އެމްއެންޔޫއާއި އދ އަތޮޅު ކައުންސިލް ގުޅިގެން އދ އަތޮޅުގެ ހުރިހާ ރަށެއްގައި ދަރުސްދީފި

  • އދ މަހިބަދޫގައި ކުރިއަށްދިޔަ ދަރުހެއްގެ ތެރެއިން / ފޮޓޯ އަލް ބައްޔިނާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި އދ އަތޮޅު ކައުންސިލް ގުޅިގެން އދ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް އދ އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި އަލީ ފަހުމީ ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި އދ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އަޞުރު ނަމާދަށްފަހުގައި ދީނީ ދަރުސް ދީފައިވާ ކަމަށާއި މީގެ އިތުރުން އދ އަތޮޅުގެ ތިން ރަށެއްގައި އިޚްޔާ ފޯރަމްތަކެއް ބާއްވާފައިވާ ކަމަށް އަލީ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މިކަމަކީ މީގެ ތިންއަހަރު ކުރިން ފެށިގެން އދ އަތޮޅުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި ކުރީ ދެފަހަރު އިޚްޔާ ފޯރަމް ބާއްވަމުން ގެންދިޔައީ ހަމައެކަނި މަހިބަދޫގައި ނަމަވެސް މިއަހަރު މަހިބަދޫގެ އިތުރުން މާމިގިއްޔާއި ދަނގެތީގައިވެސް އިޚްޔާ ފޯރަމްވަނީ ބާއްވާފައި ކަމަށް ވިދާޅުވިއެވެ.

އަޞުރު ނަމާދުފަހުގައި ކުރިއަށް ދިޔަ ދަރުސްތައް ކުރިއަށް ގެންގޮސްފައިވަނީ އީމާންކަންމަތީ ސާބިތުވެ ތިބުމުގެ މައްޗަށެވެ. އަދި އިޚްޔާ ފޯރަމްތަކުގެ މައުޟޫއަކީ ތަޤްވާއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ މިކަން ކުރިއަށް ގެންދިޔުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިން ދެއްވި އެއްބާރުލެއްވުމަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ. އަދި މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ރަށްރަށުގައި އުފެދިފައިވާ ޖަމިއްޔާތަކާއި ކުންފުނިތަކުން މިކަމަށް ދިން އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށްވެސް ފަހުމީ ޝުކުރު އަދާކުރިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!