އަންނަނީ ރަމަޞާން ކަރީމް

މަސްތަކުގެ ތެރެއިން އެންމެ މާތް ކުރެވިގެންވާ މަސް، އާދެ ރަމަޞާން މަސް އަހަރެމެންނާއި  ބައްދަލު ކުރަނީއެވެ. އެމަހަކީ އެމަހެއްގައި ރޭތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ޤަދްރީގެ ރޭ އެމަހެއްގައި އަހަރެމެންނާއި ބައްދަލު ކުރާމަހެވެ. އިންސާނުން އުޅެންވީ ގޮތުގެ އެންމެ  ފުރިހަމަ ގައިޑްލައިން އާދެ ކީރިތި ޤުރުއާން ބާއްވާލެވުނީ މާތްވެގެންވާ ރަމަޞާންމަހުއެވެ. އެމަހަކީ އެތައް ޚާއްސިއްޔަތަކާއިއެކު ލައްވަވާފައިވާ މުސްލިމުން އެމަހަކަށްޓަކައި އިންތިޒާރު ކޮށް ކޮށް ތިބޭ މަހެކެވެ.

ރަމަޞާންމަހާއި އަހަރެމެން ބައްދަލުކުރާއިރު ރަމަޞާންމަހަށް އަހަރެމެންނަށްަ ތައްޔާރުވެވުނީ ކިހާވަރަކަށް ކޮން ގޮތަކަށްތޯ ސުވާލު ކޮށްލަމާތޯއެވެ؟ ދުނިޔަވީ ގޮތުންތޯ ނުވަތަ ރޫޙާނީ ގޮތުންތޯ ބަލައިލަމާތޯއެވެ. ބަދިގެ ކަބަޑާއި ހިފާގެންގުޅޭ ތަކެތި ބަދަލު ކުރެވުނީތޯއެވެ؟ ގޭގެ ސޯފާޔާއި ނިދާ އެނދާއި އަލަމާރި ބަދަލުކުރެވުނީތޯއެވެ؟ އެނދުގައި އަޅާ ބެޑްޝީޓާއި ދޮރުފޮތި އާ ކުރެވުނިތޯއެވެ؟

ރަމަޞާން މަހަށް އިސްތިޤްބާލް ކުރުމުގެ ގޮތުން އަހަރެމެން ދިވެހިންނަށް ގިނައިން ތައްޔާރުވެވުނީ މާއްދީ ގޮތުންނެވެ. ދުނިޔަވީ ޙަޔާތަށް މަންފަޢަ ކުރަނިވި ގޮތުންނެވެ. ތައްޔާރުވާންވީ އެގޮތް ގޮތުން ތޯއެވެ؟ ރަމަޞާން މަހަށް އަޅުގަނޑުމެން ތައްޔާރުވާންވީ ރޫޙާނީ ގޮތުންނެވެ. ތައްޔާރީތަށް ކުރަންވީ އުޚްރަވީ ފައިދާތަށް ހޯދުމަށެވެ.

ރަމަޞާން މަހަށް ތައްޔާރުވާއިރުު އެމަހަށް އަހަރެމެންގެ ނަފްސުތަށް ތައްޔާރުކުރަންޖެހެއެވެ. އިންސާނުންނަށް ވީތީ އަހަރެމެންނަކީ ފާފަތަކަށް އަރައިގަނެވޭ ބަޔެކެވެ. ސިއްރާއި ފާޅުގައެވެ. ހަނދާންނެތިވާ ޙާލުގަޔާއި ނޭނގިވާހާލުގައެވެ. އެކަމަށްޓަކައި އަހަރެމެންނަށް އޮތީ ތަޢުބާވުމެވެ. ރުއްސެވުމާއި ޢަފޫ ދެއްވުންވަނީ ރަޙްމާންވަންތަ އިލާހުގެ ހަޟްރަތުންނެވެ.

ރަމަޞާން މަހަށްޓަކައިި އެންމެ ފުރަތަމަ އަހަރެމެން އަހަރެމެންގެ ނަފްސުތަށް އިސްލާޙު ކުރަމާތޯއެވެ؟  އިސްވެ ގޮސްފައިވާ ފާފަތަކަށް އިޚްލާސްތެރި ތަޢުބާއަކުން ތަޢުބާވަމާތޯއެވެ؟ ފާފަތަކުން ދުރުވެ ތިބެވޭތޯ ދުޢާ ކުރަމާތޯއެވެ. ދީނުގެ ފުރިހަމަ މަގުގައި އަހަރެމެންގެ ހިތްތަށް ސާބިތު ކޮށްދެއްވާތޯ މިދުޢާއިން ދަންނަވަމާތޯއެވެ؟ اللهم يا مقلب القلوب ثبت قلبي علي دينك  މާނައީ އޭހިތްތަކުގެ ވެރި އިލާހެވެ. މިއަޅާގެ ހިތް އިބައިލީހުގެ ދީނުގެ މަތީގައި ޘާބިތު ކުރައްވާށިއެވެ.

ރަމަޞާން މަހަކީ އެމަހެއް އަޅުކަމަށް ޙާއްސަ ކުރަންވީ މަހެކެވެ. އެމަސް ޙާއްސަ މިވަނީވެސް އިސްލާމް ކަމުގެ ރުކުން ތަކުގެ ތެރޭގައި ހިމެނޭ  މަތިވެރި އަޅުކަމަކަށް އެމަސް ޙާއްސަ ވެފައި ވާތީއެވެ. ރަމަޞާން މަހަކީ އެމަހުގެ ހެޔޮ ދަރުމަ ހޯދުމަށް ޓަކައި ކޮންމެ މުސްލިމަކުވެސް ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ މަހެކެވެ. ރަސޫލާ صلي الله عليه وسلم ގެ ޙަދީޘް ފުޅެއްގައި ވެއެވެ. “من صام رمضان إيماناً وإحتساباً ، غُفر له ما تقدم من ذنبه” މާނައީ: އީމާން ތެރިކަމާއިއެކު ޘަވާބު ލިބުން އަދައި  ރަމަޞާން މަހުގެ ރޯދަ ހިފައިމީހާއަށް އޭނާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުއްސަވައިދެއްވާނެތެވެ.” ރަމަޞާން މަހަކީ އަހަރެމެންގެ ވެރި ރައްބުގެ ރުއްސެވުމާއި ފުއްސެވުން އެދޭ މީހަކަށް ނަމަ ބޮޑުވެގެންވާ ފުރުސަތެކެވެ. އަދިވެސް ރަސޫލާ صلي الله عليه وسلم ގެ ޙަދީޘް ބަސް ފުޅެއްގައި އައިސްފައިވެއެވެ. ” إذا جاء رمضان فُتّحت أبواب الجنة ، وغُلّقت أبواب النار ، وصُفّدت الشياطين” މާނައީ “ރަމަޞާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި ޝައިތާނުން ކަސްތޮޅު އެޅުވެއެވެ.” ނަރަކައިން އެއްކިބަވެ ސުވަރުގޭގެ ނިޢުމަތް އެދޭ މީހާއަށް ރަމަޞާން މަހަކީ ކިހާ މަތިވެރި ފުރުސަތެއްކަން މި ޙަދީޘް ފުޅުން އެނގިގެން އެބަދެއެވެ.

ރަމަޞާން މަހަކީ މީރު ކާތަކެތިން އުފާ ކުރަންވި މަހެއްކަމަށް އަހަރެމެން ދިވެހިންނަށް މިވަނީ ހީވެފައެވެ. ނުކެވި އުކާލަން ޖެހުނަސް ރޯދަ ވީއްލާ ވަގުތަށާއި ތަރާވީސް ދަމަށްވެސް އެތަށް ވައްތަރަކުން އެތައް އެއްޗެއް ހަދައި ތައްޔާރު ކުރެއެވެ. ރޯދަ ވީއްލާ ވަގުތު ބަނޑު ފުރި ހިރި ނުލެވޭ ވަރަށް ކާމީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. ރޯދަހިފުމުގެ މަޤްސަދަކީ މީރު ކާބޯތަކެތި އެއްކޮށްގެން ކެއުންތޯއެވެ؟ މަޢްރިބް ނަމާދު ނިންމާ ޢިޝާ ނަމާދަށް ފަހު ތަރާވީސް ނަމާދު ކުރަން އޮންނަކަން ހަނދުމަވެސް ނުހުންފަދައެވެ. ގިނައިން އެއްފަހަރާ ކައި ބަނޑުފުރާލުމުން ބުރަހެލިވެ ކަންނެތްވެއެވެ. ޢާފިލްވެ ނަމާދު އެޅޭ ތަންއާދެއެވެ.

ރަމަޞާން މަހުގައި އަޅުގަނޑުމެންގެ ޢަމަލުތަށް ހުންނަންވީ މިހެންތޯއެވެ؟ ރަމަޞާން މަހަކީ އެމަހެއްގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް އަޅުކަމާއި ގުޅުވައިގެން ކުރަންވީމައްސަރެވެ. ކެއުމާއި ނިދުންވެސް ކެއްކުމާއި ގޭތެރެ ސާފު ކުރުން ވެސް ގުޅުވަންވީ އަޅުކަމާއެވެ. ﷲގެ ރުއްސެވުން ހޯދުމާއެވެ. ރަމަޞާން މަހުގެ ރޭތައް އަޅުގަނޑުމެން ހަދަންވީ އަޅުކަން ކުރާ ރޭތަކަކަށެވެ. ރޭތައް ކުރުކުރަންވީ މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް ތަކަކުންނެއްނޫނެވެ. ސުންނަތް ނަމާދުތަށް ކުރުން ގިނަކުރަންވީއެވެ. ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުން ގިނަކުރަންވީއެވެ.

ކެއުމުގެ މަޖްލިސްތަކަށް އެއްވުމަށްވުރެ ޒިކުރުގެ މަޖްލިސް ތަކަށް އެއްވުން ރަނގަޅެވެ. މިކުރިމަތިލާ ރަމަޞާން މަހުގެ ހެޔޮކަން ލިބިގަތުމުގެ ތަވްފީޤް އަޅަމެން އެންމެނަށް އަޅަމެންްގެ ވެރި އިލާހު މިންވަރު ކުރައްވާށިއެވެ.

(ނިމުނީ)

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!