރިސައިކަލްކުރާ ކާރުޚާނާތަކަށް ވިއްކަން ފަށާފައެވެ. އެކަމުން ކޮންމެސް ވަރެއްގެ އާމްދަނީއެއް ލިބުނަސް މުހައްމަދުވެސް އަދާކުރާނެ ވަޒީފާއެއް ނެތުމުން އާއިލާ ދިރިއުޅެން ޖެހިފައިވަނީ ވަރަށް ފަޤީރު ހާލުގައެވެ. ރޯދަ ވީއްލަން ލިބެނީވެސް ޔޯގަޓާއި ޕާނެވެ.

“މީ ވަރަށް އުނދަގޫ ހާލަތެއް. ހަނޑުލާއި ޕާންފަދަ އެއްޗެއްވެސް ލިބެނީ ވަރަށް މަދުން. އެއްގަމު މަހާއި ތަރުކާރީއާއި މޭވާއެއް ކާލަން ލިބުމަކީ މިހާރު ހުވަފެނެއް. ރަމަޟާންމަހު އަމިއްލަ ގޭގައާއި ޤައުމުގެ އެހެން މީހުން ތައްޔާރުކުރާ މީރު ކެއުންތައް ތައްޔާރުކުރި ދުވަސްތައްވަނީ މާޒީވެފައި” މުޙައްމަދު ބުންޏެވެ.

ކާބޯތަކެތި ވިއްކާ ފިހާރައެއްގެ ވެރިއެއްކަމުގައިވާ އަބްދުއްލަތީލް އަލްޙުބައިސީ ކިޔައިދިން ގޮތުގައި މިރަމަޟާންމަހު ކާބޯތަކެއްޗަށް އޮންނަ ޑިމާންޑްވަނީ ވަރަށް ދަށްވެފައެވެ.

“މިދިޔަ އަހަރާއި އަޅާބަލާއިރުވެސް ވިޔަފާރިވަނީ 50 އިންސައްތަ ދަށްވެފައި. އަންނަ މީހުންވެސް އާއްމުކޮށް ގަންނީ ހަކުރާއި، ފުށާއި ހަނޑޫ ފަދަ ކެއުމުގައި ބޭނުންކުރާ އަސާސީ ބާވަތްތައް. ތަރުކާރީ ފަދަ ބާވަތްތަކަށް އެއްވެސް ޑިމާންޑެއް ނެތް. އެފަދަ ތަކެތި ގަތުމުގެ ތަނަވަސްކަމެއް މީހުންގެ ނެތް”

މިއީ ހަނގުރާމައިގެ ހާލަތުގައި އެޤައުމުގެ މީހުން ބައްދަލުކުރި ތިންވަނަ ރަމަޟާންމަހެވެ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ނުދޭތާވެސް މިހާރުވަނީ ނުވަ މަސްުދުވަސް ވެފައެވެ. ރަމަޟާންމަހަކީ ޔަމަނުގެ ރައްޔިތުން އެންމެ ގިނައިން ހޭދަކުރާ މަހެވެ. ނަމަވެސް މިފަހަރު އެމީހުން އަތުގައި އެކައްޗެއްވެސް ނެތެވެ. ކުރިއަށް އޮތް ދިހަވަރަކަށް ދުވަސްފަހުން ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާއުކިޔަސް ޔަމަނުގެ ރައްޔިތުން ދިރިއުޅެމުންދާ ހިތްދަތިކަމަށް އަލްވަދާޢު ކިޔަންޖެހޭނެ ދުވަހެއް އަދިހަމަ ހިތަށް ގެންނަންވެސް ނޭނގެއެވެ.

 

މައުލޫމާތު ނަގާފައިވަނީ އަލްޖަޒީރާއިން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!