ބައްޝާރުލް އަސަދު ނިސްބަތްވާ ނުޞެއިރީ ފިރުޤާގެ ކުފުރު ޢަޤީދާ!

  • ބައްޝާރުލް އަސަދުގެ ފޮޓޯއަކަށް އޭނައަށް ތަބާވާ ބަޔަކު ސަޖިދަ ކުރަނީ!

ނުޞެއިރީ ފިރުޤައަކީ ބާޠިނީ ފިރުޤާތަކުގެ ތެރެއިން ފިރުޤައެކެވެ. ބާޠިނީ ފިރުޤާތަކަކީ ދީނުގައިވާ ހުރިހާ ކަމެއްގައި ފޮރުވިފައިވާ މާނަތަކެއްވާ ކަމަށް ދަޢުވާ ކުރާ ފިރުޤަތަކަށް ކިޔާ ނަމެވެ. އަދި އެ މާނަތައް އެނގެނީ އެމީހުންގެ ތެރެއިން ޚާއްޞަ ބަޔަކަށް ކަމަށް ބުނެ އުޅެއެވެ. ޢާންމުންނަށް އެ މާނަތަކެއް ނޭނގޭނެ ކަމަށް ބުނެ އުޅެއެވެ. އަދި ޢާންމުންނަށް އެ މީހުންގެ ޢަޤީދާ ކިޔައި ދިނުމަކީވެސް މަނާ ކަމެއްކަމުގައި އެމީހުން ވަނީ ކަނޑައަޅާފައެވެ.

ނުޞެއިރީ ނުވަތަ ނުޞެއިރިއްޔާ މި ފިރުޤާއަށް މި ލަޤަބު ދެވިފައިވަނީ މުޙައްމަދު އިބްނު ނުޞެއިރީ އައްނަމީރީއަށް ނިސްބަތް ކޮށެވެ. މިއީ ހިޖުރައިން ތިންވަނަ ޤަރުނުގައި އުޅުނު މީހެކެވެ.

ނުޞެއިރީންނަކީ ޝީޢީންގެ ތެރެއިން އެންމެ ނުބައި އެއް ފިރުޤައެވެ. އެހެނީ، މިބައިމީހުން ޤަބޫލު ކުރާގޮތުން ޢަލީގެފާނަކީ އިލާހެކެވެެ. އަދި އިލާހުވަންތަކަމުގެ ހުރިހާ ސިފަތަކެއް ޢަލީގެފާނަށް ލިބިފައިވާ ކަމަށް މިބައިމީހުން އިޢުތިޤާދު ކުރެއެވެ. މީގެ އިތުރުން، ” ތަނާސުޚުލް އަރުވާޙި” އަށްވެސް އީމާންވާ ބައެކެވެ. ދިވެހިންނަށް، މިއީ ކޯންޗެއްކަން އެންމެ ފަޞޭޙައިން އެނގޭނީ، ހިންދީ ދީނުގައި އޮންނަ، “ދޮބާރާ ޖަނަމް” އޭ ބުނުމުންނެވެ. އެއީ މަރުވުމަށްފަހު، އޭނަގެ ފުރާނަ، އެހެން އިންސާނެއްގެ ނުވަތަ ޖަަނަވާރެއްގެ ގޮތުގައި އަލުން އުފަންވުމެވެ. އެހެންކަމުން، ޢަލީގެފާނަކީ އިލާހެއް ކަމަށް މިބައިމީހުން ދަޢުވާ ކުރުމުގެ އިތުރުން މިބައިމީހުންގެ ފާސިދު ޢަޤީދާގެ ތެރޭގައި ހިމެނެނީ “ތަނާސުޚެވެ”. ދެން ކުރިން ދެންނެވި ގޮތަށް، ބާޠިނީ ފިރުޤައަކަށް ވުމުން، ދީނުގެ ހުރިހާ ކަމެއް، ނުބައި ތައުވީލަކުން ތައުވީލުކުރުންވެސް ހިމެނެއެވެ. އަދި ފޮރުވިފައިވާ މާނަތަކެއްވާ ކަމަށް ދަޢުވާ ކުރެއެވެ.

ނުޞެއިރީ ޢަޤީދާގެ، އިތުރު ތަފުޞީލަކަށް ދާއިރު، ނަޞާރާއިން ގެންގުޅޭ ކަހަލަ 3 އިލާހުވަންތަ ކަމުގެ “ކޮންސެޕްޓެއް” ނުޞެއިރީންވެސް ގެންގުޅެއެވެ. އެއީ، ތިން އަކުރެވެ. ع ، م ، سއެވެ. އެބަހީ، ޢަލީގެފާނާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ސަލްމާނުލް ފާރިސީއެވެ. ޢަލީގެފާނަކީ އިލާހުވަންތަ ކަމުގެ އެންމެ ބޮޑު އިލާހުކަމުގައި ދެކެެއެވެ. ޢަލީގެފާނުގެ ސިފާގައި ބިންމަތީގައި އުޅުއްވީ އިލާހު ކަމުގައި މިބައިމީހުން އިޢުތިޤާދު ކުރެއެވެ. އަދި މުޙައްމަދުގެފާނު ޚަލްޤު ކުރެއްވީ ޢަލީގެފާނު ކަމުގައި ބުނެއެވެ. އަދި އެއަށްފަހު މުޙައްމަދުގެފާނު، ސަލްމާނުލް ފާރިސީ ޚަލްޤުކުރެއްވިކަމަށް ބުނެއެވެ. އަދި ސަލްމާނުލް ފާރިސީ ، 5 އައިތާމުން ޚަލްޤުކުރެއްވި ކަމަށް ދަޢުވާ ކުރެއެވެ. އެއީ އަލްމިޤްދާދު، އަބޫ ޛައްރުލް ޣިފާރީ، ޢަބްދުﷲ އިބްނު ރަވާޙާ، ޢުޘްމާނު އިބްނު މަޡްޢޫމު އާއި ޤަންބަރު އިބްނު ކާދާންއެވެ. އެ 5 އައިތާމުންނަށް ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމުގެ ބާރު ދެއްވިކަމަށްވެސް މި ބައިމީހުންގެ އިޢުތިޤާދުގައި ވެއެވެ. އެގޮތުން މިޤުދާދަކީ އިންސާނުންގެ ރައްބެވެ. އަބޫ ޛައްރަކީ ތަރި ހަނދު ދައުރު ކުރުވާ ފަރާތެވެ. ޢަބްދުﷲ އިބްނު ރަވާޙާއަކީ ވައި ރޯޅި ފޮނުއްވުމާއި، ފުރާނަ ހިއްޕަވާ ފަރާތެވެ. އުޘްމާނަކީ އިންސާނުންނަށް ބަލިމަޑުކަން ޖައްސަވާ ފަރާތެވެ. ޤަންބަރަކީ ފުރާނަ އަޅުއްވާ ފަރާތްކަމުގައި އިޢުތިޤާދު ކުރެއެވެ.

ނަޞާރާއިންގެ އަސަރު މިބައިމީހުންގެ ޢަޤީދާއަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެގޮތުން، ނަޞާރާއިންގެ އިޙުތިފާލުތައް ފާހަނގަކުރުމާއި، ނަޞާރާއިންގެ އަޅުކަމާއި ވައްތަރު އަޅުކަންތައް ކުރުމާއި، ރަލަކީ މަތިވެރި އެއްޗެއް ކަމަށް  ދެކުން ހިމެނެއެވެ.

ސުވަރުގެ އަދި ނަރަކަ އަކީ ވާ އެއްޗެއް ކަމަށް މިބައިމީހުން ޤަބޫލެއް ނުކުރެއެވެ. ކުރިން ދެންނެވި ގޮތަށް، ‘ތަނާސުޚުލް އަރުވާޙަށް” އީމާންވާ ބަޔަކަށްވާތީއެވެ. މަރުވުމަށްފަހު، އެނެއްކާވެސް އެ މަރުވި މީހާގެ ފުރާނަ އެހެން ކޮންމެވެސް އެއްޗެކަށް ބަދަލުވެގެން އަންނަ ކަމަށް ޤަބޫލު ކުރެއެވެ. އެހެން ކަމުން، އާޚިރަތަކީ ވާ އެއްޗެއް ނޫނެވެ. އަޒާބުވެސް އަދި ސަވާބުވެސް ލިބުންވަނީ މިދުނިޔެ މަތީގައެވެ. ޞާލިޙުންގެ ފުރާނަ ތަރިތަކަށް ވާ ކަމަށް ޤަބޫލުކުރެއެވެ. އަދި ނުބައި ނުލަފާ މީހުންގެ ފުރާނަތަށް ޙައިވާނުންގެ ސިފަތަކަށް ބަދަލުވާ ކަމަށް ޤަބޫލުކުރެއެވެ. އެއީ އެބައިމީހުންގެ ނުބައި ކަމުގެ ސަޒާކަމުގައި ދެކެއެވެ.

މީގެ އިތުރުން ކޮންމެ އަޅުކަމަކީ ރަމްޒެއް ކަމުގައި ބުނެއެވެ. އެގޮތުން ރަމަޟާންމަހު ރޯދަ ހިފުމަކީ، “ޢަބްދުﷲ އިބްނު ޢަބްދުލް މުއްޠަލިބު”ގެ ޒިކުރު ކުރުން ކަމުގައި ދެކެއެވެ. އަދި ނަމާދު ކުރުމަކީ، ” އައްސައްޔިދު މުޙައްމަދު ” މިހެން ޒިކުރު ކޮށްލުން ކަމުގައި ހަމަޖައްސާފައިވެއެވެ.

މިއީ އެއްވެސް ވަރަކަށް ތަފްސީލަކަށް ނުގޮސް، އަދި ވަރަށް ގިނަ ކަންތައްތަކެއް އުނި ކުރުމަށްފަހު، މިބައިމީހުންގެ ފާސިދު ޢަޤީދާއާ ބެހޭގޮތުން ހުށައަޅާލި ކުރު ލިޔުމެކެވެ. މިބައިމީހުންގެ ޢަޤީދާގެ ފާސިދުކަން ބަޔާންކުރުމަށް މިވަރު ފުދޭ ކަމަށް ދެކޭތީއެވެ.

އެހެންކަމުން، ދީނީ ގޮތުން، މި ނުޞެއިރީ ފިރުޤާއަށް ޙުކުމެއް ކަނޑައަޅާނަމަ، ބުނެވެން އޮތީ، މިއީ އިސްލާމްދީނާއި މުސްލިމުންނާ އެއްވެސް ގުޅުމެއް އޮތް ފިރުޤައެއް ނޫން ކަމުގައެވެ. އެހެނީ، މިއީ ﷲ އަކީ ޢަލީގެފާނާއި އެހެން ބައެއް މަޚްލޫޤުންގެ ހަށިތަކުގައި ޙުލޫލުވެ ވޮޑިގެންވާ އިލާހެއް ކަމަށް މި ފިރުޤާގެ އިޢުތިޤާދުގައި ވާތީއެވެ. މިޒަމާނަށް ބަލާއިރުވެސް، ބައެއް ފަހަރު، މި ފިރުޤައަށް ތަބާވާ ބައެއް މީހުން ބައްޝާރުލް އަސަދުގެ ފޮޓޯ އަށް ސަޖިދަ ކުރާ ތަން ފެނެއެވެ. އަދި لا إله إلا بشارއޭ ކިޔާތަންވެސް ފެނެއެވެ. އެއީ  ޙުލޫލަށް އީމާންވާ މި ފާސިދު ޢަޤީދާގެ ތެރެއިން އަންނަ ކަމެކެވެ. އެއީ ވަލިޔުލް އަމުރަކީ އިލާހެއްކަމަށް ނުވަތަ އިލާހު ވަނީ އޭނަގެ ހަށިގަނޑަށް ޙުލޫލުވެވަޑައިގެން ކަމަށް އީމާންވާ ފިރުޤައަކަށްވާތީއެވެ. އެހެންކަމުން، އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ އަސާސު ކަމުގައިވާ ތައުޙީދުގެ އަސާސު އޭގެ މުލުން ލުހެލާފައިވާ ބަޔަކު އިސްލާމްދީނާއި މުސްލިމުންނާ ގުޅުވާލެވޭނެ އެއްވެސް ގޮތެއް ނޯންނާއެވެ. އަދި މި ފިރުޤާއަކީީ އިސްލާމީ ފިރުޤާއެކޭ ބުނުމަކީވެސް ގޯހެކެވެ. އޮޅުމެކެވެ.

މި ދެންނެވީ އުލޫހިއްޔަތުގައި އަދި އެއްކައުވަންތަ ކަމުގައި ހުރި ފާސިދު ކަމުގެ ވާހަކައެކެވެ. ދެން ޝަރީޢަތަށް ބަލާއިރު، ހުރިހާ ފަރުޟު އަޅުކަމެއް ވަނީ ނުބައި ތައުވީލަކުން ތައުވީލު ކޮށްފައެވެ. ނަމާދާއި ރޯދަފަދަ މަތިވެރި އަޅުކަންތަކުގެ މުޅި މަފްހޫމު ބަދަލުކޮށް، ޒިކުރު ކުރެވޭ، އިންސާނުންގެ ނަންތަކެއް ކަމުގައި ވަނީ ހަދާފައެވެ.

މީގެ އިތުރުން، އާޚިރަތް ދުވަހަށް އިންކާރު ކުރުމާއި، ސުވަރުގެއާއި ނަރަކަ އެއް ނުވާ ކަމަށް ބުނުމާއި، ޙަރާމްކުރައްވާފައިވާ ގިނަ ކަންތައްތަކެއް، ޒިނޭ އާއި ރަލަކީ ޙަލާލު އެއްޗެއް ކަމަށް ހަދާފައި ވުމަކީ މި ފިރުޤާގެ ކުފުރާމެދު ޝައްކު ކުރަން ނުޖެހޭފަދަ ޙަޤީޤަތްތަކެވެ.

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ފަދަ ޢިލްމުވެރިން މި ފިރުޤާއާ ދެކޮޅަށް ޢަމަލުންނާއި ބަހުން ދެކޮޅު ހައްދަވާފައިވާ ކަމީ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެކެވެ. އިބުނު ތައިމިއްޔާ ރަޙިމަހުﷲ މި ބާޠިނީ ފިރުޤަތަކާމެދު ވިދާޅުވެފައިވަނީ މިފިރުޤަތަކަކީ ޔަހޫދީންނާއި ނަޞާރާއިންނަށް ވުރެ ކުފުރުގެ ގޮތުން ކުފުރު ބޮޑު ބައެއްކަމުގައެވެ. އަދި ގިނަ މުޝްރިކުންނަށްވުރެ، މިބައިމީހުންގެ ކުފުރު ބޮޑު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މުޙައްމަދުގެފާނުގެ އުއްމަތަށް މިބައިމީހުންގެ ގެއްލުން އަދި ނުރައްކާ މި ދީނާ ހަނގުރަމާ ކުރާ ތަތާރުންނާއި ފަރަންޖީންނާއި އަދިވެސް އެހެން ބައިގަނޑަށްވުރެ ބޮޑު ކަމަށެވެ. މިބައިމީހުންނަކީ ޙަޤީޤަތުގައި ﷲ އާއި އެކަލާނގެ ރަސޫލާއަށް އަދި އެކަލާނގެ ފޮތަށް ، އެކަލާނގެ އަމުރުތަކަށް އަދި ނަހީތަކަށް އަދި ސަވާބައި ދަރުމައަށް ނަރަކާއާއި ސުވަރުގެއަށް އަދި މުޙައްމަދުގެފާނުގެ ކުރީގެ އެއްެވެސް ނަބިއްޔަކަށް އަދި އެއްވެސް މިއްލަތަކަށް އަދި އެއްވެސް ކުރީގެ ދީނަކަށް އީމާންވާ ބައެއް ނޫން ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ.

 

އެހެންކަމުން، ކުފުރުގެ މި ހުރިހާ ސިފަތަކެއް ޖަމާވެފައިވާ ފިރުޤައެއްކަމުގައި ނުޞެއިރީ ފިރުޤަ ހިމެނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!