މަޝްރަހު: އިޚްވާނުލް މުސްލިމޫން އެނގެނީ ކިހާވަރަކަށް؟

ބޭރުދުނިޔޭގެ މަޝްރަހަށް މިދުވަސްވަރު ބަލާކަމުގައި ވާނަމަ އެންމެ ހޫނު އެއް ޚަބަރަކަށްވާނީ ސައުދީ އަރަބިޔާ އަދި މިޞްރު ފަދަ ޤައުމުތަކުން އަވަށްޓެރި ޤަތަރާއި އޮންނަ ގުޅުން ކަނޑާލިކަމުގެ ޚަބަރުތަކެވެ. ގުޅުން ކަނޑާލުމުގެ ބަހަނާއެއްކަމުގައި މިޤައުމުތަކުން ދައްކަމުންދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ޤަތަރުން ވާގިވެރިވަމުން ދާކަމަށް ކުރާ ތުހުމަތެވެ. މިދެންނެވި ޓެރަރިސްޓް ޖަމާއަތްތައް ކަމަށް އެފަރާތްތަކުން ބުނަނީ އެއީ މިޞްރުގެ އިޚްވާނުލް މުސްލިމޫން ނުވަތަ މުސްލިމް ބްރަދަރހުޑްއާއި ފަލަސްތީނުގެ ހަމާސް ޖަމާއަތެވެ.

އަންގާރަދުވަހު ސައުދީ އަރަބިޔާގެ ޚާރިޖީ ވަޒީރު ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ޤަަތަރުން ހަމާސް ޖަމާއަތާއި އިޚްވާނުލް މުސްލިމޫންއަށް ވާގިވެރިވާ ވާގިވެރިވުން ހުއްޓާލަންޖެހޭ ކަމަށެވެ. ޚަރިޖީ ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ސައުދީ އަރަބިޔާއިން ޤަތަރާއި އޮންނަ ގުޅުން ކަނޑާލިތާ ދެދުވަސް ފަހުންނެވެ.

މިހިސާބަށް ކަންތައް ގޮސްފައިވާއިރު އުފެދޭ ސުވާލަކީ އިޚްވާނުލް މުސްލިމޫން މިއީ ކޮން ބައެއް ހެއްޔެވެ؟ ފެއްޓުނީ ކިހިނެއް ހެއްޔެވެ؟ މިހަރަކާތުގެ ބާނީ އަކީ ކާކުހެއްޔެވެ؟

އިޚްވާނުލް މުސްލިމޫން އުފެދުން

1924 ވަނަ އަހަރު ތުރުކީގައި އޮތް އުޡްމާނީ ޚިލާފަތު ރަސްމީކޮށް އުވާލެވުން ވެގެންދިޔައީ މުސްލިމުން އިހުނަށްވުރެ ނިކަމެތިވެ ބަލިކަށިވެގެން ދިޔަ ކަމެއްކަމުގައެވެ. އެދުވަސްވަރު މިޞްރުގެ ހާލަތަށް ބަލާއިރު އެޤައުމުވަނީ އިނގެރޭސީންގެ އިސްތިއުމާރުގެ ދަށުގައެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ވަކިތަކުން ސަލާމަތްވުމަށް މިޞްރުގައި އެދުވަސްވަރު ވަޠަނުގެ މިނިވަންކަމަށާއި އިސްލާމީ ޘަޤާފަތަށް ގޮވާލާ ތަފާތު ހަރަކާތްތަކާއި ޝަޚްޞިއްޔަތުތައް ފާޅުވަމުން ދިޔައެވެ. އިޚްވާނުލް މުސްލިމޫން ވެސް އުފެދުނީ މި ދުވަސްވަރުގައެވެ.

އެގޮތުން 1928 ވަނަ އަހަރު މާރިޗް މަހު އިސްމާޢީލިއްޔާގައި، ޙަސަން އަޙްމަދު ޢަބްދުއްރަޙްމާން އަލްބައްނާ ނުވަތަ ޙަސަނުލް ބައްނާ “އިޚްވާނުލް މުސްލިމޫން” ޖަމާޢަތް އުފެއްދެވިއެވެ. އަދި 26 އެޕްރީލް 1933 ގައި ”އަޚަވާތުލް މުސްލިމާތު” ގެ ނަމުގައި އިޚްވާން ގެ އަންހެން ގޮތްޕެއް އުފެއްދެވިއެވެ.

އިޚްވާނުލް މުސްލިމޫން ފާހަގަވެފައިވަނީ އެޖަމާއަތް ވުޖޫދަށްއައުމާއެކުހެން، ޢިލްމީ ހަމަތަކުގެމަތިން އެޖަމާއަތުގެ ފިކުރާއި ސިޔާސަތު ބިނާކުރާ ޖަމާއަތެއް ގޮތުގައެވެ. މިއާއެކު އިޚްވާނުން ވެފައިވަނީ އަބަދުވެސް އިންސާނީ ޚިދުމަތުގެ މައިދާނުގައި ފާހަގަކޮށްލެވޭ ޖަމާއަތެކެވެ. އެޖަމާއަތުގެ ފަރާތުން ނިކަމެތި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ހިލޭ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސްކޫލްތައްފަދަ ތަންތަން ހިންގައެވެ. މިޞްރުގެ އަނިޔާވެރި ވެރިކަންތަކުން ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ފާޅުގައި އަޑުއުފުލައި ރައްޔިތުންނާއި ވަތަނުގެ ފައިދާއާއި މަސްލަހަތަށް ބޮޑެތި ޤުރުބާނީތަކެއް ވަމުން ގެންދިޔައެވެ. މިއާއެކު މިޖަމާއަތް ވެގެންގޮސްފައިވަނީ މިޞްރުގެ އެންމެ ގިނަ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ޖަމާއަތަށެވެ.

ހަސަނުލް ބައްނާއަކީ ކާކު؟
ޙަސަނުލް ބައްނާގެ ފުރިހަމަ ނަންފުޅަކީ ޙަސަން އަޙްމަދު ޢަބްދުއްރަޙްމާން އަލްބައްނާ އެވެ. އެބޭފުޅާ އުފަންވެވަޑައިގަތީ މިޞްރުގެ ބުޙައިރާ މުޙާފަޡާގެ މަޙްމޫދިއްޔާ އޭ ކިޔޭ ރަށުގައި 1906 ވަނަ އަހަރުގެ އޮކްޓޫބަރމަހުގެ ތެރޭގައެވެ.

މެދުފަންތީގެ ދަނޑުވެރި ދީންވެރި އާއިލާއަކަށް އުފަން ހަސަނުލް ބައްނާ ދީނީ ޢިލްމު އުނގެނިވަޑައިގަތީ އިސްކަންދަރިއްޔާގައި ހުންނަ އިބްރާހިމް ބާޝާ މިސްކިތުންނެވެ. އަދި ހަދީޡް ޢިލްމުގެ ފުންނާބުއުސް ޢިލްމުވެރިއަކަށް ވަޑައިގަތް ފޮތްވެސް ލިޔުއްވެވިއެވެ. އެގޮތުން ލިޔުއްވި އެއްފޮތަކީ “އަލްފަތުޙުއް ރައްބާނީ ފީ ތަރުތީބި މުސްނަދު އަޙްމަދު” އެވެ. ހަސަނުލް ބައްނާ ތައުލީމީ ހަޔާތް ނިންމަވާލެއްވީ މިޞްރުގެ ވެރިރަށް ގާހިރާގައި ހުންނަ ދާރުލް އުލޫމްއިންނެވެ. އެތަނުގައި ހަސަނުލް ބައްނާ ޢަރަބި ބަސް، އަދަބު، ދީން، ޖޯގްރަފީ، ތާރީޚް ގެ އިތުރަށް ސިޔާސީ ޢިލްމާއި އިޤްތިޞާދީ ޢިލްމު ހާސިލްކުރެއްވެވިއެވެ.

ތައުލީމީ ހަޔާތް ނިންމާލެއްވުމަށްފަހު އިސްމާޢީލިއްޔާގެ މަދަރުސާއެއްގައި ޢަރަބި ބަހުގެ މުދައްރިސެއްގެ ގޮތުގައި ހަސަނުލް ބައްނާ މަސައްކަތްކުރެއްވިއެވެ. ނަމަވެސް އިޚްވާނުލް މުސްލިމޫންގެ ހަރަކާތްތަކަށް ވަގުތު އެއްކޮށް ހުސްކުރައްވަން، 1946 ވަނަ އަހަރު މުދައްރިސް ކަމުން އިސްތިއުފާދެއްވިއެވެ.

ހަސަނުލް ބައްނާގެ އުމުރުފުޅުން 13 އަހަރުން ފެށިގެން މިޞްރުގައި ހިނގަމުންދިޔަ ވަތަނީ ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ދިޔައެވެ. އެގޮތުން މިޞްރުގައި އިނގިރޭސި ސިފައިންނާއި ދެކޮޅަށް އޭރު ކުރެވެމުންދިޔަ މުޒާހަރާތަކުގައި ހަސަނުލް ބައްނާ ދިޔައީ ބައިވެރިވަމުންނެވެ.

އިޚްވާނުލް މުސްލިމޫންގެ ފިކުރު

“އަލްއިސްލާމް ހުވަ އަލްޙައްލު” ނުވަތަ “އިސްލާމް ދީނަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލެވެ” މި ޝިޢާރުގެ ދަށުން ޙަރަކާތްތެރިވާން ފެށި އިޚްވާނުލް މުސްލިމޫންގެ ސިޔާސަތަކީ އިސްލާމީ އުއްމަތުގެ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ސިޔާސީ ޙަޔާތުގެ ހުރިހާ ކަމެއް ކީރިތި ޤުރުއާނާއި މާތް ސުންނަތުގެ ތަރަހައިގެ މަތީގައި ކުރަމުން ގެންދިޔުމެވެ.

އިޚްވާނުލް މުސްލިމޫންގެ ބާނީ ހަސަނުލް ބައްނާ ވިދާލުވަމުން ގެންދެވީ އިޚްވާނުލް މުސްލިމޫންއަކީ ސާފު ސާދާ އިސްލާމް ދީނަށް އަލުން މުޖްތަމަޢު އައުމަށް ގޮވާލާ، ދިރިއުޅުމުގެ މަންހަޖަކަށް އިސްލާމް ދީން ނެގުމަށް ގޮވާލާ، އިޞްލާޙީ ޙަރަކާތެއްކަމަށެވެ. މިފިކުރާއެކު މުޅި މިޞްރަށް އިޚްވާނުލް މުސްލިމޫން ފެތުރި ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު ޖަމާއަތަކަށް މިޖަމާއަތްވެގެން ދިޔައެވެ.

މިހަރަކާތުގެ ސިޔާސަތުތައް ހަސަނުލް ބައްނާ ބައްޓަންކުރެއްވީ އެއްމެ ފުރަތަމަ މުސްލިމް ފަރުދެއް ބިނާކުރެއްވުމަށެވެ. އެއަށް ފަހު މުސްލިމް އާއިލާ އެއްގެ ހަރުދަނާ ބިންގާ އެޅި، މުސްލިމް މުޖްތަމައުއެއް އުފަންކުރުމަށެވެ. އެއަށްފަހުގައި މުސްލިމް ސަރުކާރެއް އުފައްދާ މުސްލިމް ޚިލާފަތެއް ޤާއިމް ކުރެއްވުމަކީ އިޚްވާނުލް މުސްލިމޫންގެ ތަސައްވުރެވެ.

މިތަސައްވަރަށް ވާސިލްވުމަށް ހަސަނުލް ބައްނާ ލަނޑުދަނޑިތަކެއް ކަނޑައެޅުއްވިއެވެ. އެގޮތުން:
– ބޭރުގެ ބާރުތަކުން އިސްލާމީ ވަތަން މިނިވަންކުރުން. އަދި މިކަމަށް މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކަސްވެސް ލިބިގެންވާ ހައްޤެއްކަމުގައި ހަސަނުލް ބައްނާ ވިދާޅުވެފައިވޭ
– މިނިވަން ވަތަނުގައި އިސްލާމްދީނުގެ ޙުކުމްތަކާ އެއްގޮތަށް ޢަމަލު ކުރާ އިޖްތިމާޢީ ނިޒާމުގައި ދީން ތަންފީޒު ކުރެވޭ ދައުލަތެއް ޤާއިމްކުރުން

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!