މޭމަހު އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

ހުސްވި މޭމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މޭ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 239 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 3.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޔޫއޭއީންނެވެ. އެ ގައުމުން އެތެރެކޮށްފައި ވަނީ މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ މުދަލެވެ.

މިއާއެކު މޭމަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރުވެސްވަނީ މިދިޔަ އަހަރުގެ މެއިމަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ މޭ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 34 އިންސައްތަވަނީ މަތިވެފައެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މޭ މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 373 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 498 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

މިއަހަރުގެ އޭޕްރީލްމަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެންފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ލިބިފައިވަނީ 206 މިލިއަން ރުފިޔާއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!